Advertisement

ރެއާލަށް ފަހު ވަގުތު މޮޅެއް، އަންޗެލޮޓީ ވީއޭއާރް ދިފާއުކޮށްފި

22 ޖަނަވަރީ 2024 - 12:51 0


ރެއާލަށް ފަހު ވަގުތު މޮޅެއް، އަންޗެލޮޓީ ވީއޭއާރް ދިފާއުކޮށްފި

22 ޖަނަވަރީ 2024 - 12:51 0

މެޑްރިޑް (ޖެނުއަރީ 22) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޑެނީ ކާވަހާލް ޖެހި ގޯލުން 3-2 އިން ރެއާލް މެޑްރިޑުން އަލްމޭރިއާ ބަލިކުރި މެޗުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ގިނަ ނިންމުންތަކެއް ރެއާލް ކޮޅަށް ނިމުނުއިރު، އެ ނިންމުންތަކުގެ ދިފާއުގައި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވާހަކަދައްކައިފި އެވެ.

މި މެޗު ފަށައިގެން މިނެޓެއްގެ ތެރޭގައި އަލްމޭރިއާ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ލާޖީ ރަމަޒާނީ އެވެ. މިއީ ލޫކަސް ރޮބާޓޯނީގެ އެހީތެރިކަމާ އެކު އޭނާ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްމޭރިއާގެ އެޑާ ގޮންޒާލޭސް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

ރެއާލުން މި މެޗުގެ ނަތީޖާ އަނބުރާލިއިރު، އެންމެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވީ ވީއޭއާރްގެ ނިންމުންތަކަށެވެ. ރޭގެ މެޗަކީ މި ފަހަރު ލީގުގައި ވީއޭއާރް އިން ތިން ފަހަރު ރެފްރީގެ ނިންމުމެއް ރިވިއުކޮށް ފުރަތަމަ ނިންމުން ބަދަލުކުރުމަށް ފަހު، އެއް ޓީމެއް ކޮޅަށް ނިންމުން އައި ފުރަތަމަ މެޗެވެ.

އަލްމޭރިއާ އިން ވަރަށް ބޮޑަށް މި ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރިއިރު، އަންޗެލޮޓީ ބުނީ، ކޮންމެ ނިންމުމެއް ވެސް ވީއޭއާރް އިން ބަލާފައި ހުރީ ރަނގަޅަށް ކަމަށެވެ.

"އަހަންނަށް ފެނުނު ރީޕްލޭ ވެސް. އަހަރެން ދެކޭ ގޮތުގައި ރެފްރީ ހުރީ ރަނގަޅަށް ނިންމާފައި. އެއީ އަހަންނަށް ވެސް ގަބޫލުކުރެވޭ ގޮތް،" އަންޗެލޮޓީ ބުންޏެވެ.

ފޯރިގަދަކޮށް ފެނުނު، ދެ ވަނަ ހާފު ފަށައިގެން ރެއާލުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކުރި އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ރެއާލުން ވަނީ ފުރަތަމަ ގޯލު ޖަހައިފަ އެވެ. ވީއޭއާރު ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއަކުން މި ގޯލު އެ ޓީމަށް ޖަހާދިނީ ޖޫޑް ބެލިންހަމް އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި އަލްމޭރިއާގެ ސާޖިއޯ އަރިބާސް ގޯލު ޖެހި ނަމަވެސް ރެފުރީ ވަނީ ވީއޭއާރު ބެލުމަށްފަހު މި ގޯލުގެ ކުރިން ފައުލް ކޮށްފައިވާ ކަމަށް ބުނެ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.

ރެއާލުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 67 ވަނަ މިނެޓުގައި އައުރެލިން ޗުއަމެނީ ނަގައިދިން ހުރަހަކުން ވިނީޝިއުސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތު ގޮތުގެ ފަހު މިނެޓުގައި ރެއާލަށް ލީޑު ނަގާދިނީ ކާވަހާލް އެވެ.

މި ނަތީޖާއާ އެކު ރެއާލުން ލީގު ތާވަލުގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ޖިރޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެ 51 ޕޮއިންޓާއެކުގަ އެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ޖިރޯނާ އަށް 21 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.