Advertisement

އިންޓަ އިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި

23 ޖަނަވަރީ 2024 - 08:38 0


އިންޓަ އިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި

23 ޖަނަވަރީ 2024 - 08:38 0

ރިޔާދު، ސައުދީ އަަރަބިއްޔާ (ޖެނުއަރީ 23) - ނަޕޯލީގެ މައްޗަށް 1-0 އިން ކުރިހޯދައި، އިންޓަ މިލާނުން އިޓާލިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ އިންޓަ އިން ސުޕަ ކަޕްގެ ތަށި އުފުލާލި އަށް ވަނަ ފަހަރެވެ. އެންމެ ފަހުން ތިން ފަހަރު ވެސް ޗެމްޕިއަނަކީ އިންޓަ އެވެ.

މިދިޔަ އަހަރުގެ ސުޕަ ކަޕް ފައިނަލުގައި އިންޓަ އިން ފަސޭހަކަމާ އެކު، އޭސީ މިލާން އަތުން 3-0 އިން މޮޅުވި އެވެ. އެކަމަކު، ނަޕޯލީ ކައިރީގައި ރޭ އިންޓަ އަށް ފަސޭހައިން ނަތީޖާ ނެރެވޭ ގޮތެއްނުވި އެވެ.

ކޭއެސްޔޫ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. އިންޓަގެ ފުލްބެކް، ބެންޖަމިން ޕަވާޑް ނަގައިދިން ހުރަހަކަށް އަރައި، ލަޓާރޯ މާޓިނޭޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މާޓީނޭޒް ޖެހި 21 ވަނަ ގޯލެވެ. މިއީ އިންޓަ އަށް މާޓީނޭޒް ޖަހައިދިން 123 ވަނަ ގޯލެވެ. އިންޓަ އަށް ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ނުވަ ވަނައިގައި މާޓީނޭޒް އޮތީ ކުރީގެ ސްޓްރައިކަރު، ކްރިސްޓިއަން ވިއޭރީއާ އެއްވަރަށް ގޯލު ޖަހައިގެންނެވެ.