Advertisement

ސަލާހަށް އަނިޔާވިއިރު މިސްރު އެއްވަރު، ނައިޖީރިއާ އަށް މޮޅެއް

19 ޖަނަވަރީ 2024 - 10:00 0

އެފްރިކަން ކަޕްގައި މިސްރުގެ މެޗެއްގެ ތެެރެއިން ސަލާހު.--- ފޮޓޯ: އޭއެފްޕީ


ސަލާހަށް އަނިޔާވިއިރު މިސްރު އެއްވަރު، ނައިޖީރިއާ އަށް މޮޅެއް

19 ޖަނަވަރީ 2024 - 10:00 0

އަބީޖާން، އައިވަރީ ކޯސްޓް (ޖެނުއަރީ 19) - މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު މެޗުގައި އެ ޓީމުން 2-2 އިން ގާނާއާ އެއްވަރުވިއިރު، އައިވަރީ ކޯސްޓް އަތުން 1-0 އިން ނައިޖީރިއާ އިން މުހިންމު މޮޅެއް ހޯދައިފި އެވެ.

ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން ސަލާހު ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އެ ބަދަލު ކުރިތާ އިރުކޮޅެއް ތެރޭ މުހައްމަދު ކުޑޫސް ޖެހި ގޯލުން ގާނާ އިން ލީޑުނެގި އެވެ. މިސްރުގެ އޮމަރު މާމޫޝް މެޗުގެ 69 ވަނަ މިނިޓްގައި އެ ޓީމަށް އެއްވަރުކޮށްދިންތާ ދެ މިނިޓް ފަހުން، ކުޑޫސް އަނެއްކާ ވެސް ލަނޑެއް ޖަހައި، ގާނާ އަށް ލީޑު ހޯދައިދިނެވެ.

އެކަމަކު، މި ފަހަރު ވެސް ގާނާ އަށް ކުރީގައި ނޯވެވުނެވެ. މެޗުގެ 74 ވަނަ މިނިޓްގައި މިސްރުން އަނެއްކާ ވެސް އެއްވަރުކުރި އެވެ. މި ފަހަރު ލަނޑު ޖެހީ، މުސްތަފާ މުހައްމަދު އެވެ.

ގްރޫޕް ބީގެ އެއް ވަަނައިގައި އޮތީ ފުރަތަމަ މެޗުން، ގާނާ ބަލިކޮށް ތިން ޕޮއިންޓް ހޯދި ކޭޕް ވާޑް އެވެ. ދެ ވަނައިގައި މިސްރު އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ފުރަތަމަ މެޗުން މިސްރާ އެއްވަރުކޮށް ޕޮއިންޓެއް ހޯދި މޮޒަންބީކް އެވެ. ފުލުގައި އޮތީ ދެ މެޗު ކުޅެގެން މޮޅެއް ނުލިބި ޕޮއިންޓަކާ އެކު ގާނާ އެވެ.

ގްރޫޕް އޭގައި ރޭ އިކުއޭޓްރަލް ގިނީން ވަނީ 4-2 އިން ގިނީ ބިސޯ ބަލިކޮށް، އެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ، ރޭ އައިވަރީ ކޯސްޓް ބަލިކުރި ނައިޖީރިއާ އެވެ. ނައިޖީރިއާ އަށް ވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އައިވަރީ ކޯސްޓް އޮތީ ތިން ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ގިނީ ބިސޯ ދެ މެޗުން ވެސް ބަލިވިއިރު، އަދި ޕޮއިންޓެއް ނުލިބެ އެވެ.

ނައިޖީރިއާ އިން ރޭ މުބާރާތުގެ ހޯސްޓް އައިވަރީ ކޯސްޓް ބަލިކުރިއިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ، 55 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޓްރޫސްޓް-އެކޮންގް އެވެ.