28 ޖަނަވަރީ 2024 - 13:36 0
އާމިނަތު ނިއުޝާ
ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީސް: އުރީދޫއަކީ އާންމުން ހިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް -- ފޮޓޯ: ޝާބިން/އަދަދު
28 ޖަނަވަރީ 2024 - 13:36 0
އުރީދޫއިން ސަރުކާރަށް ދައްކަން ޖެހޭ ފީ ފައިދާގެ ފަސް ޕަސެންޓަށް ދަށްކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
އުރީދޫން ދައްކަން ޖެހޭ ފީ ކުޑަކުރުމަށް ނިންމެވިކަން ހާމަކުރައްވަމުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމު ވިދާޅުވީ އެ ކުންފުނިން އެދިގެން ސަރުކާރުން މި ލުއި ދިނީ ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން 100 މިލިއަން ރުފިޔާ ދޭ ގޮތަށެވެ.
އުރީދޫ (ކުރިން ވަތަނިއްޔާ)އަކީ 2005 އިން ފެށިގެން ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރު ލައިސެންސް ނަގައިގެން ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މިއަދާ ހަމައަށް އެ ކުންފުނިން ފީގެ ގޮތުގައި ދައްކަމުން އައީ ފައިދާގެ ހަ ޕަސެންޓެވެ. އެއީ ކުލީގެ ގޮތުގައި ދައްކާ ފަސް ޕަސެންޓާއި އައިޓީސީ ދާއިރާ ކުރިއެރުވުމަށް ދައްކާ އެއް ޕަސެންޓެވެ.
އުރީދޫން ފައިސާ ދައްކާ ނިސްބަތް ފައިދާގެ ފަސް ޕަސެންޓަށް ކުޑަކުރުމުން، ޓެލެކޮމް ހިދުމަތްދޭ އަނެއް ކުންފުނި ދިރާގާ އެއްހަމަވީ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ފަހިވެގެން މިދަނީ ސަރުކާރުގެ މުހިންމު ސިޔާސަތަކަށެވެ. އެގޮތުން ތެލަސީމިއާ ހޮސްޕިޓަލެއް އަޅައި ބޯންމެރޯ ޓްރާންސްޕްލާންޓު ކުރެވޭނެ އިންތިޒާމު ރާއްޖޭގައި ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ސަރުކާރުން ވަނީ މީގެ ކުރިން މި މަޝްރޫއު އިއުލާންކޮށްފަ އެވެ. އަދި މި ހޮސްޕިޓަލާ ގުޅޭ ގޮތުން މަޝްވަރާކުރުމަކީ ރައީސް މުއިއްޒު ސަރުކާރުގެ ހަފުތާ 14 ރޯޑުމެފުގައި ހިމެނޭ ކަމެކެވެ. ހަމައެހެންމެ ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް އެސްޓީއޯ މެދުވެރިކޮށް އާސާންދައިގެ ތެރެއިން ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment