22 ޖަނަވަރީ 2024 - 15:30 0
މުހައްމަދު ނަސީމް
ޖަލެއްގައި ގައިދީއެއްގެ އަތުގައި ބިޑިއަޅުވާފައި. ގައިދީން ކައިވެނިކުރުން މަނާކުރެވިދާނެ ކަމަށް މިއަދު ނެރުނު ފަތުވާއެއްގައި ބުނި. ފައިލް ފޮޓޯ/އަދަދު
22 ޖަނަވަރީ 2024 - 15:30 0
ޖަލުގައި ބަންދުކޮށްފައިވާ ދެ ގައިދީން ކައިވެނި ކުރުން މަނާ ކުރެވިދާނެ ކަމަށް ބުނެ ފަތުވާ މަޖިލީހުން ފަތުވާއެއް ނެރެފި އެވެ.
ކަރެކްޝަނަލް ސާވިސް އިން މިދިޔަ ޖޫން މަހު ހެދި ގަވާއިދެއްގައިވާ ގޮތުން ދެގައިދީންނަކަށް ކައިވެންޏެއް ނުކުރެވެ އެވެ. އެ ގަވާއިދާ މެދު ބަޔަކު ކަންބޮޑުވުން ފާޅުކުރިކަން އެނގޭކަށް ނެތެވެ. އެހެން ނަމަވެސް ފަތުވާ މަޖިލީހުން މިއަދު ކުއްލި ގޮތަކަށް ނެރުނު ފަތުގައި އޮތީ އެފަދަ ގަވާއިދެއް ހެދިދާނެ ކަމަށް ކަނޑަ އަޅައި އެކަމުގެ ހުއްޖަތްތައް ބަޔާންކޮށްފަ އެވެ.
އެ ފަތުވާގައި ބުނީ މިނިވަން ފަރުދުންނަށް ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން ބައެއް ހައްގުތަކުން، ވަގުުތީ ގޮތުން މަހުރޫމްކުރުން ޝަރުއީ މަސްލަހަތާ ފުށުއަރާނާރާ ކަމަށެވެ. ސަބަބެއް ކަމަށް އެ ފަތުވާގައި ބުނެފައި ވަނީ ޖަލުތަކުގެ ނިޒާމު ހަމަޖެހިފައި ހުރީ ދެ ގައިދީއަކަށް ލިބޭ ދަރިން ބެލެހެއްޓޭނެ އިންތިޒާމެއް ނެތި ކަމަށް ވުމެވެ. އެގޮތަށް އެކަން އޮއްވައި ދެ ގައިދީއަކު ކައިވެނިކުރުމަކީ އިޖުތިމާއީ އިތުރު މައްސަލަތަކެއް އުފެދިދާނެ ކަމެއް ކަމަށް ވެސް ފަތުގައި ބުނެފައި ވެ އެވެ.
"...މިހާލަތުގައި ތިބި ދެމީހުން ކުރާ ކައިވެެނީގެ ތެރެއިން ދަރިއަކު ލިބިއްޖެ ނަމަ އެކުއްޖާގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ އިތުރު ތަކުލީފުތަކެއް ދައުލަތުން ތަހައްމަލުކުރަން ޖެހޭ ގޮތް އެބަ ދިމާވޭ،" ފަތުވާގައި ބުނެފައި ވެ އެވެ.
އެގޮތަށް އެކަން އޮތުމުން ދެ ގައިދީންނަށް ލިބޭ ކުދިން މައިންބަފައިންގެ ލޯބިން މަހުރޫމު ވުމުގެ ބިރު އޮތުމާއި މުޖުތަމައަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން ދެ ގައިދީން ކައިވެނިކުރުން ވަގުތީ ގޮތުން މަނާކުރުމަކީ އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމެއް ނޫން ކަމަށް ފަތުވާގައި ބުނެފައި ވެ އެވެ.
"އަދި ދަންނަވަން. ގައިދީން ކައިވެނިކުރުން މުތުލަގު ގޮތެއްގައި މަނާކުރާ ޝަރުއީ ދަލީލެއް ނެތުމާއެކު ޝަރުއީ އިމުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ގައިދީންގެ ޖިންސީ ޣަރީޒާތައް ފުއްދުމުގެ ގޮތުން ކުރިން މީހުންނާ އިނދެގެން ތިބޭ ގައިދީންނަށް ޝަރުއީ ހަލްވަތުކުރުމާއި އަލަށް ކައިވެނިކުރުމަށް ބޭނުންވާ ގައިދީންނަށް ކައިވެނިކުރުމާ ގުޅޭ ގަވައިދެއް އޮތުމަކީ ނުހަނު ބޭނުންތެރިކަމެއް،" މިއަދު ނެރުނު ފަތުވާފައި ބުނެފައި ވެ އެވެ.
Comment