Advertisement

ޔުއެފާގެ ރައީސް ނުފޫޒުން މަގާމުގައި ހުންނަން އުޅޭކަމުގެ ތުހުމަތެއް

27 ޖަނަވަރީ 2024 - 17:49 0


ޔުއެފާގެ ރައީސް ނުފޫޒުން މަގާމުގައި ހުންނަން އުޅޭކަމުގެ ތުހުމަތެއް

27 ޖަނަވަރީ 2024 - 17:49 0

ޒިއުރިކް (ޖެނުއަރީ 27) - ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން، މަގާމުގެ ނުފޫޒު ބޭނުންކޮށް، އެ ފެޑެރޭޝަންގެ އަސާސީ ގަވާއިދު ބަދަލުކޮށްގެން، މަގާމު ދިފާއުކުރަން އުޅޭ ކަމުގެ ތުހުމަތެއް ކުރިމަތިކޮށްފި އެވެ.

ސްލޮވީނިއާ އަށް އުފަން ގާނޫނީ ވަކީލު، ޗެފެރިން، ޔުއެފާގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. އެއީ، އޭރު އެ މަގާމުގައި ހުރި، ފްރާންސްގެ މިޝޭލް ޕްލަޓީނީ އަށް މަގާމު ގެއްލުމުންނެވެ. ޕްލަޓީނީގެ މަގާމު ގެއްލުނީ، ކޮރަޕްޝަންގެ ތުހުމަތުގައި ސަސްޕެންޝަންތަކެއް އައުމާ ގުޅިގެންނެވެ.

ޔުއެފާގެ ރައީސް ކަމަށް ޗެފެރިން އިންތިހާބުވުމަށް ފަހު، އެ ފެޑެރޭޝަންގެ އަސާސީ ގަވާއިދަށް ގެނައި ބޮޑު އެއް ބަދަލަކީ، އެއްވެސް ރައީސަކަށް މަގާމުގައި ތިން ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ ގޮތަށް ހެދުމަށެވެ.

އެ ބަދަލާ އެކު، ޗެފެރިން އަށް 2027 ވަނަ އަހަރުގެ ފަހުން، ޔުއެފާގެ ރައީސްގެ މަގާމުގައި ދެމި ނުހުރެވޭނެ އެވެ.

އެކަމަކު، ޗެފެރިންގެ އަރިސް ފަރާތްތަކުން އަންނަނީ، 2031 ވަނަ އަހަރާ ހަމައަށް އޭނާ އަށް ޔުއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނެ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެންނާށެވެ.

އެ ގޮތުން ބަދަލު ގެންނަން އުޅެނީ، 2017 ވަނަ އަހަރުގެ ކުރިން ޔުއެފާގެ ރައީސަކަށްް އިންތިހާބުވި އެއްވެސް ފަރާތެއްގެ ދައުރު، މި ތިން ދައުރު ތެރޭގައި ނުގުނާ ގޮތަށެވެ. މާނަ އަކީ، ޗެފެރިންގެ ފުރަތަމަ ދައުރު (2016 ވަނަ އަހަރުގެ އިންތިހާބަށް ފަހު) ފަށަނީ، މި މާއްދާ އަށް، އަހަރު ގުނަން ފަށާ މުއްދަތުގެ ކުރިން ގޮތަށް ދޭހަވާ ގޮތަށް އަސާސީ ގަވާއިދު ބަދަލުކުރުމެވެ.

މި ނިންމުން ކާމިޔާބުވެއްޖެނަމަ، 2027 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ޗެފެރިން އަށް ވާދަކުރެވޭނެ އެވެ. ޗެފެރިން މިދިޔަ އަހަރު ޔުއެފާގެ ރައީސްގެ މަގާމަށް އިންތިހާބުވިއިރު، ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓަކު ވެސް ނެތެވެ.

ޔުއެފާ ތެރޭގައި ޗެފެރިންގެ މި ރޭވުމަށް މަސައްކަތްތަކެއް ކުރަމުން އަންނާތީވެ، އެ އިދާރާގެ ޓެކްނިކަލް ޑިރެކްޓަރު، ކްރޮއޭޝިއާގެ ޒްވޮނިމީރް ބޮބާން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ބޮބާން ވިދާޅުވީ، ޗެފެރިން ބޭނުންވާ އެ ބަދަލު، އަންނަ ހަފްތާގައި ޕެރިހުގައި ބާއްވާ ޔުއެފާގެ އެގްޒެކްޓިވް ބައްދަލުވުމުގައި ފާސްކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.