Advertisement

ގެވެށި އަނިޔާއާ ގުޅިގެން ރައްކާތެރިކަމުގެ އަމުރަކަށް އެދޭއިރު ނަގާ 25 ރުފިޔާ ކަނޑާލައިފި

20 ޖަނަވަރީ 2024 - 12:51 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފެމެލީ ކޯޓު: ރައްކާތެރިކަމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގެ ގިނަ ކަންތައްތަކެއް މިހާރު ވަނީ ލުއިކޮށްދީފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގެވެށި އަނިޔާއާ ގުޅިގެން ރައްކާތެރިކަމުގެ އަމުރަކަށް އެދޭއިރު ނަގާ 25 ރުފިޔާ ކަނޑާލައިފި

20 ޖަނަވަރީ 2024 - 12:51 0

ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދޭއިރު ނަގާ 25 ރުފިޔާގެ ފީ ކަނޑާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެމެލީ ކޯޓުން އާންމުކުރި، ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ރައްކާތެރިކަމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި، ކުރިން ނަގަމުން ދިޔަ 25 ރުފިޔާގެ ފީ ދެއްކުމަށް ހިމަނާފައެއް ނުވެ އެވެ. އަދި ކުރިން 14 ސަފުހާ ހިމެނޭ އެ ފޯމު މިހާރު ވަނީ ހަ ސަފުހާއަށް ބަދަލުކޮށްފަ އެވެ.

އެ ފީ ކަނޑާލަން ނިންމިކަން ހާމަކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އޭނާގެ ބްލޮގުގައި ޝާއިއުކުރި ލިޔުމެއްގަ އެވެ. އެ ފީ ނަގާ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ކަމާގުޅޭ އިދާރާތައް އެއްތަންވެ ބޭއްވި، އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދީ، ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވެސް ވާހަކަ ދެއްކި ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، ޢާންމުކޮށް ހުންނާނެ ނިކަމެތި ހާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުމުގެ މުހިންމު ކަމެއް ކަމަށް ހުރިހާ އިދާރާތަކަށް ވެސް ފެނުނު،" ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރު ނެރެދިނުމަށް ހުށަހަޅާ ފޯމާއެކު، ހުރިހާ ލިޔުމެއް ހުށަހެޅުމަކީ ވެސް، ރައްކާތެރިކަމުގެ އަމުރަކަށް އެދި ހުށަހަޅާ މީހަކަށް ނުވެދާނެ ކަމެއް ކަމަށާއި، އެ ހުރިހާ ލިޔުމެއް ނެތި ކުރިން ފޯމު ބަލައި ނުގަތަސް އެކަން ވެސް ބަދަލުކޮށްފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިޔާ ލިބޭ މީހާއަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ހަމަޖައްސާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

"އެ ހިދުމަތަކީ އީފާސްގެ ތެރެއިން ލިބޭ ހިކަމަށްވާތީ، ފޯމުގައި ފުރަންޖެހޭ ގިނަ ބައިތައް ހުންނާނީ އޮޓޮމެޓިކުން ފުރާފަ. ދެން ހުންނާނީ ލިޔަންޖެހޭ މަދު ބައިތަކެއް. އަނިޔާލިބޭ މީހާ، ރައްކާތެރި ތަނަކަށް ދެވުމުން، އޮންލައިން ފޯމު ފުރާލުމަށްފަހު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފޮނުވާލުމުން، އޭނާ އެދޭ ކޯޓެއްގެ އީމެއިލަކަށް އަޅުގަނޑުމެން އެ ފޯމު ފޮނުވައި ދިނުމުގެ ހިދުމަތް ފޯރުކޮށްދޭނަން،" ޝަމީމް ވިދާޅުވި އެވެ.