Advertisement

ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ނިސްބަތް 70 ޕަސެންޓަށް މަތިކޮށްދޭން މަޓީން ހުށަހަޅައިފި

23 ޖަނަވަރީ 2024 - 11:55 9

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓެއް: މިހާރު ރިސޯޓުތަކުގައި ބިދޭސީ މުވައްޒަފުން ގެންގުޅެވެނީ 55 ޕަސެންޓު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ނިސްބަތް 70 ޕަސެންޓަށް މަތިކޮށްދޭން މަޓީން ހުށަހަޅައިފި

23 ޖަނަވަރީ 2024 - 11:55 9

ރިސޯޓުތަކަށް އެކަށީގެންވާ ވަރަށް ދިވެހިން ލިބެން ނެތް ކަމަށް ދިރާސާއަކުން ދައްކާތީ ރިސޯޓުތަކުގައި ބިދޭސީ މުވައްޒަފުން ގެންގުޅެން ކަނޑައަޅާފައިވާ ރޭޝިއޯ 70 ޕަސެންޓަށް މަތިކޮށްދޭން ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)އިން ހުށަހަޅައިފި އެވެ.

ޓޫރިޒަމް ސިނާއަތުގައި ހުރި މައްސަލަތަކާއި އެ ޖަމިއްޔާއިން ހުށަހަޅާ ކަންކަން ބަޔާންކޮށް މަޓީން ނެރުނު ކަރުދާހެއްގައި މިގޮތަށް ހުށަހެޅީ، ޕީޕަލް ފަސްޓް އެޗްއާރު ކޮންސަލްޓަންސީން ކުރި ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ. ޕީޕަލް ފަސްޓުގެ ދިރާސާއިން ދައްކާ ގޮތުގައި 2023 އިން 2027 އަށް ރިސޯޓުތަކާއި މުޅި ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ދިވެހި މުވައްޒަފުން ލިބޭކަށް ނެތެވެ.

ދިރާސާ ހެދި ފަރާތުން ނިމުތުކުރީ (ފޯކާސްޓުކުރީ) 2027 ގެ ނިޔަލަށް ޓޫރިޒަމް ސިނާއަތަށް 78،087 މުވައްޒަފުން ބޭނުންވާނެ ކަމަށެވެ. މިއީ 2022 ގެ ނިޔަލަށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރި މީހުންގެ އިތުރުން 20،245 މުވައްޒަފުންނެވެ.

މިވަރަށް ވަޒީފާތައް ހުރި ނަމަވެސް، ދިރާސާގައި ބެލި މުއްދަތުގެ ތެރޭގައި ހުރިހާ ސިނާއަތެއް ހިމެނޭ ގޮތަށް ވަޒީފާގެ ބާޒާރަށް ނިކުންނާނެ ކަމަށް ލަފާކުރެވޭ ދިވެހިންގެ އަދަދަކީ 18،658 އެވެ. މީގައި މަޓީން އެންމެ ކަންބޮޑުވާކަމަކީ، މިހާރު ދިވެހި މުވައްޒަފުން އެކި ސިނާއަތްތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު، އޭގެ ތެރެއިން އެންމެ 2،439 މުވައްޒަފުން ޓޫރިޒަމް ސިނާއަތާ ގުޅޭނެ ކަމަށް ބެލެވޭތީ އެވެ.

މި ހޯދުންތަކުގެ މައްޗަށް ރިއާޔަތްކުރާއިރު، ޓޫރިޒަމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ 55 ޕަސެންޓު ބޭރު މީހުން، 45 ޕަސެންޓު ދިވެހިންގެ ރޭޝިއޯގައި މުވައްޒަފުން ގެންގުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މަޓީން ބުނެފައިވެ އެވެ.

މަޓީން މިހެން ބުނެ، ރޭޝިއޯ ބަދަލުކޮށްދޭން ހުށަހަޅާފައިވާއިރު މި ރޭޝިއޯގައި މުވައްޒަފުން ގެންގުޅޭ ރިސޯޓުތައް މިހާރު ވެސް މަދުކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރުގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ގެ ނިޔަލަށް ރިސޯޓުތަކުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ އަދަދަކީ 52،482 އެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 36،885 މީހުންނަކީ ބިދޭސީންނެވެ. ދިވެހިންގެ އަދަދަކީ 15،597 އެވެ. މި އަދަދުތަކުން ހިސާބުކުރާ އިރު މިހާރު ވެސް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ނިސްބަތް 70 ޕަސެންޓަށް އަރަ އެވެ.