Advertisement

މިސާލުބަސް؛ ދަނޑުބެ ހަކުރަށް ތެޅުނުހެން!

23 ޖަނަވަރީ 2024 - 10:00 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


މިސާލުބަސް؛ ދަނޑުބެ ހަކުރަށް ތެޅުނުހެން!

23 ޖަނަވަރީ 2024 - 10:00 1

މިސާލު ބަހަކީ، ދިވެހި ރަދީފުގައި މާނަކޮށްދީފައިވާ ގޮތުގައި، ހިނގާފައިވާ އާދަޔާ ހިލާފު ހާދިސާއަކަށް ނިސްބަތްކޮށް މިސާލުޖެހުމަށްޓަކައި ބުނެއުޅޭ ބަސްބަހެވެ. އެހެންނަމަވެސް، ދިވެހިންގެ ތެރޭގައި މަޝްހޫރު ހުރިހާ މިސާލު ބަހެއްގައި ހިމެނޭ ހާދިސާތަކަކީ އާދަޔާ ހިލާފު ހާދިސާ ތަކަކަށް ނުވެ އެވެ. ކަނދިކަމަނާގެ މަސްތެލުލުމާއި ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުމާއި، މިފަދަ މިސާލު ބަސްތަކުގައި ހިމެނޭ ހާދިސާތައް އާދަޔާ ހިލާފެއް ނޫނެވެ.

ކަނދިކަމަނާގެ މަސްތެލުލުމަކީ ރަނގަޅަށް ކުރެވިފައި އޮތް ކޮންމެ ކަމެއްގެ ތައުރީފު ލިބިގަތުގައި ރަނގަޅު ނޫން ކޮންމެ ކަމެއް އެހެން މީހަކާ މަތިކުރުމެވެ. ބަންޑާރަ ހަސަނަކީ ގަނޑުވަރުތެރޭގައި ގެންގުޅުނު ކުއްޖެކެވެ. މޫދަށް އެރިލާ ހިތުން ދާ ކޮންމެ ދުވަހަކު މޫދަށް އެރި ތިބޭ މީހުންގެ އަދަދު ގިނަކަމުން އެކަމާ ނުރުހި އެކަނި މޫދަށް އެރެން ލިބޭނޭ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔަ ކުއްޖެކެވެ. އެހެން އުޅެނިކޮށް އެގޮތް ވުމުން އެކަމާ އުފަލުން މޫދުގައި އެގޮތްމިގޮތަށް ފުމެއުޅޭން ފެށި އެވެ.

މި ހާދިސާއިން އުފެދުނު މިބަސް ބޭނުންކުރަނީ އެހެން މީހަކަށް ބާރެއް ނުވަތަ ނުފޫޒެއް ނުފޯރުވޭގޮތަށް އެއްޗަކާ މެދު ނުވަތަ ތަނަކާ މެދު ފެންނަގޮތަކަށް އަމަލުކުރުމުގެ ބާރާއި އިހުތިޔާރު މީހަކަށް ލިބުމުން އެ ކަމަށް ނިސްބަތްކޮށެވެ. މިއީ އާންމުގޮތެއްގައި މަލާމާތުގެ ގޮތުގައި ބޭނުންކޮށް އުޅޭ ބަހެކެވެ. އެހާ އާދަޔާ ހިލާފު ހާދިސާއެއް ނޫނެވެ.

ދިވެހި ބަހުގެ އަދަބިއްޔާތުގެ ތެރެއަށް މިސާލު ބަސް ވަނީ އަރަބި ބަހުގެ ތެރެއިން ކަމަށް ހީކުރަމެވެ. އެހެނީ އަދަބީ އުކުޅެއްގެ ގޮތުގައި މިސާލު ބަސް އެންމެ ފުރަތަމަ ބޭނުންކުރެއްވީ ބަހަވީ އިލްމާއި، ތަފްސީރު އިލްމުގެ އިލްމުވެރިޔާ އަލްއިމާމު އަލްޒަމަޚްޝަރީ، އޭނާގެ 'މުސްތަޤްޞާ" އޭ ކިޔުނު ފޮތުގަ އެވެ. އެ ފޮތުގައި މިސާލު ބަހުގެ ތައާރަފްގައި، ކުރިން ހިނގި ހާދިސާއަށް ކިޔާނީ 'މައުރިދުލްމިސްލު' ކަމަށާއި، ފަހުން ހިނގި ހާދިސާއަށް ކިޔާނީ 'މަޟްރަބުލް މިސްލު' ކަމަށް ޒަމަޚްޝަރީ ލިޔުއްވާފައި ވެެއެވެ. އެއީ މިސާލު އުފެދުނު ހާދިސާ އާއި، އެ އެ ހާދިސާއާ އެއްގޮތްވާ ފަހު ހާދިސާ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭނުންކޮށްއުޅޭ، އެ ސަރަހައްދަކަށް ހާއްސަ މިސާލުބަސް ހުރެ އެވެ. އެއިން މިސާލު ބަހެއް، އެ މިސާލު ބަހަށް އަހުލުވެރި ނޫން ބައެއްގެ ގާތުގައި ބޭނުންކުރުން ވާނީ 'ލޯ އަނދިރި މީހަކަށް ދިރިހަނޑޫ ދެއްކުން' ފަދަ ކަމަކަށެވެ. އެ ބަހުގެ މާނައެއް، އެ ބަސް އެ ބޭނުންކުރި ސަބަބެއްވެސް، ނޭނގޭ މީހާއަކަށް ނޭނގޭނެ އެވެ.

ރަށްޓެއްސަކާ ބައްދަލުވެ ކުރެވުނު މަޝްވަރާއެއްގެ ތެރެއިން އޭނާ ކުއްލިއަކަށް ބުނެފި އެވެ. 'ދަނޑިބެ ހަކުރަށް ތެޅުނުހެން' ތެޅުނަކަސް އަދި ކާމިޔާބެއް ނުވާނެ އެވެ. އަޅުގަނޑުގެ މި އެކުވެރިޔާއަކީ މޮށެއުޅުމުގައި އާދަވެގެން މިސާލުބަސް ބޭނުންކޮށް އުޅޭ މީހެއް ނޫނެވެ. އަދި އެ ބޭނުންކުރި ބަހަކީ މިސާލުބަހުގެ ޖަމާ ފޮތަކުން ކިޔާލަން ލިބުނު ބަހެއް ނޫނެވެ. އޭނާ ނޫން މީހަކު ބުނީތީ އަޑުއެހި ބަހެއްވެސް ނޫނެވެ. 'ދަނޑިބެ' ހަކުރަށް ތެޅުނީ ކިހިނެއްތޯ އަހާލަން ޝައުގުވެރިވި އެވެ. އޭނާ ކިޔައިދިނެވެ.

ދަނޑިބެއަކީ 'ކަންނެތެއް ކަމަކު އަޖައިބެއްފަދަ ކަންނެތްކަމުގައި' އުޅުނު މީހެކެވެ. އާމްދަނީއެއް ހޯދަން މަސައްކަތެއް ކުރަނީކީއެއް ނޫނެވެ. ތަނަވަސްކަމާއި ކާމިޔާބީއަށްވެސް ހިތް އެދެ އެވެ. އެކަމަށް މަސައްކަތްތކުރާނޭ ހަކަތައާއި ހިތްވަރެއް ނުހުރެ އެވެ. ހެލިފެލިވެ ނޫޅުމުގެ ނަތީޖާ ލޮކިމަސް ޖަހައި ބަރުހެލިވެފައި އޮތް ހަށިގަނޑުން ފެނެ އެވެ. ހަމަ މަޑުޗަކުން ޗައްޕާހެވެ.

މީނާގެ އަމަލުތައް ހުންނަ ގޮތާމެދު ހިތްހަމަނުޖެހިގެން މީނާގެ އަންހެނުން ނުރުހުމުގެ ބަސްތަކުން އަމުނަމުން އެބަ ބުނެ އެވެ. ކަލޭވެސް އާމްދަނީ ހޯދަން މަސައްކަތް ކުރާންވެއްޖެ ނޫންހެއްޔެވެ. ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން އާމްދަނީއެއް ލިބޭނީ ލައްކަ ތެޅުމެއް ތެޅިގެންނެވެ. ކަލޭގެ އެކުވެރިންނާއި އަވަށްޓެރިންނަށް ބަލާބަލާށެވެ. އެމީހުންނަށް ލިބިފައި އެހުރި ތަނަވަސް ކަމެއް ލިބިފައި އެހުރީ ހާދަހާ ތެޅުމެއް ތެޅިގެންނެވެ.

އޭރުވެސް ދަނޑިބެ އޮތީ އެއް ލޯ ހުޅުވައިގެން އެއް ކަންފަތް އަނބިގޮއްޔެއަށް ދީގެން ދެބަދޭތެރޭގަ އެވެ. އެހެން އޮވެ އަނބިގޮއްޔެއަށް ބުނެ އެވެ. ތިއީ ތެޅިގެން ވާ ކަމެއް ވިއްޔާ މަވެސް މިހިރީ ތިޔަ ތެޅުމެއް ތެޅޭށެވެ. މިހެން ކިޔައި އެނދުމަތީގައި އޮވެގެން މުޅި ހަށިގަނޑަށް ރޫރޫ އަޅުވައި ތެޅެން ފަށައިފި އެވެ. އަނބިގޮއްޔެ ނިތަށް އެރުވި ރުލާއެކު ހިތަށް އެރިހާ އެއްޗަކަށް ފަރުވާވެ ދުލަށް ރަށްކާތެރިވުމަށް އެތަން ދޫކޮށް އަވަހަށް ދިޔައީ އެވެ.

މި ތަފުސީލުތައް ދިނުމަށްފަހު އެކުވެރިޔާ ބުންޏެވެ. މިއީ ތިމަންނާ ކުޑައިރު މީހަކު ބުނީތީ އަޑުއެހި ވާހަކައެކެވެ. އެ ވާހަކަ އަދިވެސް ސިކުނޑީގައި ހަރުލައި ހުރީ އެވެ. މި ބަސް ބުނި މީހަކު މިބަސް ބޭނުންކުރީ، ކަމެއް ކާމިޔާބު ވާނީ އެކަމެއް ކުރާން އޮންނަ ރަނގަޅު ގޮތަށް އެކަމެއް ކޮށްގެންނޭ ބުނުމަށެވެ.

އާންމު މިސާލު ބަސްތަކުގެ ތެރޭގައި އަޑު ނީވުނުނަމަވެސް މިއީ އަޅުގަނޑުމެންގެ މި މުޖުތަމައުއާ ހާދަހާ ގުޅޭ މިސާލު ބަހެކޭ އަޅުގަނޑު ހިތަށް އެރި އެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އަމަލުތައް މިހުރީ ދަނޑިބެ ހަކުރަށް ތެޅުނުހެންނެވެ. އިތުރަށް މައުލޫމާތު ހޯދުމަށް އަޅުގަނޑު ގުޅި އެއްވެސް ބޭފުޅަކަށްވެސް މިބަސް އަޑުއިވިފައެއް ނެތެވެ. އެކަމަކު މި ބަސް ބޭނުންކުރާ ހާލަތާއި ހާދިސާ ކިޔައި ދިނުމުން ތިއީ ވަރަށް މުނާސަބު ބަހެއް ކަމަށް ކޮންމެ ބޭފުޅަކުވެސް ވިދާޅު ވެއެވެ.

ތަފުސީލު ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މި ވާހަކަ އެހެން ގޮތަކަށް އަޑުއިވިއްޖެ އެވެ. މިސާލު ބަހުގައި އެ ބުނާ 'ދަނޑިބެ' އަކީ ރަނގަޅު ގޮތް ނޫންކަމާއި، ރަނގަޅު ގޮތަކީ 'ދަނޑުބެ' ކަމަށް ނިކަން ދޮށީ އުމުރުގެ ބޭފުޅެއްގެ ފަރާތުން މައުލޫމާތު ލިބިއްޖެ އެވެ. މި ދަނޑުބެ އަކީ ރ އަތޮޅު ރަސްގެތީމު މީހެއް ކަމަށް ވެއެވެ. ރަސްގެތީމުގައި އީދު ދުވަހުގެ ފޮނި ކެއުންތައް ތައްޔާރުކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ރައްޔިތުން އަވަދިނެތި އެބައުޅެ އެވެ. އެންމެ ތަދު އެއްޗަކަށް ވެފައި އޮތީ ހަކުރެވެ. އެހެންވެ އެންމެން ހަކުރު ހޯދަން 'ތެޅެނީ' އެވެ. ދަނޑުބެ އޭރު އޮތީ ގޭ ބޮޑު އަށީގައި ހަމަޖެހިލައިގެން އޮށޯވެލައިގެންނެވެ. އޭނާ އެހެން އޮތީ ހަކުރު ލިބޭނޭ އިންތިޒާމު ދުރާލާ ހަމަޖައްސައިގެންނެވެ. އެކަން އޭނާގެ އަނބިގޮއްޔެއަކަށް ނޭނގެ އެވެ. އޭނާ ހަމަޖެހިލާފައި އޮތްތަން ފެނުމުން، ހަކުރު ހޯދަން އުޅެބަލާށޭ އަނބިގޮއްޔެ ބުނުމުން، ތިކަމާ މި 'ތެޅެނީ' އޭ ބުނެ އަށި މަތީގައި އޮވެ ތެޅެންފެށި އެވެ. އެހެން ތެޅިތެޅި އޮއްވައި، ހަކުރު ގަންނަން ފޮނުވި މީހާ ހަކުރު ހިފައިގެން އައިސް އެބަ ވަދެ އެވެ. މި މީހާ ކިޔައިދިން ގޮތުގައި މި ބަސް ބޭނުންކޮށްއުޅޭނީ ރީތިކޮށް ހަމަޖެހޭން އޮތް، ނުވަތަ ހަމަޖެހިފައި އޮތް ކަމަކާވެސް މާބޮޑަށް އުޅޭ އުޅުމަށް ނިސްބަތްކޮށެވެ.

މި ދެގޮތަށް ބަލާއިރުވެސް، މި މިސާލު ބަހަކީ އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ފެންނަ ކަންކަމާ ހާދަހާ ގުޅުން ހުރި މިސާލު ބަހެކޭ ހީވެ އެވެ. ބައެއް ފަހަރު އަޅުގަނޑުމެންގެ ސަރުކާރުން ކުރާ މަސައްކަތްތަކާއި އެކި ޕާޓީތަކުން ސިޔާސީ ކަންކަމުގައި އުޅޭ އުޅުމުގައިވެސް އުޅެގަންނަނީ ދަނޑިބެ ހަކުރަށް ތެޅުނުހެން ނޫންތޯ އެވެ. އަޅުގަނޑުމެން އަމިއްލަ ދިރިއުޅުމުގައި ކުރާ ވަރަށް ގިނަ ކަންތައްތައް މި ކުރެވެނީ ހަމަ އެކަން ކުރާން އޮތް އެންމެ ރަނގަޅު ގޮތަށްތޯ އެވެ. އެ ނޫން ގޮތަކަށް ކުރެވޭނަމަ އެ ހަކަތަ މި ހޭދަކޮށްލެވެނީ ދަނޑިބެ ހަކުރަށް ތެޅުނުހެން ތެޅުމުގަ އެވެ. އެކަމަކުން އަދި މި އެދޭ ނަތީޖާއެއް ނުނުކުންނާނެ އެވެ.

ދިވެހިންގެ ތެރޭގައި ބޭނުންކޮށްއުޅޭ މިފަދަ މިސާލު ބަސްތަކުން ހާމަވަނީ އިހުގެ ދިވެހިންގެ އުޅުމާއި ވައްޓަފާޅި އެވެ. އެފަދަ ބުނުންތަކުން ބަހަށް ލިބޭ ފަށުވިކަމާއި މުއްސަނދިކަމުގެ އިތުރުން، އެ ބަސްތަކުގެ ސަބަބުން ދިވެހިންގެ ސަގާފަތުވެސް ހާމަ ވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭނުންކޮށްއުޅޭ މިސާލުބަސްތަކުގެ މައްޗަށް ބަލާލައި އަދި މިހާތަނަށް ކުރެވިފައި ހުރީ އެހާ ތަނަވަސް މަސައްކަތްތަކެއް ނޫނެވެ. އެހެންނަމަވެސް މިއީ ފުޅާކޮށް، އަދިވެސް އިތުރަށް ތަރައްގީ ކުރެވިދާނޭ މަސައްކަތެކެވެ.