Advertisement

ސިންގަޕޫރުގައި މަކުނު ވިދުރި އިތުރުވެއްޖެ

22 ޖަނަވަރީ 2024 - 06:29 0


ސިންގަޕޫރުގައި މަކުނު ވިދުރި އިތުރުވެއްޖެ

22 ޖަނަވަރީ 2024 - 06:29 0

ސިންގަޕޫރުގައި މަކުނު ވިދުރި (މަންކީޕޮކްސް/އެމްޕޮކްސް) ފެތުރުން އިތުރުވެއްޖެ އެވެ.

ނިމިގެންދިޔަ 2023 ވަނަ އަހަރުގެ ފަހު ހަތަރު މަހު އެ ބަލީގެ 25 ކޭސް ސިންގަޕޫރުން ފެނިފައި ވާއިރު، ބައެއް ކޭސްތަކަކީ ބަލި ފެތުރޭ އެހެން ސަރަހައްދުތަކުން އެ ގައުމަށް ޒިޔާރަތްކުރި މީހުންނެވެ. ނަމަވެސް ގިނަ ކޭސްތަތަކީ ސިންގަޕޫރުގެ އެތެރޭގައި އެކެއްގެ ފަރާތުން އަނެކަކަށް ފެތުރިފައިވާ ކޭސްތަކެވެ.

މަކުނު ވިދުރި އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން 2022 ވަނީ ކަނޑައަޅާފައިވާ ބައްޔެކެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު 29 ގައުމަކުން މި ބަލީގެ 668 ކޭސް ފެނިފައި ވާއިރު، ނޮވެމްބަރު މަހު 26 ގައުމަކުން 906 ކޭސް ފެނިފައިވެ އެވެ.

ސިންގަޕޫރަކީ ދިވެހިން ވިޔަފާރި ބޭނުންތަކާއި ޗުއްޓީ ހޭދަކުރުމަށް އަދި ތައުލީމު ހާސިލުކުރަން ޒިޔާރަތްކުރާ ގައުމެކެވެ. ބައެއް ދިވެހިން އެ ގައުމުގައި ވަޒަންވެރިވެގެން ވެސް އުޅެ އެވެ.

ބަލި ފެތުރޭ ގޮތްތައް

  • ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ނުކުންނަ ދިޔަ ނުވަތަ މި ބަލީގައި ހަށިގަނޑުގައި ނަގާ ފެންފޮޅުތައް ފަޅައިގެން ގޮސް ނިކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ ތެތް ފަށަލައިގައި ހަލާކުވެފައި ހުންނަ ތަންތަނުގައި ޖެހިގެން
  • ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ނުކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ އަތުގައި ނުވަތަ ތަނެއްގައި ހޭކިފައި ހުއްޓާ, އެ ތަނެއްގައި އަތްލުމަށްފަހު އަތް ނުދޮވެ، ހަށިގަނޑުގެ ތެތް ފަށަލައިގައި ހަލާކުވެފައި ހުރި ތަނެއްގައި އަތްލުން
  • ބަލި ޖެހިފައިވާ މީހާ ކެއްސާއިރު ނުކުންނަ ކުޅުގެ ޒަރީއާއިން
  • ބަލިޖެހިފައިވާ މީހާގެ ގައިން ނުކުންނަ ދިޔަ, ފޮތީގައި ހަރުލައި ހިކިފައި ހުއްޓާ, ގަދަޔަށް ފޮޅާލައިފި ނަމަ އޭގެ ޒަރީއާއިން
  • ބަލި ޖެހިފައިވާ މަންމަގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް ލޭގެ ތެރެއިން ފެތުރުން
  • ތެތް ފަށަލައިގެ ތެރޭގައި ހިމެނެނީ ލޮލާއި އަނގަޔާއި ނޭފަތާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ތެތްފަށަލަ

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނޭ ކަމަށް ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.

މި ބަލި ޖެހޭ ބައެއް މީހުން ސިއްހަތު ގޯސްވެގެންދެ އެވެ.