Advertisement

ހުޅުމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސްއަށް ހާއްސަ އިތުރު 19 އެނދު ބަހައްޓަނީ

20 ޖަނަވަރީ 2024 - 11:26 0

ނިމާ ހަސަން

ނިމާ ހަސަން

ހުޅުމާލެ ހޮސްޕިޓަލް: އެތަނުގައި ޑަޔަލިސިސް ހިދުމަތަށް ހާއްސަ އިތުރު 19 އެނދު ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް


ހުޅުމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސްއަށް ހާއްސަ އިތުރު 19 އެނދު ބަހައްޓަނީ

20 ޖަނަވަރީ 2024 - 11:26 0

ހުޅުމާލެ ހޮސްޕިޓަލުގައި ދޭ ޑަޔަލިސިސް ހިދުމަތް އިތުރަށް ފުޅާ ކުރަން އިތުރު 19 އެނދު ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަލީމް ވިދާޅުވީ ޑަޔަލިސިސް ހިދުމަތުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަން ކުރުމަށް ރާވާފައި ވަނީ އިތުރު އެނދުތައް ބަހައްޓައިގެން ކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލުގައި އަޅުގަނޑުމެން މަސައްކަތް ފަށައިގެން މިއުޅެނީ އިތުރު 19 ބެޑް ގާއިމްކުރެވޭނެ ގޮތްތައް ހޯދަން. މިހާރު ހިދުމަތް ދެމުން އެ ގެންދަނީ 10 ބެޑުން. އިތުރު 19 ބެޑް, ޖުމްލަ 29 ބެޑް ގާއިމްކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ޕްލޭން ކުރަން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެމުން ގެންދަނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އަދި ދަންވަރާ ހަމައަށް އެ ހިދުމަތް ދެމުންދާއިރު އިތުރަށް ކުރިއަށް ގެންދެވޭނީ އިތުރު އެނދު ބަހައްޓައިގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ހިދުމަތަކީ ވަރަށް ގިނަ ވަގުތު ނަގާ ކަމެއް. އަނެއްކާ ކޮންމެ ޑަޔަލިސިސް ސެޝަނަކަށްފަހު އަނެއް ސެޝަނާ ދޭތެރޭ ވެސް ވަގުތު ނަގާ މެޝިން ރެޑީ ކުރުމާއި މެޝިން ސާފު ކުރުމާއި މިފަދަ ކަންކަމަށް. ކޮންމެ ސެޝަނަކަށް އެވްރެޖްކޮށް އެބައަރާ ހަތަރު ގަޑިއިރު ވަރު،" އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ޑަޔަލިސިސްއަށް ހާއްސަކޮށް އިތުރު އެނދުތައް ބެހެއްޓިއްޖެ ނަމަ އެ ހިދުމަތް ދިނުމުގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. ޑަޔަލިސިސް ހިދުމަތް ހޯދުމަށް ދިގު ކިއުއެއް އޮންނަ ކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފަ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް 'އަދަދު' އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: މިރާން/ އަދަދު


ހަލީމް އިތުރަށް ވިދާޅުވީ ހީމޯޑަޔަލިސިސް ދޭއިރު, މިހާރަށްވުރެ ފަސޭހައިން އެ ހިދުމަތް ދެވޭނެ ގޮތެއް 'އެކްސްޕްލޯ' ކުރަމުންދާ ކަމަށާއި, ކައިރި މުސްތަގުބަލެއްގައި އެކަންކަން ގާއިމުވެގެންދާނެ ކަމަށެވެ.

"މިސާލަކަށް ރަށްރަށުގެ ރައްޔިތުން މާލެ ނައިސް ނުވަތަ ޑަޔަލިސިސް ސެންޓާއަކަށް ނުގޮސް ޑަޔަލިސިސް ހެދޭނެ ޓެކްނޮލޮޖީސް އެބަހުރި. އެކަންކަން ވެސް އަޅުގަނޑުމެން އެކްސްޕްލޯ ކުރަމުން މިދަނީ،" ހަލީމް ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލް, ވިލިމާލެ ހޮސްޕިޓަލް އަދި ދަރުމަވަންތައިގައި ވެސް ޑަޔަލިސިސް ހިދުމަތް ފޯރުކޮށްދެމުން ދާއިރު, މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލަކީ ޑަޔަލިސިސް ސެންޓަރަކަށް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ހަލީމް ފާހަގަކުރެއްވި އެވެ.