Advertisement

ހަތަރު ގޯލުގައި ވެސް އެމްބާޕޭގެ ހިއްސާ، ޕީއެސްޖީ ފްރެންޗް ކަޕްގެ ގަދަ 16 އަށް

21 ޖަނަވަރީ 2024 - 12:08 0


ހަތަރު ގޯލުގައި ވެސް އެމްބާޕޭގެ ހިއްސާ، ޕީއެސްޖީ ފްރެންޗް ކަޕްގެ ގަދަ 16 އަށް

21 ޖަނަވަރީ 2024 - 12:08 0

ޕެރިސް (ޖެނުއަރީ 21) - ކީލިއަން އެމްބާޕޭ ދެއްކި ތަފާތާ އެކު، ތިން ވަނަ ޑިވިޝަނުގެ އޯލެއޯންސް އަތުން 4-1 އިން މޮޅުވެ، ޕީއެސްޖީން ފްރެންޗް ކަޕްގެ ގަދަ 16 އިން ފުރުސަތު ހޯދައިފި އެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އެމްބާޕޭ އެވެ. އަނެއް ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ވެސް އެމްބާޕޭ އެެވެ. އެމްބާޕޭ ދިން ބޯޅަތަކުން ޕީއެސްޖީގެ އަނެއް ދެ ގޯލު ޖެހީ، ގޮންޒާލޯ ރާމޯސް އާއި ޒުވާން ކުޅުންތެރިޔާ، ސެނީ މަޔޫލޫ އެވެ.

އޯލެއޯންސް އިން ވަނީ މި މެޗުގައި ޕީއެސްޖީން ތިން ގޯލުގެ ލީޑެއް ނެގި ފަހުން ލަނޑެއް ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ، ނިކޮލަސް ސެއިންޓް-ރުފް އެވެ.

މި ސީޒަނަށް ފަހު ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނެ އެވެ. އެމްބާޕޭ ބޭނުންނަމަ މިހާރު އޭނާ އަށް ކޮންމެ ކްލަބަކާ އެކު ވެސް ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވިދާނެ އެވެ. ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން އެމްބާޕޭގެ ސޮއި ހޯދަން މަޝްވަރާތައް ކުރި ނަމަވެސް އޭނާ މި ވަގުތު މުސްތަގުބަލާ ބެހޭގޮތުން ވަކި ގޮތެއް ނިންމަން ބޭނުމެއް ނުވެ އެވެ.

އެންމެ ފަހުން ފްރާންސްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ވެސް އެމްބާޕޭ ބުނެފައިވަނީ ކުރިއަށް އޮތީ އޭނާގެ ކެރިއަރުގައި ނިންމާނެ އެންމެ މުހިންމު ނިންމުން ކަމަށާއި އެހެންކަމުން، "އަވަސްއަރުވާލައިގެން" ކަމެއް ނުނިންމާނެ ކަމަށެވެ.

ޕީއެސްޖީގެ ވެރިޔާ، ގަތަރުގެ މަހުޖަނު، ނާސިރު އަލް ހަލީފާ ދާދި ފަހުން ވިދާޅުވީ، އެ ކްލަބުން އަދިވެސް ގަބޫލުކުރަނީ އެމްބާޕޭ އެ ޓީމުގައި މަޑުކުރާނެ ކަމަށާއި އެ ޓީމުން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ބޮޑު ބައެއް ބަރޯސާވެފައި އޮތީ އެމްބާޕޭ އަށް ކަމަށެވެ.

އެމްބާޕޭ ވަނީ މި ސީޒަނުގައި ކުޅުނު 26 މެޗުން 28 ގޯލު ޖަހައި، ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.