Advertisement

ވިލިނގިލި ކުއްޖާ ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަނީ

21 ޖަނަވަރީ 2024 - 09:30 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއް. ފޮޓޯ: މަޖިލީހުގެ އިދާރާ


ވިލިނގިލި ކުއްޖާ ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަނީ

21 ޖަނަވަރީ 2024 - 09:30 0

ސްޓްރޯކެއް ޖެހި ހާލު ބޮޑުވެގެން ގއ. ވިލނގިލިން މާލެ ގެނައި ކުއްޖަކު ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފި އެވެ.

ގއ. ވިލިނގިލިން 13 އަހަރުގެ އެ ކުއްޖާ މާލެއަށް ގެނައުން ލަސްވެ، އެރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ. ކުއްޖާ މާލެއަށް ގެނެވުނީ މާލެއަށް ގެންދަން ޑޮކްޓަރުން ލަފާދިންތާ 16 ގަޑި އިރު ފަހުންނެވެ. އެކަމުގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު އާސަންދައިން އިއްޔެ ބުނީ އެކުއްޖާ މާލެއަށް ގެނައުން ލަސްވީ މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މައްސަލަ ބަލަނީ މެބްރަކު އެކަން މަޖިލީހަށް ހުށަހެޅުއްވުމުން ކަމެއް ނުވަތަ ކޮމިޓީން އިސްނަގައިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލަ ބަލަން ބާއްވާ ފުރަަތަމަ ބައްދަލުވުން މިއަދު މެންދުރު 12:00 އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވީ އިއްޔެ ހެނދުނު އެވެ. ބުދަ ދުވަހުގެ ރޭ ވިލިނގިލީ ހޮސްޕިޓަލްގައި އެޑްމިޓުކުރި ޖާހު މާލެ ގެނެވުނީ ޗާޓަރު ފްލައިޓެއްގައި ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ބްރެއިން ޓިއުމަރެއް ވެސް ހުންނަ އެ ކުއްޖާ އަށް ސްޓްރޯކެއްގެ ޖެހި ސިއްހީ ހާލަތު ދަށަށް ދިޔައިރު، މާލެ ގެނައުން ލަސްވެގެން އެރަށުގެ ބަޔަކު ހޮސްޕިޓަލް ކައިރީގައި ބުރާސްފަތި ދުވަހު މުޒާހަރާ ވެސް ކުރި އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ދާއިރު، ކަން ހިނގައި ދިޔަ ގޮތް ހާމަކުރަން އާސަންދައިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ބަލި ކުއްޖާ ކުއްލި ހާލަތުގައި މާލެ ގެނައުމަށް އާސަންދައިގައި އެދިފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު (ޖެނުއަރީ 18، 2024) 5:03 ގައި ކަމަށެވެ. އެ ހުށަހެޅުން 12 މިނެޓު ތެރޭގައި އެޕްރޫވްކޮށް، އެންމެ އަވަހަށް އޮތް ފްލައިޓަކުން މާލެ ގެނައުމަށް މަސައްކަތް ފެށި ކަމަށް އާސަންދައިން ބުނެ އެވެ.

ނަމަވެސް، މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓެއް އެންމެ އަވަހަަށް އޮތީ ހުކުރު ދުވަހު (ޖެނުއަރީ 19، 2024) ގެ ފަތިހަށް ކަމަށް ވާތީ، އާސަންދައިން ފްލައިޓެއް ޗާޓަރުކުރި އެވެ.

ޗާޓަރު ފްލައިޓު ހަމަޖައްސައި ބަލި ކުއްޖާ މާލެ ގެނެވޭނެ ވަގުތު މޯލްޑިވިއަންއިން އާސަންދައަށް އެންގީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގަ އެވެ. އެ ފްލައިޓު ބުރާސްފަތި ދުވަހުގެ މެނދުރު ފަހު 2:55 ގައި ކޫއްޑޫގައި ޖެއްސުމަށް ފަހު، ބަލި ކުއްޖާ ގޮވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ތާވަލުކޮށްފައި އޮތީ ހަވީރު 4:20 ގަ އެވެ.

ބަލި ކުއްޖާ ކޫއްޑޫ އެއަޕޯޓަށް ގެންދިއުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައި ވަނިކޮށް، ލ. ކައްދުއަށް ދާ ފްލައިޓް ކޫއްޑޫއަށް މަޑުކޮށް ބަލި ކުއްޖާ ގޮވައިގެން އާދެވިދާނެ ކަމަށް މޯލްޑިވިއަންއިން އެންގި އެވެ. ނަމަވެސް އެ މަތިންދާ ބޯޓުގައި ބަލި ކުއްޖާ ނުގެނެވުނީ އެންމެ ފަހު ވަގުތު އެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ކޫއްޑޫއަށް ނުދެވިގެން ކަމަށް އާސަންދައިން ބުނެ އެވެ.

އެހެންވެ ޗާޓަރު ފްލައިޓެއް އަލުން ހަމަޖައްސައިގެން އެ ކުއްޖާ މާލެ ގެނެވުނީ ހަވީރު 5:15 ގަ އެވެ.