25 ޖަނަވަރީ 2024 - 07:24 0
25 ޖަނަވަރީ 2024 - 07:24 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 25) - ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދު ދޫކޮށް މި މަހުގެ ޓްރާންސްފާ މާކެޓްގައި ޔޫރަޕްގެ ކްލަބަކަށް ބަދަލުވާން ކަރިމް ބެންޒެމާ ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބެންޒެމާ، 36، އަލް އިއްތިހާދުގެ ޕްރެކްޓިހާ ގުޅިފައިވަނީ 17 ދުވަސް ފަހުންނެވެ. އެކަމުގެ ސަބަބުން އެ ކްލަބްގެ އިސް ވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަަމަނުޖެހިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ބެންޒެމާގެ ވިސްނުން ހުރީ ޔޫރަޕްގެ ކްލަބަކަށް މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ބަދަލުވުމެވެ.
އެކަމަކު، އެ އަށް އޮތް އެންމެ ބޮޑު ހުރަހަކީ، ބެންޒެމާގެ މުސާރަ އެވެ. އަލް އިއްތިހާދުން ލޯން ޑީލެއްގައި ވެސް ބެންޒެމާ ދޫކޮށްލަން ވިސްނަނީ އޭނާގެ މުސާރަ އެއްކޮށްދޭ ކްލަބަކަށެވެ.
އަލް އިއްތިހާދަށް 20 މެޗުން 12 ގޯލު ޖަހައިދީފައިވާ ބެންޒެމާ އަލުން ގެންދަން އޭނާގެ ކުރީގެ ކްލަބް ލިޔޯނުން މަސައްކަތް ކުރެ އެވެ. ބެންޒެމާ، އެންމެ ބޮޑަށް ފާހަގަވި ރެއާލް މެޑްރިޑުން އަލުން އޭނާ ގެންދަން ނުވިސްނާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ލިޔޯން ދޫކޮށް، 33 މިލިއަން ޑޮލަރުގެ ފީ އަކަށް، 2009 ވަނަ އަހަރު، ރެއާލަށް ބަދަލުވި ބެންޒެމާ، ވަނީ ލިޔޯނަށް ކުޅުނުއިރު، ހަތަރު ފަހަރު އެ ޓީމާ އެކު، ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިހާތަނަށް އަލް އިއްތިހާދަށް ބެންޒެމާގެ ސޮއި ހޯދަން އެއްވެސް އޮފާއެއް ރަސްމީކޮށް ނާދެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ބެންޒެމާ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް، ޗެލްސީ ނޫނީ މެންޗެސްޓާ ޔުނައިޓެޑުން ވެސް ކުރު ކޮންޓްރެކްޓެއް އޮފާ ކުރުމުގެ ފުރުސަތު އެބައޮތެވެ.
Comment