22 ޖަނަވަރީ 2024 - 10:14 0
އާމިނަތު ނިއުޝާ
ލޯފަން މީހުން ވޯޓުލާން ބޭނުންކުރެވޭނެ ޓެމްޕްލޭޓެއް ދައްކާލަނީ؛ އީސީއިން ވަނީ މިފަދަ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ހުޅުވާލާފައި -- ފޮޓޯ: މަޖިލިސް
22 ޖަނަވަރީ 2024 - 10:14 0
ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން , މާޗް 17ގައި އޮންނަ މަޖިލިސް އިންތިހާބުގައި ވޯޓުލާއިރު އެކަމަށް ހާއްސަ ޓެމްޕުލޭޓު ބޭނުންކުރަން އެދޭ ނަމަ އެކަމަށް ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލައިފި އެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމަށް ބޭނުންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ މީހުން ރަޖިސްޓްރީވާން ހުޅުވާލާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތަރެއްގެ ނިޔަލަށެވެ.
ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީކުރަން ޖެހޭނީ 1414 އަށް ގުޅައިގެންނެވެ. އެ ނަންބަރަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެެވެ. ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 ގެ ނިޔަލަށް ވެސް ގުޅައިގެން ރަޖިސްޓްރީކުރެވޭނެ އެވެ.
ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ.
ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ޓެމްޕްލޭޓެއް މެދުވެރިކޮށް އެ މަގު ފަހިކޮށްދޭންޖެހޭ ގޮތަށް އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖޫން 19, ގަ އެވެ.
އަލަށް މި ޓެމްޕްލޭޓް ބޭނުންކުރަން ފެށީ ސެޕްޓެމްބަރު ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގަ އެެވެ. އެފަހަރު ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ދިނީ 45 މީހުންނެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.
Comment