24 ޖަނަވަރީ 2024 - 21:48 0
ނިމާ ހަސަން
ޓޫރިޒަމް މިނިސްޓަރު ފައިސަލް; ދިވެހި ފަންނާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު
24 ޖަނަވަރީ 2024 - 21:48 0
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާނެ ދިވެހި މިއުޒިޝަނުންނާއި ފަންނުވެރިން ނެތް ކަމަށް ބުނެ, ބޭރު މިއުޒީޝަނުން ގެންނަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ހުށަހެޅުމުން, ދިވެހި ފަންނާނުންގެ ކަންބޮޑުވުންތައް އަޑުއަހާ, ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަޓީގެ އެ ހުށަހެޅުމަށް ރައްދު ދީ, މިޔުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ވަނީ ދިވެހި ފަންނުވެރިން ނެތް ކަމަށް ބުނެ ދައްކާ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ދިވެހި މިއުޒީޝަނުންނާއި ޕާފޯމަރުން ގިނަ ކަމަށާއި, އެމީހުން ތިބީ ތައްޔާރަށް ފުރުސަތުތަކަށް ބަލަ ބަލާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
މަޓީގެ ހުށަހެޅުމަށް މިޔުޒިޝަނުންގެ ޔޫނިއަންގެ ކަންބޮޑުވުން ފާޅުކުރުމުން, މިނިސްޓަރު ފައިސަލް, އޭނާގެ ފޭސްބުކްގައި ލިޔުއްވި ލިއުމެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަން ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތު ހޯއްދައި ދެއްވުމަކީ އެ މަނިކުފާނުގެ [ރައީސްގެ] އަމާޒު. ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތަށް އަޑު އަހާ، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން." ފައިސަލް ވިދާޅުވި އެވެ.
މަޓީއިން އިއްޔެ ހުށަހެޅި ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިތުރުވަމުންދާއިރު އެ ތަންތަނަށް ހިދުމަތް ދޭނެ ވަރަށް ދިވެހި ފަންނުވެރިންނެއް ނެތެވެ.
ރިސޯޓު މިއުޒަކަކީ ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުންދާ އިންޑަސްޓްރީއެކެވެ. މި އިންޑަސްޓްރީގައި ބޭރު މީހުންނަށް އިސްކަން ދޭތީ ދިވެހި ފަންނާނުންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާއިރު ބައެއް ރިސޯޓުތަކުގައި އިން-ހައުސްކޮށް ވެސް ބޭރު މިއުޒިޝަނުން އަގުހެޔޮކޮށް ބައިތިއްބައިގެން ދަނީ ހިދުމަތް ދެމުންނެވެ.
Comment