Advertisement

ސީރިޔާގައި ތިބި ދިވެހިން ގެނައުން؛ ފާޑުކިޔުން އަމާޒުވި ނަމަވެސް ރަނގަޅު ނިންމުމެއް

24 ޖަނަވަރީ 2024 - 09:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސީރިޔާއިން ގެނައި ދެމައެއްގެ ކުރެހުމެއް: ކޭމްޕުގައި އުޅެމުންދިޔައީ ވަރަށް ނިކަމެތި ހާލެއްގައި -- ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ސީރިޔާގައި ތިބި ދިވެހިން ގެނައުން؛ ފާޑުކިޔުން އަމާޒުވި ނަމަވެސް ރަނގަޅު ނިންމުމެއް

24 ޖަނަވަރީ 2024 - 09:57 0

ތުއްތު އަންހެން ކުއްޖަކު، އޭނާއަށް ހިތްހަމަޖެހުން ލިއްބަވައިދޭ ކުޅޭ އެއްޗެއް އޭނާގެ އެއް އަތުގައި އޮތް އިރު، އަނެއް އަތުގައި އޭނާގެ މަންމަ ހިފަހައްޓައިގެން އިނެވެ. އިންސާނީ ކުލުނުގެ ނަޒަރަކުން، އާންމު ގޮތެއް އެއީ، ހިތްތަކަށް ފިނިކަން ގެނެސްދޭ، ހިތްގައިމު މަންޒަރެކެވެ. އެކަމަކު އެއް ބަޔަކު އެ މަންޒަރު ބެލީ ޝައްކާއި ވަހުމުގެ ނަޒަރަކުންނެވެ. އެމީހުންގެ ހިތްތަކުގައި ވެސް އުފެދިގެންދިޔައީ ބިރުވެރިކަމުގެ އިހުސާސްތަކެވެ.

"އަފްޣާނިސްތާނު ފަދަ ނުރައްކާތެރި ތަނަކަށް މި ތަން ވެދާނެ ތިހާ ނުރައްކާތެރި ބަޔަކު ގެނައިމަ،" ސީރިއާގެ ހަނގުރާމަވެރި ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި ފަސް އަންހެނަކާއި، ފިރިހެނަކާއި، 15 ކުޑަކުއްޖަކު އަނބުރާ ރާއްޖެ ގެނައުމުން "އަދަދު" ނޫހުން ފޭސްބުކުގައި ޖެހި ޕޯސްޓަކަށް ދިވެއްސަކު ހިޔާލުފާޅުކޮށް ކޮމެންޓްކޮށްފައިވެ އެވެ.

އެ ކަންބޮޑުވުމާއި އެފަދަ ނަޒަރަކުން މި ކަން ދެކިގެން ދިޔުމަކީ ވެސް ހައްގު ކަންބޮޑުވުމެއް ކަމަށް ވެދާނެ އެވެ.

ޒަމާނުއްސުރެން ދިވެހީންގެ ތެރޭގައި އޮތް އެންމެ ރީތި އާދައަކީ އެއްބައިވަންތަކަމެވެ. ގުޅުންތަކުގެ ބަދަހިކަމެވެ. އެކަކަށް ދިމާވާ ދަތިކަމަކުން އަރައިގަންނަން އަނެކާގެ އެހީ ލިބުމެވެ. އަހަރުމެންނަކީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައިގެން، ދިރިއެޅުމުންދާ ބަޔެކެވެ. އެ އެއްބައިވަންތަކުގެ މައިގަނޑު ތަނބަކީ، ދީނީ އެއްބައިވަންތަކަމެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ހަގީގީ ސިފަތަކާއި އަހުލާގުގެ ވެރިބަޔަކަށް އަހަރުމެން ވުމެވެ.

ނަމަވެސް އެ އަހުވަންތަކަމާއި އުހުވަންތަކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދީނުގެ ނަމުގައި އުފެދިފައިވާ ހަރުކަށި، ނިރުބަވެރި އަދި ހަނގުރާމަވެރި ފިކުރެއްގައި ދިވެހީންގެ ބަޔަކު ޖެހިގެން ދިޔުމެވެ. އޭގެ އަނެއް ކޮޅު ވެސް އެބަ އޮތެވެ. މި ނުރައްކާތެރި ފިކުރަކީ ދީން ކަމުގައި ދެކިގެން، ދީނާ މާ ބީރައްޓެހި ފިކުރުތަކެއް ފެތުރުމަށް ވެސް ހުޅުވިފައިވާ ޖާގަ އާއި އެ ދޮރެވެ.

ސީރިއާގެ ހަނގުރާމަވެރި ސަރަހައްދުގައި ހާލުގައި ޖެހިގެން އަނބުރާ ރާއްޖެ ގެންގޮސްދިނުމަށް އެދި ދިވެހި ސަރުކާރުގައި ބަޔަކު އެދެމުން، އެ މީހުން ގެނައުމަށް ދެކޮޅު ހެދުމުގެ އޮއިވަރަކާއި ރޫހެއް އޭރުން ފެށިގެން ވެސް މި މުޖުތަމައުގެ ތެރޭގައި އޮތެވެ. އެ މީހުންގެ ތެރެއިން ބަޔަކު ގެނައުންވީ، އެއް ބަޔަކު ހިތްހަމަނުޖެހުނު ކަމަށެވެ. ސޯޝަލް މީޑިއާއިން އެ ކަން އެބަ ފެނެ އެވެ.

އެހެންވިޔަސް ދިވެހި ސަރުކާރުން ދެކެމުން އައީ އެ ބަޔަކު ރާއްޖެ ގެނައުމަކީ ކުރަން ޖެހޭ ކަމެއް ގޮތުގަ އެވެ. މިދިޔަ ރިޔާސީ ދައުރުން ފެށިގެން، ދިވެހި ސަރުކާރުން އެ މީހުން ގެނައުމުގެ މަސައްކަތް ފެށީ، އޭގެ އިތުރަށް އެ ބަޔަކު ބައިތިއްބާނެ ތަނަކާއި ރެހިބިލިޓޭޝަން ދިނުމުގެ އިންތިޒާމަކަށް ވެސް ޖެހުނީ ތައްޔާރުކުރުމުގެ މަސައްކަތް ވެސް ހިންގަމުންނެވެ. އާ ސަރުކާރުން ވެސް އެ ސިޔާސަތު ދަމަހައްޓައި، އެ އޮޕަރޭޝަން ކުރިއަށް ގެންގޮސް، މިދިޔަ ހަފުތާގައި އެއިން ބަޔަކު ގެނައީ ބޮޑު ހަރަދުތަކެއް ވެސް ކޮށްފަ އެވެ.

ކަމުގެ ތަޖުރިބާކާރުން ދެކެނީ އެއީ ކުރަން ޖެހޭ ކަމެއް ގޮތަށެވެ. ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މި ވަގުތަށް، ބައިނަލްއަގުވާމީ މުޖުތަމައުން ވެސް މި މައްސަލައަށް ހޯދާފައިވާ ހައްލެވެ. އެ ސަބަބުތަކާއި ހިކުމަތް ތިލަކޮށްދިނުމަކީ، މި ލިޔުމުގެ މައިގަނޑު ބޭނުމެވެ.

ވަރުގަދަ، ބުރަ އަދި ހަރަދު ބޮޑު އޮޕަރޭޝަނެއް

ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ. އެކަމަކު އެ ދިވެހިންގެ ސީދާ އަދަދު އެނގޭ އެއްވެސް މުއައްސަސާއެއް ނެތެވެ.

އޭގެ ތެރެއިން ފަސް އައިލާއެއްގެ 21 މީހަކު ރާއްޖެ ގެނައުމަށް ހިންގީ ބޮޑު އޮޕަރޭޝަނަކެވެ. މުޅި އޮޕަރޭޝަނުގެ އަގުމަގުގެ ހިސާބުކިތާބު އަދި ހެދިފައި ނެތް ނަމަވެސް މި ކަމަށް ހޯމްލޭންޑް ސެކުއިރިޓީ މިނިސްޓްރީން ދެ ދަތުރެއް ކޮށްފައިވެ އެވެ. ގާނޫނީ އިޖުރާއަތް އޮންނަ ގޮތުން ފުރަތަމަ މިއީ ދިވެހީން ކަން ކަށަވަރު ކުރުމަށް ވެސް ދަތުރެއް ކޮށް، ހަރަދުތަކެއް ކުރަން ޖެހުނެވެ.

"އެހެންވީމަ ފުރަތަމަ ޓީމެއް ދާނެ ސިޓުއޭޝަން އެސެސްކުރަން، ގޮސްފައި ޑީއެންއޭ ސާމްޕަލް ކަލެކްޓް ކުރާނެ. ރާއްޖެ ގެނެސް ޑީއެންއޭ ޓެސްޓު މި ހަދަނީ. ޓެސްޓް ހެދުމަށް ފަހު، ކޯޓު މެދުވެރިކޮށް، ދިވެހި ރައްޔިތެއްކަން ސާބިތު ކޮށްފަ، އެހާ ހިސާބުން ގެނައުމުގެ މަސައްކަތް މި ފެށެނީ،" ހާލުގައި ޖެހޭ މީހުނަށް ފަރުވާ ދިނުމަށް އުފައްދާފައިވާ މުއައްސަސާގެ އިދާރީ އެންމެ އިސް ވެރިޔާ، އަންވަރު ނައީމް ވިދާޅުވި އެވެ.

ނެޝަނަލް ރިއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ) ގެ ޑިރެކްޓަރު ޖެނެރަލް އަންވަރު ނައީމް ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ފަހު ދެން އެ މީހުން ގެންނަން 15 މީހުންގެ ހާއްސަ ޓީމެއް ސީރިއާ-ތުރުކީ ބޯޑަރު ސަރަހައްދަށް ފޮނުވި އެވެ. އޭގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ޑިޕާޓްމަންޓްތަކުގެ އޮފިސަރުންގެ އިތުރަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ހިދުމަތްތެރީން ހިމެނެ އެވެ.

"އެއީ ސްޕެޝަލް އޮޕަރޭޝަންސްއާއި އިންޓެލިޖެންސްއާއި އިންވެސްޓިގޭޝަންސްއާއި ވިކްޓިމް ސަޕޯޓާއި ސެކުއިރިޓީ ހިމެނޭ ގޮތަށް،" އަންވަރު ތަފްސީލްކޮށްދެއްވި އެވެ.

ސީރިއާގައި ތިބި ދިވެހިން ގެނައީ ރާއްޖޭގެ އެއާލައިނެއް ކަމުގައިވާ ބިއޮންޑުގެ ފްލައިޓެއް ގާތްގަނޑަކަށް 120،000 އެމެރިކާ ޑޮލަރު (1.8 މިލިއަން ރުފިޔާ) އަށް ޗާޓަރުކޮށްގެންނެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވި ގޮތުގައި އެ ފްލައިޓުން ގެނައީ އެހެން އެއާލައިންތަކަށް ވުރެ އަގު ހެޔޮކޮށް ގެނައުމަށް އެއްބަސްވީ ބިއޮންޑުން ކަމަށް ވާތީ އެވެ.

އަންވަރު ވިދާޅުވި ގޮތުގައި މިފަދަ އޮޕަރޭޝަންތަކަކީ ބުރަ ބޮޑު، ގޮންޖެހުންތައް ގިނަ ކަމެކެވެ. އެ ތަނުގައި ދިރިއުޅޭ ދިވެހީން ހޯދައި، އެ މީހުނާ މުއާމަލާތް ކުރުމަކީ ވަކި ފަސޭހަ ކަމެއް ނޫނެވެ. ހަނގުރާމަވެރިކަމުގެ އަސަރު އަދިވެސް އޮތް އެ ތަނުން ބަޔަކު ސަލާމަތްކޮށްގެން ގެންދަން ފަސޭހައެއް ނުވާނެ އެވެ. ގައުމުތަކުގެ ވެރިންނާ، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް، ވާހަކަ ދައްކަން ވެސް ޖެހެ އެވެ.

"މި ފަހަރު އޮޕަރޭޝަނުގައި، ތުރުކީ-ސީރިއާ ބޯޑަރު ކައިރިވުމުން ތުރުކީ ސަރުކާރުގެ އެހީތެރިކަން ލިބިގެން އެ މީހުން ގެނެވުނީ މި ފަހަރު، އެސެސްމެންޓް ހަދަން ދިޔައިރު ވެސް ތުރުކީގެ އެހީތެރިކަމާ އެއްކޮށް އެ ކަން ކުރިއަށް ގެންގޮސް ނިންމާލީ. އެހެންވެ މި ފަހަރު މާ ބޮޑު އުނދަގުލެއް ނެތި އޮޕަރޭޝަން ނިންމައިލެވުނު، މާތްﷲ ގެ އިރާދަފުޅާއެކު،" އަންވަރު ކިޔަވައިދެއްވި އެވެ.

އެއީ އަނިޔާއެއްގެ ޝިކާރަވެރިން؛ އެއީ "ވިކްޓިމްސް"

އެއް ހަގީގަތަކީ، މި ކޭމްޕުތަކުގައި ތާށިވެފައި ތިބޭ އަންހެނުންނާއި ކުޑަކުދިންނަކީ ނުރައްކާތެރި މަސައްކަތެއްގައި ބައިވެރިވާން ދިޔުމުގެ ގަސްތު އޮތް ބަޔެއް ނޫން ކަމެވެ. އެއީ ކަމުގެ ހަގީގަތް ރަނގަޅަށް ސާފުނުވެ ތިބި، ފިރިމީހާ މަޖުބޫރު ކުރުވައިގެން ގޮސް، ތާށިވެފައި ތިބި ބަޔެކެވެ.

ބައިނަލް އަގުވާމީ މަދަނީ ޖަމިއްޔާތަކުން ނެރެފައިވާ ރިޕޯޓުތަކުން ވެސް އެ ކަން އެނގެ އެވެ. "ހިއުމަން ރައިޓްސް ވޮޗް" އިން ސީރިއާގެ ހާލަތު ދިރާސާކުރުމަށް ފަހު ނެރެފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ވެސް އެ ތަނުގައި ގިނަ އަންހެނުންނާއި ކުޑަކުދީން ކޭމްޕުތަކުގައި ބައިތިއްބައިގެން ގެންގުޅެނީ ވަރަށް ނިކަމެތިކޮށެވެ.

ކުޑަކުދިންނަށް ވެސް އެކި ޒާތުގެ ގޯނާ އެ ކޭމްޕުތައް ކައިރީ ހަރަކާތްތެރިވާ މީހުންގެ ފަރާތުން ލިބޭއިރު، ކުޑަކުދިންގެ ކުރިމަތީގައި އަންހެނުންނަށް ވެސް އެކި ޒާތުގެ ގޯނާ ކުރާ ކަން އެ ރިޕޯޓުން އެނގެ އެވެ.

އެފަދަ ބައެއް ރިޕޯޓްތަކާ ހަވާލާދީ، ހަރުކަށި ފިކުރުގެ މައްސަލަ ދިރާސާކުރައްވާ އާޒިމް ޒާހިރު ވެސް ވިދާޅުވީ އެ ކޭމްޕްތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން ގެންދިޔުމަކީ ރާއްޖޭގެ އިތުރުން ވެސް ގިނަ ގައުމުތަކުން ހިންގާ އޮޕަރޭޝަނަކެވެ. ގައުމުތަކުގެ ތަޖުރިބާއަކީ، އެހެން ގެންނަ ގިނަ މީހުންނަކީ ނުރައްކާތެރި ބަޔަކަށް ވުމަށް ވުރެ، ބަލިކަށި ހާލަތެއްގައި ތިބި ބަޔެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޭމްޕްތަކުގެ ހާލަތަކީ އަނިޔާ ދިނުން ފަދަ ހާލަތެކޭ، ޓޯޗާއޭ، ލާއިންސާނީ ހާލަތެކޭ، ބައިނަލް އަގުވާމީ މުޖުތަމައުން މި ހާލަތާއި މައްސަލަ ދެކޭ ގޮތް އެއީ. އެ ކޭމްޕްތަކަކީ އެންމެ ސިކުންތުކޮޅަކަށް ވެސް މީހަކު ހުންނަން އެކަށީގެންވާ ކޭމްޕްތަކެއް ނޫނޭ، އަދި އަމުދުން ކުޑަކުދިން ބޭތިއްބޭ ވަރުގެ ކޭމްޕްތަކެއް ނޫން،" މައްސަލައިގެ ފުންމިން ތިލަކޮށްދެއްވަމުން އާޒިމް ވިދާޅުވި އެވެ.

އެންއާރުސީގެ ޑިރެކްޓަރު އަންވަރު ވެސް ވިދާޅުވީ ވިކްޓިމް ސަޕޯޓް ފޯރުކޮށްދޭނެ އޮފިސަރުންނާއެކު އޮޕަރޭޝަން ގެންދަން ޖެހުމުގެ ބޭނުމަކީ ވެސް އެއީ އެވެ. އެ މީހުން ތިބެނީ ރާއްޖެ އައުމަށް ވަރަށް ބޮޑަށް އެދިގެން ކަމަށާއި އެނބުރި ދެވޭނެ ގޮތް މެދުވެރިވާއިރު ހިތްހަމަޖެހުން އައި ނަމަވެސް ނަފުސާނީ ގޮތުން ވަރަށް ބަލިކަށިވެފައި ތިބޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ވަރަށް ދަތި ހާލުގައި އެ މީހުން ތިބެނީ، ވަރަށް ނިކަމެތިކޮށް، އެ ދަތި ހާލުގައި އުޅެމެން ގޮސް، އަނބުރާ ރާއްޖެ އާދެވޭތީ ހިތްހަމަޖެހުމުގެ އިހުސާސެއް، ނަފުސާނީ ގޮތުން ދެރަވަރުވެ ބައެއް މީހުން ރޮވޭ ގޮތް ވުން ކަހަލަ އިހުސާސްތައް ވެސް ބައެއް މީހުންގެ އެބަ ހުރޭ،" އޮޕަރޭޝަންތަކުގައި ފެނުނު މަންޒަރު ސިފަކޮށްދޭން މަސައްކަތް ކުރައްވަމުން އަންވަރު ވިދާޅުވި އެވެ.

މި މައްސަލައަކީ ހަމައެކަނި ސަލާމަތާއި ރައްކާތެރިކަމުގެ ނަޒަރިއްޔާތުން ވިސްނައިގެން ހައްލު ކުރެވެން އޮތް މައްސަލައެއް ނޫނެވެ. މިއީ އިޖުތިމާއީ ވެސް މައްސަލައެކެވެ. އަދި އިންސާނީ ހައްގުތަކާއި ކަރާމާތްތެރިކަމާ ވެސް ގުޅުން ހުރި މައްސަލައެކެވެ. މީގެ ހައްލު ހޯދޭނީ ވެސް އެ ނަޒަރިއްޔާތުން ވެސް ސިޔާސަތުތައް ބައްޓަންކޮށްގެން ކަން އެބަ އެނގެ އެވެ. އާޒިމް ނެންގެވީ އެ ނުކުތާ އެވެ.

"ސެކުއިރިޓީގެ އެންގަލްއަކުން ގިނަ މީހުނަށް މި ވިސްނެނީ، ސެކިއުރިޓީއަކީ ވެސް މުހިންމު އެއްޗެއް، އެކަމަކު އިޖުތިމާއީ ނަޒަރަކުން ވެސް ވިސްނަން ޖެހޭ، މި ފިކުރަށް ދެވޭ ވަރަށް ސިކުނޑި ދޮވެލެވުމުގެ ފަހަތުގައި އޭނާއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެތައް ކަމެއް ވެސް އެބަ އޮތް، ބައެއް މީހުން ގޮސް ތިބެނީ ވެސް މަޖުބޫރު ވެގެން ގޮސް،" އާޒިމް ވިދާޅުވި އެވެ.

ފިޔަވަޅުތަކެއްގެ ޔަގީންކަން މުހިންމު

ރާއްޖޭގައި މިއީ ގާނޫނީ އޮނިގަނޑަކާއެކު މިހާރު ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ވެސް ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމާއި، އޭގައި ބައިވެރިވުމަކީ ގާނޫނީ އަދި ޖިނާއީ ކުށެކެވެ. އަންވަރު ވިދާޅުވި ގޮތުގައި ރިއިންޓެގްރޭޝަންގެ ފަރާތުން ފުރަތަމަ އޮންނަނީ އެ ކަން ޔަގީން ކުރުމަށް ހިންގާ އެސެސްމަންޓެއް ހެދުމެވެ.

"ހަނގުރާމައިގައި ބައިވެރިވެފައި ހުރި ކަމަށް ވެއްޖެއްޔާ، މި ހިނގާ ތަހުގީގުން ފާހަގަ ވެއްޖެއްޔާމުން، އެ މީހަކު ފުރަތަމަ ދާނީ ރެހިބިލިޓޭޝަނަކަށް ވެސް ނޫން، ޕޮލިސް ކަސްޓަޑީއަށް. ދެން އެ މީހަކާ މެދު ކަންކަން ކުރެވިގެން ދާނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ކަނޑައެޅިފައިވާ ޑިއު ޕްރޮސެސް ތެރެއިން،" އަންވަރު ތަފްސީލްކޮށްދެއްވި އެވެ.

ނަމަވެސް، އަންވަރު ވެސް ތަކުރާރުކޮށް ފާހަގަ ކުރެއްވީ، ރާއްޖެ ގެނައި މީހުންގެ ތެރެއިން ގިނައީ ހަނގުރާމަވެރި ސަރަހައްދަށް ދިޔުމުގެ ގަސްތު ނެތި، ފިރިމީހާއާއެކު ގޮސް އެ ހާލަތުގައި ތާށިވެފައި ތިބި އަންހެނުންނާއި ދަރިން ކަމަށެވެ. އެހެންކަމުން އެ މީހުނަށް ދޭން ޖެހޭ ފަރުވާތައް ބެލުމަށް ފަހު އެ މަސައްކަތް ހިނގަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ތަރުތީބުކުރެވިފައިވާ ގޮތުން ރިހެބިލިޓޭޝަނަށް ފަހު ވެސް އެސެސްމަންޓްތައް އޮވެ އެވެ. މުޖުތަމައަށް ދޫކުރުުމުގެ ކުރިއަށް، ރިއެންޓިގްރޭޝަން އެސެސްމަންޓެއް އޮވެ އެވެ. އެ އެސެސްމަންޓުން ފާސްނުވާހާ ހިނދަކު، މުޖުތަމައަށް ދޫކޮށްނުލެވެ އެވެ. އެއިން ފާސްވެގެން މުޖުތަމައަށް ދޫކޮށްލުމަށް ފަހު ވެސް އެސެސްމަންޓެއް އޮވެ އެވެ.

"ރީއިންޓެގްރޭޓް ކުރުމަށް ފަހު ވެސް، މޮނިޓާ ކުރަމުންދާނެ މަސްތަކެއް ވަން ދެން، އެންޝުއާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ. އެ މީހުން އަނެއްކާ ވެސް އެފަދަ ފިކުރުތަކެއްގެ ތެރެއަށް ގޮސް އެފަދަ ކަންކަން ރާވައި ހިންގަމުންދޭތޯ ނުވަތަ ނުދޭތޯ. އޭގެ ޕޮސިބިލިޓީއެއް ނެތް ކަން އޮތް ކަން. އެ ކަހަލަ އެއްވެސް ފާހަގަ ކުރެވިއްޖެއްޔާމުން އެ އަޅަން ޖެހޭ އެކްޝަނެއް އަޅާނެ،" އަންވަރު ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ނަޒަރަކުން ކިޔައިދެއްވަމުން، މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކެވި އާޒިމް ފާހަގަ ކުރެއްވި ކަމަކީ މި ގެނެވޭ މީހުންނަކީ ވަރަށް ގިނަ ހައްގުތަކަކުން އެތައް ދުވަހަކު މަރުހޫމުވެފައި ތިބޭ ބަޔެކެވެ. ކުޑަކުއްޖަކަށް ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގު ލިބެން ޖެހޭ ކަމަކަށް ރާއްޖޭގެ ގާނޫނުތަކުގައި ވެސް ލިޔެފައިވެ އެވެ. އެ ހައްގު ނުލިބި ދިޔުމުން ތިބޭ ނަފުސާނީ ހާލަތަށް ރިއާޔަތްކޮށްގެން މި ޕްރޮގްރާމްތައް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ނޭދެވޭ ތަޖުރިބާ ކޮށްފައި ހުންނާނެ، ޓްރޯމާއެއްގައި އެ މީހުން ތިބޭނީ، ރެހިބިލިޓޭޝަން ޕްރޮގްރާމްތަކަކީ ވަށައިޖެހޭ އެއްޗަކަށް ވާން ޖެހޭނެ. ސައިކޯޝޯސަލް ސަޕޯޓް، ހެލްތުކެއާ، ދީނީ ވާޖިބުތައް އަދާކުރެވޭނެ މާހައުލެއް، ދީނުގައިވާ ގޮތް ސާފުކޮށްދީ އުނގަންނައިދިނުމާ، މި ހުރިހާ ކަމެއް އޭގައި ޝާމިލުވާން ވާނެ،" އޭނާ ވިދާޅުވި އެވެ.

އެއީ ދައުލަތުގެ ޒިންމާއެކެވެ. ދައުލަތެއް އުފައްދަނީ ވެސް، މުޖުތަމައަކަށް ނިސްބަތްވާ އެންމެން ބަލަހައްޓާނެ ނިޒާމެއް އޮތުމުގެ ބޭނުމަށެވެ. އެންމެންގެ ބެލެނިވެރިއެއްގެ ގޮތުގައި ދައުލަތް އޮވެ، ވަކި ތަރަހައަކާއި އުސޫލުތަކުގެ ތެރޭގައި މުޖުތަމައުގެ އެންމެން ބެހެއްޓުމަށެވެ. ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ. މުޖުތަމައަކީ، ބިނާކުރަނިވި އުފެއްދުންތެރި ބަޔަކު އުޅޭ ތަނަކަށް ވާނީ މިފަދަ ނިކަމެތި ހާލުގައި ޖެހުނު އެ މުޖުތަމައަކަށް ނިސްބަތްވާ ބަޔަކު ވެސް ގެނެސްގެން އެ މީހުނަށް ދޭން ޖެހޭ ލޯތްބާއި އަޅާލުން ލިބިގެންނެވެ.

ދިވެހި ދައުލަތުގެ ސިޔާސަތަކީ އެއީ އެވެ. އޭގައި ގޯހެއް ނުފެނެ އެވެ. މައްސަލައެއް ނެތެވެ. އެއީ މައްސަލައެއް ގޮތުގައި ދެކޭ ދެކުން ބަދަލު ކުރަން ޖެހެ އެވެ.