Advertisement

ގޯތި ހަވާލުކުރުން އަވަސް ކުރުމަށާއި އިންތިހާބު ފަސްކުރަން ގެންނަ އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްވައިފި

28 ޖަނަވަރީ 2024 - 10:19 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މަޖިލީހުގެ ތަޅުން، މިއަދު ޖަލްސާގައި ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވި -- ފޮޓޯ: މަޖިލިސް


ގޯތި ހަވާލުކުރުން އަވަސް ކުރުމަށާއި އިންތިހާބު ފަސްކުރަން ގެންނަ އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްވައިފި

28 ޖަނަވަރީ 2024 - 10:19 0

މާލޭ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަަމަށް ކަނޑައެޅި މީހުންނާ ގޯތި ހަވާލުކުރުން އަވަސްކުރުުމަށް ބިމާ ބެހޭ ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށާއި މަޖިލީސް އިންތިހާބުގެ ތާރީހު ބަދަލުކުރުމާ ގުޅޭ އިސްލާހުތަކުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު އިއްވައިފި އެވެ.

ބިންވެރިޔާ ސްކީމްގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލުކުރުމާ ގުޅޭ އިސްލާހު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ މާޅެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަސް ހައްލު ހޯދައި ދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން ދޫކުރި ގޯތިތައް އަދިވެސް ދޫކޮށްފައި ނުވާތީ އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށެވެ.

"ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެފަރާތްތަކުން އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަންޖެހޭ ގޮތް ހެދުމެވެ." ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި މީކާއިލް ފާހަގަ ކުރައްވާފައިވެ އެވެ.

މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލު ކުރުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރި ތާރީހާ ރޯދަ މަހުގެ ދުވަސްތަކާ ދިމާވާތީ އެވެ.

"މަޖިލީހުގެ އިންތިހާބުގެ ރޯދަ މަހާއި ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމާއި މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބުތަކުގައި ބާތިލު ވޯޓު ކަންބޮޑުވާ މިންވަރަށް ގިނަވަތީ އެކަމަށް ހައްލެއް ހޯދުމަސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ." މި ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ޝިފާއު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަަށް ދަނީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ކޮމެޓީއިން ނިންމި ނިންމުމަށް ބަހުސް ކުރުމެވެ. އެއަށްފަހު ވަޒީރުންނަސް ރުހުން ދިނުމުގެ މަސައްކަތް މިއަދު ތަޅުމުގައި ކުރިއަށް ދާނެ އެވެ.