24 ޖަނަވަރީ 2024 - 08:59 0
އަމަން ހަލީމް
ވިޔަފާރި ބަނދަރު ގާއިމުކުރަން ނިންމާފައިވާ ތިލަފުށި: ތިލަފުށީގައި މިހާރު ކުރަމުން އަންނަނީ ބިން ހިއްކުމުގެ މަސައްކަތް --- ފޮޓޯ: އެޗްޑީސީ
24 ޖަނަވަރީ 2024 - 08:59 0
މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅުގައި ގާއިމުކުރަން ކުރީ ސަރުކާރުން ގެންގުޅުނު ވިސްނުން ދޫކޮށްލައި، ތިލަފުއްޓަށް ބަނދަރު ބަދަލުކުރާތީ ބަނދަރު މަޝްރޫއަށް އިންޑިއާ އެގްޒިމް ބޭންކުން ހަމަޖެއްސި ފައިސާ އެހެނިހެން ޕްރޮޖެކްޓުތަކުގައި ބޭނުންކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ގުޅީފަޅުގައި ވިޔަފާރި ބަނދަރު ގާއިމުކުރުން ބޭނުންވާ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ކުރީ ސަރުކާރުން ހަމަޖެއްސީ އިންޑިއާ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުންނެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ގުޅީފަޅު ބޯހިޔާވަހިކަމާއި އެހެނިހެން ބޭނުންތަކަށް ހާއްސަކޮށް ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ތިލަފުށީގައި ބަނދަރު އަޅަން ނިންމާފަ އެވެ. މިއީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް، ވެރިކަމުގެ ކުރީކޮޅު، ގެންގުޅުނު ޕްލޭނެވެ.
ތިލަފުއްޓަށް ޕޯޓު ބަދަލުކުރަން ނިންމުމާ ގުޅިގެން އެ މަޝްރޫއަށް ހަމަޖެއްސި ފައިސާއަށް ވާނީ ކިހިނެއްތޯ "އަދަދު"އިން ސުވާލުކުރުމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ އެ ފައިސާ ބޭނުންކުރާނީ އެހެން ޕްރޮޖެކްޓުތަކަށް ކަމަށެވެ.
"އެއްވެސް ފަންޑިން އެއް ނުގެއްލޭނެ އަދި މި ފައިސާ ބަހާލާނީ ދިވެހި ރައްޔިތުންނާއި އިގުތިސޯދަށް އެންމެ ބޭނުންތެރި ޕްރޮޖެކްޓުތައް ހިންގުމަށް" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން ޕްރޮޖެކްޓުތަކެއް ކަމެއް މިނިސްޓަރު ޝަފީގު ވިދާޅެއް ނުވެ އެވެ.
ބެލެވޭ ގޮތުގައި މިނިސްޓަރު އިޝާރަތްކުރެއްވީ އިންޑިއާ ސަރުކާރު މެދުވެރިވެގެން ހަމަޖައްސާފައިވާ ލޯނުތަކުން ހިންގަމުން އަންނަ ނުވަތަ ހިންގަން ރާވާފައިވާ ޕްރޮޖެކްޓުތަކަށެވެ. ސަބަބަކީ އެގްޒިމް ލޯނުތަކަކީ ވަކި މަޝްރޫއަކަށް ނުވަތަ ކަމަކަށް ހާއްސަކޮށް، އެ ބޭންކު މަރުކަޒުވެފައިވާ ގައުމުގެ ވިޔަފާރިތަކަށް ފަހިވާ ގޮތަށް ދޫކުރާ ލޯނުތަކަށް ވީތީ އެވެ.
ގުޅީފަޅު ޕޯޓަށް ފަންޑިން ލިބިފައި ވަނިކޮށް ތިލަފުއްޓަށް ޕޯޓު ބަދަލުކުރަން ނިންމެވި ސަބަބު ހާމަކުރައްވަމުން، ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި އިއުލާންކުރެއްވި ރަސްމިއްޔާތުގައި، ރައީސް ވިދާޅުވީ ގުޅީފަޅަކީ ވިޔަފާރި ބަނދަރެއް އަޅަން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.
"ތިލަފުށީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމްކުރާނީ އިންޓަނޭޝަނަލް ފުރިހަމަ ކޮމާޝަލް ޕޯޓު. އެތަނަށް އެ ގެނެވޭ ޑިވެލޮޕްމަންޓަކީ ވެސް އިރާދަކުރެއްވިއްޔާ މި އެއާޕޯޓު ޑިވެލޮޕްމަންޓާ، މި ހުރިހާ ކަމެއް ގުޅިލާމެހިގެންދާއިރުގައި އަޅުގަނޑުމެން މި ތަސައްވުރު ކުރާގޮތަށް، އެއީ، ރައްޔިތުން އެންމެ އެދޭގޮތަށް ގާއިމްކުރެވިގެންދާ، އިގުތިސޯދީ ގޮތުން ހުޅުވިގެންދާ ވަރަށް ފުޅާ ދޮރާއްޓެއް" އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިން މާލޭ ސިޓީ މޭޔަކަށް ހުންނެވިއިރު ވެސް ރައީސް މުއިއްޒު ވަނީ މި ޕްރޮޖެކްޓަށް ދެކޮޅު ހައްދަވާ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭރު ވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ގުޅީފަޅަށް ވުރެ ތިލަފުށީގައި ޕޯޓު އެޅުން މާ ރަނގަޅު ވާނެ ކަމަށެވެ.
ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރަން ރައީސް ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީގެ ނަމުގައި، ސަރުކާރު ހިއްސާވާ ބޮޑު ފަސް ކުންފުންޏަކުން ހިއްސާވާ، ކުންފުންޏެއް އުފައްދަވާފަ އެވެ.
މި ކުންފުނީގެ ހިއްސާދާރުންނަކީ އެސްޓީއޯ އާއި އެޗްޑީސީ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ. ސަރުކާރުން ވަނީ މި ކުންފުނީގެ މަސައްކަތްތަކަށް ފަހިކޮށްދިނުމުގެ ބޭނުމުގައި މާލެ ސަރަހައްދުން 100 ހެކްޓަރުގެ ބިމެއް ދޭން ނިންމާފަ އެވެ.
ސަރުކާރުން ބޮޑު ހަރަދުކޮށްގެން ގުޅީފަޅުން ބިޔަ ސަރަހައްދެއް ހިއްކީ ސީދާ ވިޔަފާރި ބަނދަރު މަޝްރޫއަށް ޕްލޭންކޮށްގެންނެވެ. އެގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވައްސަށް އެކަނި ވެސް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މި ސަރުކާރުން ތިލަފުއްޓަށް ޕޯޓު ބަދަލުކުރަން ނިންމި ނަމަވެސް އަދި އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަން ސާފެއް ނޫނެވެ. ނަމަވެސް ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އިންވެސްޓަރުންނަށް އެންމެ ބޮޑަށް ވިއްކިި މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމެނޭ ކަމަށް ސަރުކާރުގެ އޮފިޝަލުން މައުލޫމާތު ދީފައިވެ އެވެ.
ގުޅީފަޅުގައި ޕޯޓު އެޅުމުގެ ވިސްނުން ދޫކޮށްލިއިރު، އެ ޕްރޮޖެކްޓުގެ މަސައްކަތް އޮތީ ބީލަން ހުށަހަޅާ މަރުހަލާއާ ހަމައިގަ އެވެ. މިހާރު ވެސް އެތަނުގައި ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
Comment