Advertisement

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ވިޔާފަރިތަކަށް ޑޮލަރު ނުވިއްކޭ ހާލަތަށް ދަނީ

22 ޖަނަވަރީ 2024 - 14:10 2

އަމަން ހަލީމް

އަމަން ހަލީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އޮފީސް: ބޭންކުން ބުނަނީ ޑޮލަރު ލިބުން ދަތިކަމަށް -- އަދަދު ފައިލް ފޮޓޯ


ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ވިޔާފަރިތަކަށް ޑޮލަރު ނުވިއްކޭ ހާލަތަށް ދަނީ

22 ޖަނަވަރީ 2024 - 14:10 2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރުން މުދާ ގަންނަން ވިޔަފާރިތަކުން ކުރާ ޓީޓީތަކަށް ޑޮލަރު ނުވިއްކޭ ހާލަތަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ބީއެމްއެލްގެ ޑޮލަރު ސަޕޯޓު ހިދުމަތަކީ އެ ބޭންކުގައި އެކައުންޓު ހުޅުވާފައިވާ ހުރިހާ ވިޔަފާރިތަކަށް ބޭންކުން ދެމުން އައި ހިދުމަތެކެވެ. މިކަމަށް ކަނޑައެޅިފައިވާ ސީދާ ވަކި އަދަދެއް ނޯންނަ ނަމަވެސް ބޭންކުން މިހާތަނަށް އައީ ޓީޓީތަކަށް ފައިސާ ދޫކުރަމުންނެވެ.

އެހެން ނަމަވެސް ޑޮލަރު ތާށިކަމާ ގުޅިގެން މިގޮތަށް ޓީޓީތަކަށް ފައިސާ ދޫކުރެވެން ނެތް ކަމަށް، "އަދަދު"އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން މައުލޫމާތު ދީފައިވެ އެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުން ބޭންކުގެ އޮފިޝަލަކު ވިދާޅުވީ ޑޮލަރު ސަޕޯޓު ހުއްޓާ ނުލާ ކަމަށެވެ. މި ހިދުމަތް އެއްކޮށް ހުއްޓާނުލީ ކަމުގައިވީ ނަމަވެސް ޓީޓީއަށް ޑޮލަރު ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް ބޭނުންވާ ޑޮލަރު އެ ވަގުތެއްގައި ބޭންކަށް ދެވެން ހުރި މިންވަރަކަށް ބަލައި ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް މި އެހީތެރިކަން ބިނާވެފައި އޮންނަނީ ބޭންކުގެ ރިޒާވްގައި ހުރި ޑޮލަރުގެ ނިސްބަތަކަށް," ބޭންކުގެ އޮފިޝަލް ވިދާޅުވި އެވެ.

ޑޮލަރު ސަޕޯޓަށް ދަތިތަކެއް ހުރި ނަމަވެސް ބޭންކުގައި ޑޮލަރު ހުރި އެއްވެސް އެކައުންޓެއްގައި ހުރި ފައިސާއަށް ނުވަތަ މިހާރު ކަނޑައަޅާފައިވާ އެއްވެސް މިންގަނޑަކަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފައިވެ އެވެ. އަދި, އެކައުންޓުގައި ޑޮލަރު ހުރެގެން ފައިސާ ފޮނުވުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވެސް ބޭންކުން ދީފައިވެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީގައި ބީއެމްއެލްއިން ވަނީ ދުވާލަކަށް އޭޓީއެމްތަކުން 1600 ޑޮލަރު ނެގޭ ގޮތަށާއި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކަށް ޑޮލަރު އެކައުންޓް ހަމަޖައްސާފައިވާ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރުގެ މުއާލަމާތް ކުރެވޭ ގޮތަށް، ކޮވިޑު ދުވަސްވަރު ކަނޑައެޅިޑޮލަރު ލިމިޓުުތައް އުވާލާފަ އެވެ. އަދި ބޭންކުން މިހާރު ވެސް އަންނަނީ ސަރުކާރުގެ އެންގުމެއްގެ މަތިން ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް ކޮންމެ މީހަކަށް 500 ޑޮލަރު މަގުން ދަތުރުވެރިންނަށް ޑޮލަރު ވިއްކަމުންނެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ޑޮލަރު ވިއްކޭ އަގު ކޮންޓްރޯލް 15.42ރ. ގައި ކޮށްފައި އޮތް ނަމަވެސް ޑޮލަރު އެހެން ގޮތަކުން ނުލިބޭތީ ގިނަ މީހުންނަށް މަޖުބޫރު ވަނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. އާންމުކޮށް ކަޅު ބާޒާރުން ޑޮލަރު ލިބެނީ 16ރ. އާއި 18ރ. އާ ދެމެދުގެ އަގުތަކުގަ އެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވައި، ބޭންކަށް ޑޮލަރު ވަންނަ ގޮތަށް އުސޫލުތައް ކަނޑައެޅިގެން މެނުވީ ޑޮލަރު ތާށިކަން ނުފިލާނެ ކަމަށް ބޭންކުގެ ވެރިންނާއި އިގުތިސޯދީ މާހިރުން ބުނަމުން އަންނަތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.