Advertisement

އަންމަޓީގެ ޕާސްޕޯޓު ދޫކޮށްލި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

21 ޖަނަވަރީ 2024 - 11:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ހައި ކޯޓުގެ ޝަރީއަތެއްގައި: އޭނާ ފުރަން ދިން ހުއްދައިގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފި - ފޮޓޯ: ހައި ކޯޓު ވީޑިއޯ ސްކްރީންޝޮޓެއް


އަންމަޓީގެ ޕާސްޕޯޓު ދޫކޮށްލި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

21 ޖަނަވަރީ 2024 - 11:52 0

ސީލައިފްކ ފްލެޓްތަކަށް ފައިސާ ނެގުމަށް ފަހު، ފްލެޓާއި ފައިސާ ވެސް ނުދިން މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން ދަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އެ ހުށަހެޅުން ބެލުމަށް ފަހު، ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. އެއީ މި މަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުއްދަތު ހަމަވެފައިވަނިކޮށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަންމަޓީ މީގެ ކުރިން ފިލައިގެން ގޮސްފައިވާއިރު އެ އިހުތިމާލު އޮތުމުގެ ހާާލަތަށް ބަދަލެއް އައި ކަން ފެންނަން ނެތް ކަމަށެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ބެއްލެވި މައްސަލާގައި ތިން ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ބުނީ ކޯޓަށް އެއްބާރުލުން ދެމުން ދިޔުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވި ގޮތެއް ވެސް ސާފު ނުވާ ކަމަށެވެ.

ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ފުރައިގެން ދިޔުމުގެ ހުއްދަ ދޭން ވާނީ، ޕާސްޕޯޓް ދޫކޮށްލުމުގެ ބަދަލުގައި، އޭނާއަށް ފިލައިގެން ނުދެވޭނެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު އެ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އަންމަޓީގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލައިގައި ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި އުޅެނިކޮށެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ލަންކާގަ އެވެ. އެ ގައުމުގައި އޭނާ އުޅެމުން ދިޔައީ ވިސާ ވެސް ނެތި، އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވަނިކޮށެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.