22 ޖަނަވަރީ 2024 - 07:04 0
ސައުދީ މެޗުގެ ތެރެއިން މަންޗިނީ: އޭނާ ވަނީ ސައުދީ އަކީ އޭޝިއަން ކަޕްގެ ފޭވަރިޓެއް ނޫން ކަމަށް ބުނެފައި.
22 ޖަނަވަރީ 2024 - 07:04 0
އަލް ރައްޔާން، ގަތަރު (ޖެނުއަރީ 22) - ކިރްގިސްތާން އަތުން 2-0 އިން މޮޅުވެ، އޭޝިއަން ކަޕްގެ ގަދަ 16 ބުރުން ސައުދީ އަރަބިއްޔާ އިން ފުރުސަތު ހޯދި ނަމަވެސް އަދި އެ ޓީމަށް ތަށި ލިބޭނެ ކަމުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ސައުދީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
ގްރޫޕް އެފްގައި ކުޅުނު ދެ މެޗުން މޮޅުވެ، ބާކީ މެޗެއް އޮއްވައި، ސައުދީން ވަނީ ގަދަ 16 ބުރުގެ ޖާގަ ހޯދައިފަ އެވެ. އެއީ، އެ ގްރޫޕްގައި ދެން ކުޅުނު މެޗުން ތައިލެންޑާއި އޮމާން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވުމުންނެވެ.
ގަދަ 16 އަށް ދެން ދަތުރުކުރި ގައުމުތަކަކީ، ގަތަރު، އިރާން، އިރާގު އަދި އޮސްޓްރޭލިއާ އެވެ.
"ރޭންކިން ބުނާގޮތުން އިރާން، ކޮރެއާ، ޖަޕާން ދެން އޮސްޓްރޭލިއާ. އަހަރެމެން މި އޮތީ މާ ފަހަތުގައި،" މި ފަހަރުގެ އޭޝިއަން ކަޕްގެ ތަށި ހޯދަން ސައުދީ އަށް ފުރުސަތެއް އޮތްތޯ އެހުމުން އިޓަލީ އަށް ޔޫރޯ 2020 ކާމިޔާބުކޮށްދިން ކޯޗު މަންޗިނީ ބުންޏެވެ.
އޭނާ ބުނީ މަސައްކަތް ކޮށްގެން މެޗަކަށް ފަހު މެޗެއް ކުރިއަށް ދިއުމުގެ ވިސްނުމުގައި ތިބުން މާ ބުއްދިވެރިވާނެ ކަމަށެވެ.
އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ސައުދީ އަށް ލިބުނު އެންމެ ބޮޑު ފަސޭހަ އަކީ، ކިރްގިސްތާނަށް މި މެޗުގައި ދެ ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ރަތް ކާޑު ދެއްކީ ނުވަ ވަނަ މިނިޓްގަ އެވެ. އެ ގޮތުން، ކިރްގިސްތާންގެ އައިޒާރު އަހްމަތޯފް ކުރި ފައުލަކަށް ފުރަތަމަ ރީނދޫ ކާޑު ދެއްކި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ރަތް ކާޑަކަށް ބަދަލުކުރާށެެވެ.
ސައުދީން ލީޑުނެގީ، 35 ވަނަ މިނިޓްގައި ވޮލީ އަކުން މުހައްމަދު ކަނޯ ޖެހި ގޯލުންނެވެ.
ކިރްގިސްތާނަށް އިތުރު މައްސަލަ ދިމާވީ، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، ހަތް މިނިޓް ތެރޭ އެ ޓީމުގެ އިތުރު ކުޅުންތެރިއަކަށް ރަތް ކާޑެއް ދެއްކުމުންނެވެ، މެޗުގެ 52 ވަނަ މިނިޓްގައި ވީއޭއާރް އިން ބެލުމަށް ފަހު، ކިރްގިސްތާންގެ ކިމީ މާކް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ނުވަ ކުޅުންތެރިންނާ އެކު މެޗު ނިންމާލި، ކިރްގިސްތާން ކޮޅަށް ސައުދީން ދެ ވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ފައިސަލް އަލް-ގަމްދީ އެވެ.
Comment