Advertisement

ފެމިލީ ކޯޓުން މިދިޔަ އަހަރު 2،236 މައްސަލައެއް ނިންމި: ތަފާސް ހިސާބު

23 ޖަނަވަރީ 2024 - 10:16 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފެމިލީ ކޯޓު -- ފޮޓޯ: އަދަދު


ފެމިލީ ކޯޓުން މިދިޔަ އަހަރު 2،236 މައްސަލައެއް ނިންމި: ތަފާސް ހިސާބު

23 ޖަނަވަރީ 2024 - 10:16 0

މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށަހެޅީ 2،313 މައްސަލައެއް ކަަމާއި، އޭގެ ތެރެއިން 2،236 މައްސަލައެއް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން 2022 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް ހިމެނޭހެން، 2023 ވަނަ އަހަރު ނިމުނު އިރު އެ ކޯޓުގައި ނުނިމި އޮތީ 318 މައްސަލައެކެވެ.

މިދިޔަ އަހަރު ފެމިލީ ކޯޓަށް ވަރީގެ ގިނަ މައްސަލަތަކެއް ހުށަހެޅި އެވެ. ކޯޓުން ބޭރުގައި ވަރިކުރުމަށްފަހު ވަރި ސާބިތުކުރުމަށް ހުށަހެޅި 631 މައްސަލައަކާއި ވަރިވުމަށް އެދި ހުށަހެޅި 744 މައްސަލަ، ވަރިކުރުމަށް އެދި 291 މައްސަލަ އަދި ވަރިއާމެދު ޝައްކުވެގެން ހުށަހެޅި 29 މައްސަލައެއް އޭގެ ތެރޭގައި ހިމެނެ އެވެ.

މީގެތެރެއިން ގިނަ މައްސަލަތަށް އެ ކޯޓުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބަލައި ނިންމައިފަ އެވެ.

ކައިވެނީގެ އަދަދުތަކަށް ބަލާއިރު ރާއްޖެއިން ބޭރުގައި ކުރި ޖުމްލަ 163 ކައިވެންޏެއް މިދިޔަ އަހަރު ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ.

ވަރިކައިވެނީގެ މައްސަލަތަކަށް ފަހު ފެމިލީ ކޯޓަށް ދެންް އެންމެ ގިނައިން ހުށަހެޅިފައިވަނީ ގެވެށި އަނިޔާ އަދި ދަރީންގެ ހަރަދުގެ މައްސަލަތަކެވެ. އެކޯޓަށް ހުށަހެޅޮި ގެވެށި އަނިޔާގެ 80 މައްސަލައިގެ ތެރެއިން ހަ މައްސަލަ ފިޔަވާ ހުރިހާ މައްސަލައެއް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

ދަރީންގެ ހަރަދު ހޯދުމަށް އެ ކޯޓަށް 39 މައްސަލައެއް ހުށަހެޅި އިރު، ދަރިންގެ ހަރަދު ކެނޑުމަށް އެދި 50 މައްސަލައެއް އެ ކޯޓަށް ހުށަހެޅި އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި 42 މައްސަލައެއް ވެސް އެކޯޓުން މިދިޔަ އަހަރު ނިންމި އެވެ.