Advertisement

މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރު އެއާކްރާފްޓް އޭޕްރީލް މަހު ރާއްޖެ ގެންނަނީ

21 ޖަނަވަރީ 2024 - 16:11 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މޯލްޑިވިއަން އިން ބޭނުންކުރާ އޭޓީއާރްގެ ބޯޓުތަކެއް. އިތުރު ބޯޓެއް އޭޕްރީލް މަހު ގެނެވޭނެ ކަމަށް އެކުންފުނިން ބުނޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރު އެއާކްރާފްޓް އޭޕްރީލް މަހު ރާއްޖެ ގެންނަނީ

21 ޖަނަވަރީ 2024 - 16:11 0

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގެންނަ ހަތަރު ވަނަ އޭޓީއާރް އެއާކްރާފްޓް، އަންނަ އޭޕްރީލް މަސްތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އޭވިއޭޝަން ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ރާންސުގެ އެއާޕޯޓެއްގައި މޯލްޑިވިއަން އިން އަލަށް ގެންނަ އެއާކްރާފްޓުގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ. މިއީ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަން އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަނެގެން ގެންނަ އޭޓީއާރް 600-42 މަރުކާގެ އާ ދެބޯޓުގެ ތެރެއިން އެއް ބޯޓެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް، އަހުމަދު މުޝްއިލް ސޮބާހު "އަދަދު" އަށް މިއަދު ވިދާޅުވީ އަލަށް ގެންނަ އެ ބޯޓު މި އަަހަރުގެ އޭޕްރީލް މަސް ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެއީ 46 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓުތަކަވެ. އެ ކުންފުނިން ކުރިން ހާމަކޮށްފައިވާ ގޮތުގައި ދެވަނަ ބޯޓު ގެންނަން އެއްބަސްވެފައިވަނީ 2025ވަނަ އަހަރަށެވެ.

މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުން އަންނަ ދުވަސްވީ ޑޭޝް-8 މަރުކާގެ އެއާކްރާފްޓްތައް ބޭނުންކުރުން ހުއްޓާލައި އެއާލައިނުން މަސައްކަތް ކުރަމުން އަންނަނީ އޭޓީއާރް އެއާކްރާފްޓްތަކުގެ ފްލީޓެއް ގާއިމްކުރުމަށެވެ. އެގޮތުން ފްރާންސްގެ އޭޓީއާރު ކުންފުނިން މުޅިން އާ ތިން އެއާކްރާފްޓެއް ގަނެގެން މިހާރުވެސް މޯލްޑިވިއަނުން އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ އޭޓީއާރް 600-72 މަރުކާގެ ދެ އެއާކްރާފްޓާއި އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ.

އޭޓީއާރް އެއާކްރާފްޓް ތަކަަކީ މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުން އަންނަ ޑޭޝް މަރުކާގެ އެއާކްރާފްޓް އަޅާބަލާއިރު އެތައް ގުނައެއް ހަރަދު ކުޑަ އެއާކްރާފްޓް ތަކެކެވެ.