Advertisement

ހޯއްގޮވާ ކެއްސުމުގެ ތިން ކޭސް ރާއްޖެއިން ފެނިއްޖެ

23 ޖަނަވަރީ 2024 - 18:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ހޯއްގޮވާ ކެއްސުމުގެ ތިން ކޭސް ރާއްޖެއިން ފެނިއްޖެ

23 ޖަނަވަރީ 2024 - 18:39 0

ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ހޯއްގޮވާ ކެއްސުނެ ޖެހިފައި ތިބި ތިން ކުޑަކުދިން ގއ. ވިލިނގިލިން ފެނުމާ ގުޅިގެން އަތޮޅު ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓު ކުރުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ހޯއްގޮވާ ކެއްސުން ނުވަތަ ޕާޓޫސިސްއަށް ޕޮޒިޓިވްވި ކުދިންނާ ބައްދަލުވެފައި ތިބި މީހުންގެ ތެރެއިން އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަމަސް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދެމުންދާ ކަމަށެވެ.

އޭގެއިތުރުން ބަލީގެ އަލާމާތްތައް ހުރި މީހުން ބައްޔަށް ޓެސްޓު ކުރުމާއި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންނަށް ބޭސް ދިނުމުގެ މަސައްކަތް ވެސް އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލުން ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހޯއްގޮވާ ކެއްސުން ޖެހުމުން އެންމެ ފުރަތަމަ ފެންނަނީ އާންމު ރޯގާތަކުގައި ވެސް ފެންނަ ފަދަ އަލާމާތްތަކެވެ. ނަމަވެސް ބަލި ޖެހޭތާ ހަފުތާއެއްހައި ދުވަސްފަހުން ވަރަށް ބޮޑަށް ކެއްސައި ގިނަދުވަހަށް ކެއްސުން ދިގުލައިގެންދެ އެވެ.

ގަވާއިދުން ވެކްސިންދޭ އެ ބައްޔަކީ ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެކެވެ. ނަމަވެސް މަދުމަދުން އެ ބަލި ޖެހިފައިވާ މީހުން ރާއްޖެއިން ފެންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ހޯއްގޮވާ ކެއްސުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެ ބަލި ޖެހުނު ނަމަވެސް ބަލީގެ މާބޮޑެތި އަލާމާތްތަކެއް ފެނުން ދުރުކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ހޯއްގޮވާ ބަލިޖެހުމުން އެންމެ ނުރައްކާ ބޮޑުވަނީ ތުއްތު ކުދިންނަށެވެ. އުމުރުން ހަތް އަހަރު ނުވާ ކުދިންގެ ތެރެއިން ޕާޓޫސިސް ވެކްސިން ފުރިހަމަ ނުކުރާ ކުދިންނަށް ވީހައިވެސް އަވަހަކަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ. ކޮންމެ ރަށެއްގެ ވެސް ސިއްހީ މަރުކަޒުން އެ ވެކްސިން ޖެހެން ހުންނާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

ވިލިނގިލި ނޫން އެހެން ސަރަހައްދަކުންވިޔަސް ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ފަރާތަކަށް ނުވަތަ ތުއްތު ކުއްޖަކަށް ނުވަތަ މާބަނޑު މީހަކަށް ރޯގާޖެހި ކެއްސުން ދިގުލައިގެން ދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.