Advertisement

ޒިޔެޗްގެ ގޯލުން މޮޅުވެ މޮރޮކޯ އެއް ވަނައިގައި ގަދަ 16 އަށް

25 ޖަނަވަރީ 2024 - 06:38 0

ޒެމްބިއާ ކުޅުންތެރިއަކު ކައިރިން މޮރޮކޯގެ ޒިޔެޗް ބޯޅަ ހިފައިގެންދަނީ.


ޒިޔެޗްގެ ގޯލުން މޮޅުވެ މޮރޮކޯ އެއް ވަނައިގައި ގަދަ 16 އަށް

25 ޖަނަވަރީ 2024 - 06:38 0

ސެން ޕެޑްރޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 25) - ހަކީމް ޒިޔެޗްގެ ގޯލުން 1-0 އިން ޒެމްބިއާ ބަލިކޮށް މޮރޮކޯ އިން ގްރޫޕް އެފްގެ އެއް ވަަނަ ޓީމުގެ ގޮތުގައި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް އެފްގެ މެޗުތައް ނިމުނުއިރު، މޮރޮކޯ އެއް ވަނަ ދިޔައީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި ކޮންގޯ އަށް ތިން ޕޮއިންޓް ލިބުނުއިރު، ތިނެއްގައި ނިންމި ޒެމްބިއާ އާއި ހަތަރަކަށް ދިޔަ ޓެންޒޭނިއާ އަށް ލިބުނީ ދެ ޕޮއިންޓެވެ.

ލޯރެންޓް ޕޮކޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މޮރޮކޯ އިން ގިނަ އެޓޭކްތަކެއް ކުރިއިރު، ޖެހުނީ އެންމެ ގޯލެކެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ، 37 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޒިޔެޗް އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޒިޔެޗް ޖެހި ފުރަަތަމަ ގޯލެވެ.

މޮރޮކޯ އަކީ މި ފަހަރުގެ އެފްރިކަން ކަޕް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ތެރެއިން ޓީމެކެވެ. ގަދަ 16 ބުރުގައި މޮރޮކޯ އިން ނުކުންނަން ޖެހެނީ، ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

މޮރޮކޯ އިން އެފްރިކަން ކަޕް ކާމިޔާބުކުރީ، 1976 ވަނަ އަހަރު އެވެ. އެފްރިކަން ކަޕް ކާމިޔާބު ކޮށްފައިވާ ގަދަބާރުތައް ކަމަށްވާ އަލްޖީރިއާ އާއި ގާނާ ފަދަ ޓީމުތައް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ސެނެގާލުން ނޮކައުޓް ފުރަތަމަ މެޗުގައި ކުޅޭނީ މުބާރާތުގެ ހޯސްޓް، އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ގްރޫޕް އޭގެ ތިން ވަނަ އަށް ދިޔަ އައިވަރީ ކޯސްޓަށް ގަދަ 16 ބުރުން ފުރުސަތު ލިބުނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ފަހު ޖާގައިގަ އެވެ.

އެފްރިކަން ކަޕްގެ ގަދަ 16 ބުރުގެ މެޗުތައް:

ނައިޖީރިއާ - ކެމަރޫން (27 ޖެނުއަރީ)

އެންގޯލާ - ނެމީބިއާ (27 ޖެނުއަރީ)

އިކުއޭޓްރަލް ގިނީ - ގިނީ (ޖެނުއަރީ 28)

މިސްރު - ކޮންގޯ (28 ޖެނުއަރީ)

ކޭޕް ވާޑް - މައުރިޓޭނިއާ (29 ޖެނުއަރީ)

ސެނެގާލް - އައިވަރީ ކޯސްޓް (29 ޖެނުއަރީ)

މޮރޮކޯ - ދެކުނު އެފްރިކާ (30 ޖެނުއަރީ)

މާލީ - ބުރްކީނާ ފާސޯ (30 ޖެނުއަރީ)