Advertisement

ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރާ ގައުމަކަށް ޗައިނާ

25 ޖަނަވަރީ 2024 - 17:35 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޕީއެލްގެ ވިޔަފާރި ބަންދަރުގައި ކޮންޓެއިނާ އެތުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައި --- ފޮޓޯ: އަދަދު ފައިލް


ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރާ ގައުމަކަށް ޗައިނާ

25 ޖަނަވަރީ 2024 - 17:35 0

ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓު ކުރަމުންދަނީ ޗައިނާގެ މުދާ ކަމަށް ކަސްޓަމްސް ސާވިސްގެ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މަހުގެ ތެރޭގައި ރާއްޖެއަށް ޗައިނާއިން ވަނީ 782 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. ދެވަނައިގައި އޮތް އޮމާނުން ގެނައީ 768 މިލިއަން ރުފިޔާގެ މުދަލެވެ.

މުޅި ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ 15 ޕަސެންޓް ހިއްސާކުރަނީ ޗައިނާއަށެވެ. އޭގެ ކުރީ ނޮވެމްބަރު މަހު ޗައިނާއިން ރާއްޖެއަށް ބޭލީ 420 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން, ވިޔަފާރީގެ އަގު ވެސް ވަނީ 362 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފަ އެވެ.

އޭގެ ކުރީ މަސްތަކުގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ އަވަށްޓެރި އިންޑިއާ, އޮމާން އާއި ޔޫއޭއީ އިންނެވެ.

ރާއްޖެއަށް މުދާ އިމްޕޯޓު ކުރުމުގެ އެއްވަނައަށް ޗައިނާ ޖެހިލާފައި މިވަނީ ރާއްޖޭގެ ވެރިކަން ބަދަލުވެ ޗައިނާ ސަރުކާރާ އެކު ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާރީހީ ފުރަމާނަ ދަތުރުފުޅެއް ކުރެއްވި އެވެ. އަދި, އެ ދަތުރުފުޅުގައި ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. ރާއްޖޭގައި ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނޭ އުމުރާނީ އެންމެ ބޮޑު މަޝްރޫއުތަކުގައި ޗައިނާގެ ބޮޑު ހިއްސާއެއް އޮންނާނެ އެވެ.

މިދިޔަ މަހު ރާއްޖެއަށް ޖުމުލަ 4.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. އޭގެ ތެރޭގައި ތެޔޮ ހިމަނަައިފިނަމަ އެ އަދަދު 5.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ރާއްޖޭން މިދިޔަ މަހު އެކްސްޕޯޓު ކުރީ 250 މިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު އޭގެ 66 އިންސައްތަ މުދާ ބޭރުކުރީ ތައިލޭންޑަށެވެ.