Advertisement

ފެން ބޮޑުވުމުގެ ހައްލަކީ ރަށްރަށުގެ މެދަށް އުސްވާ ގޮތަށް މޫދަށް މަގުތައް ކަޗޯރު ކުރުން: ޑރ. ހަސަން ހަމީދު

23 ޖަނަވަރީ 2024 - 14:42 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ވާރެވެހި ފެން ބޮޑުވެފައިވަނިކޮށް، މާލޭގެ ކަނބާއައިސާރަނިހިނގުމުން މީހަކު ހިނގާފައި އަންނަނީ: މާލެ އިން ފެން ހިންދަނީ ޕަންޕް ބޭނުންކޮށްގެން: އަދަދު ފޮޓޯ/ އަބްދުއްﷲ އިޔާން


ފެން ބޮޑުވުމުގެ ހައްލަކީ ރަށްރަށުގެ މެދަށް އުސްވާ ގޮތަށް މޫދަށް މަގުތައް ކަޗޯރު ކުރުން: ޑރ. ހަސަން ހަމީދު

23 ޖަނަވަރީ 2024 - 14:42 0

ރާއްޖޭގެ ރަށްރަށުގައި ވާރޭވެހި ފެންބޮޑުވާ މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ރަށްރަށުގެ މެދަށް އުސްވާ ގޮތަށް މަގުތައް މޫދަށް ކަޗޯރު ކޮށްގެން، އަމިއްލަ ޒާތުގައި ފެންގަނޑު ފައިބައިގެން ދާގޮތް ހެދުން ކަމަށް ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން އަމިއްލަ ބްލޮގްގައި ދިރާސީ އިލްމީ މަޒުމޫނޫ ލިޔުއްވާ، ހަސަން އެނާގެ ބްލޮގްގައި އެންމެ ފަހުން ލިޔުއްވާފައި ވަނީ ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުން ދާއިމަށް ހައްލުކުރާނެ ގޮތާ ބެހޭ ގޮތުންނެވެ.

ފިލޯސަފީން ޕީއެޗްޑީ ހައްދަވާފައިވާ ހަސަން ވިދާޅުވި ގޮތުގައި ރަށްރަށުގައި ފެންބޮޑުވަނީ ބިންގަނޑު ހަރުވެގެންނާއި، މަގުތައް އެއްވަރުކުރަން ވެލި އަޅާތާ ގިނަ އަހަރުތަކަކުން، ގޯއްޗަށް ވުރެ މަގު އުސްވުމުންނެވެ. ހަސަން ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްތަކަކީ، ފެން ހިންދުމަށް ފަހިވާ ގޮތަށް އާބާދުކުރަމުން އަންނަ ރަށްރަށެއް ނޫނެވެ. އެހެންކަމުން، ފެންބޮޑުވުމުން ރައްކާތެރިވުމަށް ކުރަންވީ އެންމެ މުހިންމު ކަމަކީ، ވާރޭ ފެން ފޭދިގެން ނުވަތަ ގޮނޑުދޮށަށް ދާގޮތަށް ފަހިކޮށް ރަށްތައް އާބާދުކުރުމެވެ.

"އަޅުގަނޑުގެ ނަޒަރުގައި، ރާއްޖޭގެ ރަށްތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ދާއިމީ ހައްލަކީ، ރަށުގެ ހުރަހަށް މަގުތައް ކަޗޯރުކުރުމެވެ. މަގު ކަޗޯރުކުރާނީ، މަދުވެގެން 4000 ފޫޓުން އެއް ފޫޓަށް ފެން ފަހިވާ ގޮތަށެވެ. މިއަށް ވުރެ ކަތި ބޮޑުކުރެވޭނަމަ، އެ މިންވަރަކަށެވެ." ހަސަންގެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.

ކުރެހުމާއި ފޮޓޯ އާއެކު އެ ލިޔުމުގައި ބުނެފައިވާ ގޮތުގައި މަގު ހަދާއިރު ވެސް ހަދަން ވާނީ މަގުގެ ދެ އަރިމައްޗަށް ފެން ފަހިވާ ގޮތަށެވެ. އަދި, މަގުގެ ދިގަށް ވެސް ފެން ފަހިކުރަން ޖެހޭނެ އެވެ.

"ގިނަ ރަށް ހުންނަނީ ދިގުކޮށެވެ. މިގޮތަށް ރަށްތައް ހުންނަ އިރު، ގިނަ ރަށްރަށުގެ ހަނި ފަރާތް މޫދާ ކައިރިވާނެ އެވެ. މަގު ހަދަން ޖެހޭނެ ގޮތަކީ، ހުރަސް މަގުތައް މޫދަށް ތިރިވާ ގޮތަށް ރަށުގެ މެދަށް އުސްކުރުމެވެ." ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ހަސަން ކިޔުއްވާފައިވެ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްތަކުގެ ފަސްގަނޑު ހަމަކަމުން މަގުތައް ކަޗޯރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް، މީގެ 2000 އަހަރު ކުރިން، ރޫމީންގެ މުހިއްމު ސަހަރުތަކަށް ފެންގެންދިއުމަށް ބޭނުންކުރި އުސް ކާނު ތަކުގައިހުރި ކަޗޯރާ އެއް މިނަކަށް ރަށްރަށުގެ މަގުގައި ކަޗޯރު ހަދައިގެން ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދި ދާނެ އެވެ. އެ ކަޗޯރު މިނަކީ ކޮންމެ 4،000 ފޫޓަކުން އެއް ފޫޓު ތިރިކުރުމެވެ.

މަޒުމޫނުގައި ހަސަން ވިދާޅުވެފައިވާ ގޮތުގައި މަގުތަކުގައި ހެދޭ ފެން ޖާމާކުރާ ގޮތަށް ބޮޑެތި ވަޅުބުރި ހަދަައި ޕަންޕް ޖަހައިގެން ފެން ހިންދުމަކީ، އަގު ބޮޑު ހަރަދު ބޮޑު އަދި ދެމެހެއްޓެނިވި ނޫން ގޮތެކެވެ.