Advertisement

މައިގްނޯންއާ ދިމާކޮށްލި ސަޕޯޓަރު އުމުރު ދުވަހަށް ސަސްޕެންޑް

23 ޖަނަވަރީ 2024 - 13:28 0


މައިގްނޯންއާ ދިމާކޮށްލި ސަޕޯޓަރު އުމުރު ދުވަހަށް ސަސްޕެންޑް

23 ޖަނަވަރީ 2024 - 13:28 0

މިލާން (ޖެނުއަރީ 23) - އޭސީ މިލާންގެ ގޯލްކީޕަރު، މައިކް މައިގްނޯންއާ ނަސްލީ ގޮތުން ދިމާކޮށްލި އުދިނޭޒީ ސަޕޯޓަރު އުމުރު ދުވަހަށް ސަސްޕެންޑް ކުރަން އެ ކްލަބުން ނިންމައިފި އެވެ.

އިޓާލިއަން ލީގުގައި ދާދި ފަހުން، އުދިނޭޒީ ދަނޑުގައި މިލާނުން، 31 ވަނަ މިނިޓްގައި ރުބެން ލޮފްޓަސް-ޗީކް ޖެހި ގޯލުން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މިލާންގެ ކީޕަރު މައިގްނޯންއާ އުދިނޭޒީ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކޮށްލި އެވެ. އެއާ އެކު، އެކަން ރެފްރީގެ ސަމާލުކަމަށް ގެނައުމަށް ފަހު، އެކަން ތަކުރާރުވާތީ، މައިގްނޯން ވަނީ މިލާންގެ ބައެއް ކުޅުންތެރިންނާ އެކު ދަނޑުން ފައިބައިފަ އެވެ. އަލުން މެޗު ފެށީ 10 ވަރަކަށް މިނިޓަށް ފަހު އެވެ.

އުދިނޭޒީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައިގްނޯންއާ ދިމާކޮށްލި ސަޕޯޓަރުންގެ ތެރެއިން، އެކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މައިގްނޯންއާ ނަސްލީ ގޮތުން ދިމާކޮށްލި ސަޕޯޓަރުންގެ ތެރެއިން ފެނުނު ސަޕޯޓަރަށް، އުމުރު ދުވަހު އުދިނޭޒީ މެޗަކަށް ނުވަދެވޭ ގޮތަށް ވަނީ ކްލަބުން ނިންމައިފައި. މިއީ މި ހިނދުން ފެށިގެން އަމަލުކުރާނެ ނިންމުމެއް،" އުދިނޭޒީގެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިޓަލީގެ 46 އަހަރުގެ މީހެކެވެ.

މީގެ ކުރިން ވެސް އިޓަލީގައި ވަނީ މައިގްނޯންއާ ނަސްލީ ގޮތުން ދިމާކޮށްލައިފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މިލާނުން ޔުވެންޓަސްއާ ކުޅުނު މެޗުގަ އެވެ. އެ ފަހަރު އެ މައްސަލަ ބަލާފައިވެސް ނުވެ އެވެ.

އެކަމަކު، މި ފަހަރު މައިގްނޯންއާ ދިމާކޮށްލި މައްސަލައިގައި އޭނާ މީޑިއާ އަށް ދިން އިންޓަވިއުގައި ވަނީ އިޓަލީގެ ކަމާ ބެހޭ އެކި ވުޒާރާތަކަށް މި ކަމުގައި ޗެލެންޖެއް ކޮށްފަ އެވެ. މައިގްނޯން ބުނީ، މި ކަމުގައި ހަމައެކަނި ކަންބޮޑުވުން ފާޅުކުރުމަކީ ހައްލެއް ނޫން ކަމަށާއި މީގެ އަށް އޮތް ގޮތަކީ އަދަބެއް ދިނުން ކަމަށެވެ. އަދި ފިޔަވަޅެއް އަޅަން ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް މައިގްނޯން ވަނީ ބުނެފަ އެވެ.