Advertisement

ޖޫރިމަނާ ކުރި މައްސަލައިގައި ހަސަން ޒަމީލް ކޯޓަށް، ޖޫރިމަނާ ފަސްކުރަން ވަގުތީ އަމުރެއް ނުދިން

20 ޖަނަވަރީ 2024 - 11:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ައަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަސަން ޒަމީލް: ޖޫރިމަނާކުރި މައްސަލާގައި އޭނާ ކޯޓަށް ވަޑައިގެންފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޖޫރިމަނާ ކުރި މައްސަލައިގައި ހަސަން ޒަމީލް ކޯޓަށް، ޖޫރިމަނާ ފަސްކުރަން ވަގުތީ އަމުރެއް ނުދިން

20 ޖަނަވަރީ 2024 - 11:15 0

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލުގެ މާލީ ބަޔާން ފުރިހަމަ ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭނާ ޖޫރިމަނާ ކުރި މައްސަލާގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސިވިލް ކޯޓަށް ހުށަހެޅީ ވަގުތީ އަމުރުގެ މައްސަލައެކެވެ. މައުޟޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މަދަނީ އިޖުރާއަތުގެ ގާނޫނުން ދީފައި އޮވެ އެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަކާ ނުލާ ހުށަހަޅާ ވަގުތީ އަމުރުގެ މައްސަލައެއް ގޮތުގައި އެ މައްސަލަ ބަލައިގަނެވެގެން ނެތް ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން، އެފަދަ މައްސަލައެއް ހުށަހެޅީ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ ވަގުތީ އަމުރު ނެރުމަކީ އިންސާފު ގާއިމު ކުރުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ގޮތަށް އޮންނަ މައްސަލަތަކުގަ އެވެ.

އެ ދެ މިންގަނޑުން މައްސަލަ ބެލުމަށް ފަހު، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ހުކުމުގައި ބުނެފައި ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަށް ފަހު އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިމޭ ހާލަތުގައި އަނބުރާ ލިބޭނެ ފައިސާއެއް ކަމަށާއި ޖޫރިމަނާ ފަސްނުކޮށްގެން ލިބޭނެ ބޮޑު ގެއްލުމެއް ފެންނަން ނެތް ކަމަށެވެ.

ޖޫރިމަނާ ކުރި ކުރުމަކީ އިންތިހާބުތަކުގެ އާންމު ގާނޫނުން އެ ކޮމިޝަނަށް ލިބިދޭ ބާރެއް ކަމަށާއި މައުޟޫއީ މައްސަލައެއް ބެލުމަށް ފަހު ނޫނީ ކޮމިޝަނަށް ލިބިދޭ ބާރެއްގެ ތެރެއަށް ކޯޓުން ވަދެ، އެޔާ މެދު ގޮތްތަކެއް ކަނޑައެޅުމަކީ އިންސާފުވެރި ނިންމުމަކަށް ނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އަދި، ވަގުތީ އަމުރުގެ މިފަދަ މައްސަލަތަކުގައި މައުޟޫއީ ދައުވާ ހުށަހަޅާ މުއްދަތު ވެސް ކޯޓަށް ހުށަހަޅަން ޖެހޭ އިރު ޒަމީލްގެ ފަރާތުން ގަސްތުކުރާ މުއްދަތެއް ނުވަތަ ހުށަހެޅޭނެ މުއްދަތެއް ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.

މާލީ ބަޔާނާއެކު ހުށަހަޅަން ޖެހޭ ކެންޑިޑޭޓުގެ ރަސްމީ އެޖެންޓުގެ އިގުރާރާއި ކެންޑިޑޭޓު ކުރި ހަރަދުތަކުގެ ބިލުތަކާއި ފައިސާގެ ރަސީދުތައް ހުށަހަޅާފައިނުވެ އެވެ. ޒަމީލުގެ ޝަކުވާއަކީ ކުރިއާލާ އޭނާ މާލީ ބަޔާން ހުށަހެޅިއިރު އޭގައި މަދުވާ މައުލޫމާތުތައް ހަމަކުރުމަށް އީސީން އަންގާފައި ނެތުމެވެ.

މާލީ ބަޔާން ފުރިހަމަނުވާ ކެންޑިޑޭޓުން އިލެކްޝަނުން ޖޫރިމަނާ ކުރީ ޖުމުލަ 26،000ރ. އިންނެވެ. އެއީ ކެންޑިޑޭޓު 20،000ރ. ގެ ޖޫރިމަނާ އަދި ރަސްމީ އެޖެންޓު 6،000ރ. ގެ ޖޫރިމަނާއެއް ދައްކާ ގޮތަށެވެ. ޒަމީލުގެ ރަސްމީ އެޖެންޓަކީ އޭނާގެ ދަރިފުޅު އަހުމަދު މަރުހާން ޒަމީލެވެ.

ޒަމީލުގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރާއި އަހުމަދު ފާރިސް މައުމޫނާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއެންޕީގެ ކެންޑިޑޭޓު އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ޖޫރިމަނާ ކޮށްފައިވެ އެވެ.