Advertisement

ދައުރުގެ ފަހު ދުވަހު ހާމިދު ސޭޓުގެ ކުންފުންޏަށް ދެ ރަށާއި ދެ ފަޅު!

29 ޖަނަވަރީ 2024 - 11:16 2

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު (ކ) އާއި ހާމިދު އިސްމާއިލް: ކުރީގެ ރައީސް ސޯލިހު ވަނީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އަދީބަށް މާފުދެއްވާފައި -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު


ދައުރުގެ ފަހު ދުވަހު ހާމިދު ސޭޓުގެ ކުންފުންޏަށް ދެ ރަށާއި ދެ ފަޅު!

29 ޖަނަވަރީ 2024 - 11:16 2

އެމްއެމްޕީއާރުސީ ހިޔާނާތުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ހިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓު ކުންފުންޏަށް ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން، ކުރީ ސަރުކާރުން ދެ ފަޅާއި ދެ ރަށް ދީފައިވާ ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކޮށް، ރަށްތަކާއި ފަޅުތައް ދިނީ ކުރީ ސަރުކާރުގެ ދައުރުގެ ފަހު ދުވަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 16, ގަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ހޯދި ލިސްޓުން އެނގެނީ މި ހުރިހާ ތަނެއް 50 އަހަރަށް ކުއްޔަށް ދޭން އެއްބަސްވުމުގައި ސޮއިކޮށް، ދެ ފަޅާއި ދެ ރަށުގެ ހުރިހާ ހައްގުތަކަށް މިލޭނިއަމް ކެޕިޓަލްއަށް ދީފައިވާ ކަމެވެ. މިލޭނިއަމްއަށް ދިން ތަންތަނުގެ ތެރޭގައި ހިމެނެނީ ކ. ވެލައްސަރު ފަރު، ގއ. ފަރުހުޅެދޫ، ބ. ހުޅުދޫ، ވ. ކުޑަދިއްގަރު ފަޅެވެ.

ބަދަލުގެ ގޮތުގައި އެ ދެ ރަށާއި ދެ ފަޅު ދީފައި ވަނީ އެ ކުންފުނީގެ ދަށުގައި އޮތް ރަށެއް އަތުލި މައްސަލައިގެ ބަދަލެއްގެ ގޮތުންނެވެ. އެ ރަށް ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން އޮތީ ހުކުމް ވެސް ކޮށްފަ އެވެ.

މިހާތަނަށް އައިއިރު ކުރީ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް މި އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މި ނޫހުން އެއްކުރި މައުލޫމާތުން ކަށަވަރުވެފައި ވަނީ ރަށްތަކާއި ފަޅުތައް ދިނީ ނ. އެއްދުއްފަރު ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އައި ހުކުމަކާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ކަމެވެ.

އެއްދުއްފަރު މައްސަލަ

އެއްދުއްފަރު މައްސަލައިގެ އަސްލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި، ހއ. ކެލާގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ސޮއިކުރި އެއްބަސްވުމެކެވެ. އޭރުގެ ސަރުކާރުން އެއްބަސްވުން އެކުލަވާލީ މއ. ނެވަކޯން އަހުމަދު ޝަފީގު ކިޔާ މީހަކާ އެކީގަ އެވެ. އެއްބަސްވުމުގައި ސޮއިކުރި ތާރީހަކީ އޮކްޓޫބަރު 7، 2008 އެވެ.

އެ އެއްބަސްވުމުގެ ދަށުން އަހުމަދު ޝަފީގަށް ލިބިފައިވާ ހުރިހާ ހައްގެއް ހާމިދު ސޭޓަށް ބަދަލުކުރީ ޖަނަވަރީ 10، 2010 ގަ އެވެ. ހަމަ މި ދުވަސްވަރު ކ. ކާށިދުއްފަރު ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރަން ޝަފީގަށް ލިބިފައިވާ ހައްގުތައް ހާމިދަށް ބަދަލުކޮށްފައިވެ އެވެ. މި އެއްބަސްވުމުގެ މައްސަލަ ވެސް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

ކެލާގެ ބަދަލުގައި ހާމިދަށް އެއްދުއްފަރު ލިބުނީ އޭނާއަށް ބޮޑުބޭބެ ވިދާޅުވާ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރި އަދި ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެންނެވެ. އަދީބު އެކަން ކުރީ ރަށްތަށް ބަދަލުކުރަން އޭރުގެ ސަރުކާރުން ގެންގުޅުނު އުސޫލުގެ ތެރެއިންނެވެ. މިގޮތަށް އެތައް ރަށަކާ ގުޅޭ އެއްބަސްވުންތައް އެ ދުވަސްވަރު ބަދަލުކޮށްފައިވެ އެވެ.

ހާމިދަށް ރަށް ލިބުނު ހިސާބުން ކުރިން ވެފައި ހުރި އެއްބަސްވުންތަކަށް އުނިއިތުރު ގެނެސް އެޑެންޑަމްތަކެއްގައި ސޮއިކުރި އެވެ. އެންމެ ފުރަތަމަ އެޑެންޑަމްގައި އެއްބަސްވެވުނީ ރިސޯޓު އިމާރާތްކުރުމުގެ މުއްދަތު ގުނާ ތާރީހު ޑިސެމްބަރު 28، 2010 އިން ފެށުމަށެވެ. ދެވަނަ އެޑެންޑަމްގައި (ސޮއިކުރި ތާރީހަކީ ސެޕްޓެމްބަރު 20، 2013) އެއްބަސްވީ ރިސޯޓު ކުއްޔަށް ދިން މުއްދަތު 50 އަހަރަށް އިތުރުކޮށްދޭށެވެ.

ރިސޯޓުގެ ކުލީގެ މުއްދަތު އިތުރުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެއްދުއްފަރާ ގުޅޭ ހުރިހާ ހައްގެއް ހާމިދާއި ހާމިދުގެ ބޭބެ އިސްމާއިލް ހަމީދު ހިއްސާވާ މިލޭނިއަމް ކެޕިޓަލްއަށް ބަދަލުކުރި އެވެ. އެއީ ޖެނުއަރީ 21، 2015 ގައި އެވެ. މިލޭނިއަމްއަށް ރަށް ލިބުނުތަނާހެން އެ ކުންފުނިން އެއްދުއްފަރުގެ އެޑްވާންސް ލީސް ރެންޓުގެ ގޮތުގައި 2.28 މިލިއަން އެމެރިކާ ޑޮލަރު ދެއްކި އެވެ.

އެއްދުއްފަރު އަތުލީ ގޯސްކޮށް: ސިވިލް ކޯޓު

އެޑްވާންސް ކުލި ދެއްކުމަށް ފަހު ދެން އޮންނަ މަރުހަލާއަކީ ރިސޯޓު ތަރައްގީކުރާ ކޮންސެޕްޓު ހުށަހަޅުމެވެ. މި ކޮންސެޕްޓު މިލޭނިއަމްއިން ހުށަހެޅީ ފެބްރުއަރީ 23، 2015 ގަ އެވެ. މި ކޮންސެޕްޓް ޓޫރިޒަމް މިނިސްޓްރީއަށް ލިބި، ބަލައިގަތް ނަމަވެސް އެއްބަސްވުން ބާތިލުކުރުމާ ހަމައަށް މިނިސްޓްރީން ކޮންސެޕްޓް ފާސްކޮށްދީފައި ނުވެ އެވެ. އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތި އެ ކުންފުންޏާ މުއާމަލާތްކުރުން ހުއްޓާލި ކަމަށް މިލޭނިއަމްއިން ކޯޓުގައި ބުނެފައިވެ އެވެ.

އޭރުގެ ސަރުކާރުން މިލޭނިއަމްއާ މުއާމަލާތްކުރުން ހުއްޓާލި ދުވަސްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗު ގޮއްވާލި ދުވަސްވަރެވެ. މި ހާދިސާއަށް ފަހު ސަރުކާރުން ވަނީ އޭގެ މާ ކުރިން އޮޑިޓު އޮފީހުން އާންމުކޮށްފައި އޮތް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު މެކުހަށް ޖަހައި، ފިިނިފެންމާ ގޮއްވާލުމުގެ ތުހުމަތު ކުރެވޭ އަދީބާއި އޭރުގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒިޔަތު ހައްޔަރުކޮށްފަ އެވެ.

މި މައްސަލަގަނޑުގެ ތެރެއިން ހާމިދު ސޭޓު މެލޭޝިއާއިން އޮކްޓޫބަރު 28، 2015 ހައްޔަރުކުރީ ރައީސް ޔާމީން ގޮއްވާލާނެ ކަމަށް ބުނެ މެސެޖެއް ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. އެ މައްސަލައިގެ ބަންދުން ދޫކޮށްލުމުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރު ލޯންޑާ ކުރަން އަދީބަށް ވާގިވެރިވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް މި މައްސަލަ ސާބިތުވެ ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރި އެވެ.

މިލޭނިއަމްއިން ކޯޓުގައި ބުނީ އެ ކުންފުނީގެ ޗެއާމަން ހާމީދު ހައްޔަރުކުރި ހިސާބުން ސަރުކާރުން އެ ކުންފުންޏަށް ދެމުން އައި ހުރިހާ ހިދުމަތެއް ހުއްޓާލާފައިވާ ކަމަށެވެ. މި ނުކުތާގައި އެ ކުންފުނިން ފާހަގަކުރި އެއް ކަމަކީ ކުންފުންޏެއްގެ ބޯޑު މެމްބަރުންނާ މައްސަލައެއް އުފެދުމަކީ، ވަކި ގާނޫނީ ޝަހުސެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ، ކުންފުންޏަކާ މުއާމަލާތްކުރުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމެވެ.

ސަރުކާރުން މުއާމަލާތް ކުރުން ހުއްޓާލުމުން މިލޭނިއަމްއިން މަސައްކަތް ކުރީ އެ ރަށް ވިއްކާލާށެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކުރީ އެއްދުއްފަރާ އެއް ފަޅެއްގައި އޮންނަ މެދަފަރުގައި "ސޮނޭވާ ޖާނީ" ރިސޯޓު ހިންގާ ސޮނޭވާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުންނެވެ. މިކަމާ ދެ ކުންފުނިން އެއްބަސްވުމަކަށް އައިސް ރަށާ ގުޅޭ ހުރިހާ މައުލޫމާތު ޓޫރިޒަމުން އޮޅުންފިލުވުމުގެ ހުއްދަ ސޮނޭވާއަށް ދިނެވެ.

މިލޭނިއަމްއިން ބުނި ގޮތުގައި އެއްބަސްވުން ބާތިލުކޮށްފައިވާކަން އެނގުނީ، ސޮނޭވާއަށް އެގޮތަށް މައުލޫމާތު ދިން ހިސާބުންނެވެ. އަދި މިކަމެއް ކުރީ ރަށް ތަރައްގީކުރަން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބޭ 36 މަސް ދުވަހުގެ ކޮންސްޓްރަކްޝަން ޕީރިއަޑް (އިމާރާތްކުރަން ލިބޭ މުއްދަތު) ހަމަވުމުގެ ކުރިން ކަމަށް ވެސް މިލޭނިއަމްއިން ބުންޏެވެ.

އެއްދުއްފަރު ތަރައްގީކުރަން ދިން ކޮންސްޓްރަކްޝަން މުއްދަތު ހަމަވާ ތާރީހަކީ އޮކްޓޫބަރު 11، 2016 އެވެ. ޓޫރިޒަމުން އެއްބަސްވުން ބާތިލުކުރީ ޖުލައި 25، 2016 ގަ އެވެ. ކޮންސްޓްރަކްޝަން މުއްދަތު ހަމަނުވަނީސް އެއްބަސްވުން ބާތިލުކުރި ނިންމުން ދައުލަތުން ކޯޓުގައި ދިފާއުކުރި އެވެ. ސަބަބަކަށް ދެއްކީ ޖުލައިން ފެށިގެން އޮކްޓޯބަރަށް އޮތް މުއްދަތުގެ ތެރޭގައި ދެ މަހާ ދުވަސްކޮޅެއްގެ ތެރޭގައި ރަށް ތަރައްގީކޮށް ނިމޭނެ ކަމަށް ދައުލަތަށް ގަބޫލުކުރެވުމެވެ.

މިލޭނިއަމް ކޮޅަށް މައްސަލަ ނިންމަމުން ސިވިލް ކޯޓުން އިއްވި ހުކުމުގައި، އެއްބަސްވުން ބާތިލުކުރެވޭނެ މާއްދާތައް ކަނޑައެޅިގެން ބަޔާންވެފައި އޮއްވާ، ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ނުކުރިޔަސް، އެއްބަސްވުން ބާތިލުނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. މި މައްސަލައިގައި ކޯޓުން ވަނީ އެ އެއްބަސްވުމަކީ މިހާރު ވެސް ވުޖޫދުގައި ދެމިއޮތް އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، ބުނެވިދިޔަ އެއްބަސްވުމާއި އެއްގޮތަށް ޓޫރިޒަމުން އަމަލުކުރަން ޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ.

އެއްދުއްފަރުގެ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ މައްސަލަ

އެއްދުއްފަރު އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި މިލޭނިއަމްއިން ވަނީ އެއްބަސްވުން ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ވަކި މައްސަލައެއް ހުށަހަޅާފަ އެވެ.

މި ދެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދަނިކޮށް، ހައިކޯޓުން ފަރުވާއެއް ހޯދުމުގެ ހިޔާލު ދޫކޮށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދައުލަތުން ހައިކޯޓަށް އެންގި އެވެ. އެގޮތުން މި މައްސަލަ އަނބުރާ ގެންދަން މާޗު 31، 2021 ގައި އެދި އެޓާނީ ޖެނެރަލް އޮފީހުން ކޯޓަށް ހުށަހެޅި ސިޓީގައި ބުނީ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަދަލު ނަގައި ދިނުމަށް އެދި މިލޭނިއަމްއިން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނަގައިދޭން އެދުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 30، ގަ އެވެ. މިއީ ސެޓްލްމަންޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުގެ ތާރީހެކެވެ. މައްސަލަ އަނބުރާ ގެންނަން ކޯޓަށް ހުށަހެޅި ސިޓީގައި މިލޭނިއަމްއިން ބުނީ އެ މައްސަލައަށް ކޯޓުން ބޭރުން ހައްލެއް ހޯދިފައިވާތީ މައްސަލަ ކޯޓުގައި އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.

މިލޭނިއަމްގެ ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ވަނީ ދައުލަތުން އެދޭ ގޮތް ހުށަހަޅަން މިދިޔަ ޑިސެމްބަރު 4، ގައި ސިޓީއެއް ފޮނުވާފަ އެވެ. އެއީ މި ސަރުކާރުގެ ދައުރު ފެށި ފަހުންނެވެ. ނަމަވެސް ދައުވާ އަނބުރާ ގެންނަން ހުށަހެޅި ހުށަހެޅުން ބާތިލުކުރުމަށް ކޯޓުން ދިން ފުރުސަތުގައި، ދައުލަތުން މިކަމަށް އިޖާބަދީފައި ނުވެ އެވެ. އަދި މިހާތަނަށް ވެސް މި އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުކޮށްފައި ނުވެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތް

އެއްދުއްފަރާ ގުޅޭ އެއްބަސްވުމާ ގުޅޭ ހުރިހާ ކަމެއް ހިނގާފައި ވަނީ މި ރާއްޖޭގައި މިހާތަަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްކަމުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ދުވަސްވަރެވެ. މި ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ދީގެން ލިބުނު ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައިވާ ގޮތުގައި، އެ ދުވަސްވަރު ދައުލަތުން ވަގަށް ނެގި ފައިސާގެ ތެރެއިން، މިހާރު ރަށްތައް ދީގެން އުޅޭ މިލޭނިއަމްގެ އެކައުންޓްތަކަށް ޖަމާވީ ޑޮލަރާއި ފައިސާގެ އަދަދު 232 މިލިއަން ރުފިޔާއަށް ވުރެން އިތުރެވެ. އެސްއޯއެފް ނަގާފައި ހިޔާނާތުގެ ފައިސާގެ އެންމެ ބޮޑު ބައެއް ލިބުނު އެއް ކުންފުންޏަކީ މިލޭނިއަމް އެވެ.

މިލޭނިއަމްއަށް ޖަމާވި ފައިސާގެ ތެރޭގައި ރިސޯޓްތަކަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ އަދި ލިބުނު އެކުއިޒިޝަން ކޮސްޓުގެ ތެރެއިން 12.6 މިލިއަން އެމެރިކާ ޑޮލަރާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް މިލޭނިއަމްގެ އެކައުންޓްތަކަށް ޖަމާކުރި 38.3 މިލިއަން ދިވެހި ރުފިޔާ ހިމެނެ އެވެ.

މި ދިވެހި ފައިސާއަކީ އެމްޕީއެލްއަށް ޑޮލަރު ގަންނަން އެ ކުންފުނިން އެމްއެމްޕީއާރްސީއަށް ފޮނުވި ފައިސާގެ ތެރެއިން ބައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެ އެވެ.

މި ހިޔާނާތް ފެންމަތިވިފަހުން މިއަދާ ހަމައަށް ނުވަ އަހަރުވީއިރު، ހިޔާނާތްތެރިވީ ފައިސާގެ ތެރެއިން ބައިލޯލާރިއެއް ވެސް ދައުލަތަކަށް އަނބުރާ ނުލިބެ އެވެ. ފައިސާ ނުލިބުނު ތަނުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު އަދީބަށް މާފު ދެއްވައިފަ އެވެ.

ސޯލިހުގެ ސަރުކާރުން އައީ އެމްއެމްޕީއާރުސީ ހިޔާނާތް ހުއްޓުވައި އެ ފައިސާ ހޯދަން ވައުދު ވެގެން ކަމުގައިވީ ނަމަވެސް ފަސް އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީއާ ގުޅޭ މައްސަލައެއްގައި ހުކުމެއް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އެކަންޏެވެ. އިތުރު ދެ މީހަކަށް ދައުވާ ކުރި އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އޭގެ ތެރެއިން ނިހާނަށް ކުރި ދައުވާގެ ޝަރީއަތް ކޯޓު މަރުހަލާގެ ތެރޭގައި ތާށިވެފައި އޮތް އިރު، ދައުވާ އުފުލި ފަހުން މަހުލޫފުގެ މައްސަލަ ދައުލަތުން އަނބުރާ ގެންދިޔައީ އެވެ. އިތުރު މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށް ބުނި ނަމަވެސް އެއިން މައްސަލައެއްގެ ތަހުގީގާ ގުޅޭ މައުލޫމާތެއް ނުވަތަ އެއީ ކޮން ބަޔެއް ކަމެއް ވެސް ނޭނގެ އެވެ.