Advertisement

އަހުނާ: އަމާޒަކީ ރާއްޖެ ފަހުރުވެރިވާ ފަދަ ރަން ވަނަތަކެއް ހޯދުން

19 ޖަނަވަރީ 2024 - 09:13 0

އަތޫފް އާތިފް

އަތޫފް އާތިފް


އަހުނާ: އަމާޒަކީ ރާއްޖެ ފަހުރުވެރިވާ ފަދަ ރަން ވަނަތަކެއް ހޯދުން

19 ޖަނަވަރީ 2024 - 09:13 0

ހދ. ކުޅުދުއްފުއްޓަށް އުފަން އަހުނާ ނިޒާރަކީ, ގައުމީ އެތުލެޓިކްސް ޓީމުގެ ޒުވާން އެންމެ އުންމީދީ އެއް މޫނެވެ. ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ ހިމްނާ ހަސަންގެ ފަހަތުން އަހުނާ އަކީ މިހާރު އެންމެ ބާރަށް 100 މީޓަރު ދުވުން އަދި 200 މީޓަރު ދުވުމުގައި ތަފާތު ދައްކަމުން އަންނަ އެތުލީޓެވެ. އުފަން ރަށް ކުޅުދުއްފުށީ ވެލި ދަނޑުގައި ތަމްރީނުތައް ހަދަމުން, މާލޭގެ ސިންތެޓިކް ޓްރެކުގައި އަހުނާ ދުވަމުން އެދަނީ ކެރިއަރުގައި ކުރިއަށް ދިޔުމަށް ގިނަ ލަނޑުދަނޑިތަކެއް ވެސް ހުރުމުންނެވެ.

ކެރިޔަރުގެ ފެށުން ދައްތަ އާއި ގުޅިފައި

އަހުނާ، 16، ގެ ދައްތަ، ނަޝާ ނިޒާރަކީ ވެސް ކުރިން ގައުމީ އެކި މުބާރާތްތަކުގައި ތަފާތު ދެއްކި ހުނަރުވެރި ދުވުންތެރިޔެކެވެ. މީގެ ކުރިން ގައުމީ ޓީމު ވެސް ނަޝާ ވަނީ ތަމްސީލުކޮށްފަ އެވެ. މިއީ އަހުނާ ދުވުމަށް ލޯބި ޖެހުނު ސަބަބެވެ. ކުޑައިރު, ދައްތަ މުބާރާތްތަކުގައި ދުވާތަން ފެނި އަހުނާ ދުވުމުގެ ތެރެއަށް ވަދެވުނީ އެވެ.

"ކުޑައިރުން ފެށިގެން ދައްތައާ އެކު މުބާރާތްތަކަށް ދަން. ދެން އެހެން ގޮސް އުޅުމުގެ ތެރޭގައި ދުވުމަށް ހިތް ޖެހުނީ" ދުވުމުގެ ކަންކަން ކެރިއަރެއްގެ ސިފައިގައި ފެށެން ދިމާވި ސަބަބު ކިޔައިދެމުން އަހްނާ ބުންޏެވެ.

އަހްނާ، ގައުމީ މުބާރާތެއްގައި ދުވަނީ: ޝަރީފް ސްޕޯޓްސް އޭނާ އަށް ހުރިހާ ގޮތަކުން ވެސް ހާއްސަ.---


އަހުނާ އެންމެ ފުރަތަމަ ފެނިގެންދިޔައީ ރަށު ފެންވަރުގައި ބޭއްވި އެތުލެޓިކްސް މުބާރާތްތަކުގަ އެވެ. ފުރަތަމަ މުބާރާތުން ވެސް އޭނާގެ ތަފާތު ކޯޗުންނަށް ފެނުނެވެ. އެހެންވެ، އިތުރު ތަމްރީނު ހެދުމުގެ ފުރުސަތު އަހުނާ އަށް ލިބުނެވެ.

ފުރަތަމަ ގައުމީ މުބާރާތް އަހުނާ އަށް ހާއްސަ, ނިންމާލީ ވެސް ކާމިޔާބީއާ އެކު

އަހުނާ ބައިވެރިވި އެތުލެޓިކްސްގެ ގައުމީ ފުރަތަމަ މުބާރާތަކީ އޭނާ އަށް އެތައް ގޮތަކުން ހާއްސަ މުބާރާތެކެވެ. "ޝަރީފް ސްޕޯޓްސް" ގެ ޖާޒީގައި އަހުނާ އެ މުބާރާތާ ކުރިމަތިލީ މާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. އެކަމަކު، އެ މުބާރާތް ނިންމާލިއިރު، 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދީ އަހުނާ އެވެ. އެ މުބާރާތައް ފަހު އަހުނާގެ ވިދުން ގަދަވި އެވެ. އެ މުބާރާތައް ފަހު ކުރިއަށް ދިޔަ މުބާރާތްތަކުން ރަން އަދި ރިހި މެޑަލްވެސް އޭނާ މިހާރު ހާސިލްކޮށްފި އެވެ.

"ފުރަތަމަ ގައުމީ މުބާރާތުގައި ބައިވެރިވި ފަހަރު އަޅުގަނޑަށް ހާއްސަ. އެ މުބާރާތުގެ ތިން ވަނަ އަށް ދިޔަ ހިސާބުން އަޅުގަނޑު އަޒުމުކަނޑައެޅީ ކެރިޔަރެއްގެ ގޮތުގައި ނަގާނީ އެތުލެޓިކްސް އޭ" އަހުނާ ބުންޏެވެ.

ފުރަތަމަ ގައުމީ މުބާރާތައް އައިއިރު ވެސް އަހުނާ ކެރިއަރަކީ އެތުލެޓިކްސް އެއް ނޫނެވެ. އެކަމަކު، މިއަދު އޭނާ ކެރިއަރެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުންވަނީ އެތުލީޓެއްގެ ގޮތުގަ އެވެ.

ވެލި ޓްރެކްގައި ފަރިތަކުރުން އަހުނާ އަށް މައްސަލަ އެއް ނޫން

ކުޅުދުއްފުށީ ވެލި ޓްރެކްގައި ފަރިތަކުރުމަކީ އަހުނާއަށް މައްސަލަ އެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި ވެލީގައި ފަރިތަކޮށް މާލޭ ސިންތެޓިކް ޓްރެކްގައި މުބާރާތްތަކުގައި ދުވަން ލިބުން އެއީ އޭނާގެ ކުރިއެރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ރަށުގައި ވެލީގައި ޕްރެކްޓިސް ކޮށްފައި ސިންތެޓިކްގައި ދުވުމަކީ އެހީއެއް ލިބޭ އެއީ ވަރަށް ބޮޑު ބޫސްޓެއް - އަހުނާ

ގިނަ އެތުލީޓުންނަކީ ވެލީގައި ފަރިތަކުރަން ޖެހުމުން އެކަމުގެ ޝަކުވާ ކުރާ އެތުލީޓުންނެވެ. އެކަމަކު، އަހުނާ ހުރީ އެއީ ލިބޭ ހިތްވަރެއް ކަމުގައި ދެކިގެން ދަތި ގޮތުގައި ވެސް ކުރިއަށް ދެވޭނެ ކަން ސާބިތުކޮށްދޭށެވެ. އެއީ ހުރި ވަސީލަތެއްގައި ވެސް މަސައްކަތްކޮށްފިއްޔާ، ކާމިޔާބީއާ ހަމަައަށް ދެވޭނެ ކަމަށް އަހުނާ ގަބޫލުކުރާތީ އެވެ.

އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން އަހްނާ: އޭނާ އަކީ މުސްތަގުބަލު އުޖާލާ އެތުލީޓެއް.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ގައުމީ ސްކޮޑުގައި ހިމެނުން ލިބުނު ބޮޑު ކާމިޔާބީއަކާ ޝަރަފެއް

ކޮންމެ އެތުލީޓަކުވެސް ދެކޭނެ އެންމެ ބޮޑު ހުވަފެނަކީ ގައުމު ތަމްސީލު ކުރުމުގެ ހުވަފެނެވެ. އެއީ ކޮންމެ އެތުލީޓަކަށްވެސް ލިބޭނެ ބޮޑު ޝަރަފަކާ ކާމިޔާބީއެކެވެ. އަދި އެތުލީޓުންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ހުޅުވޭ ދޮރެއް ވެސް މެއެވެ.

"އެންމެ ފުރަތަމަ ގައުމީ ސްކޮޑުގައި ހިމެނުނުކަން އެނގުމުން الله އަށް ހަމްދު ކުރީ. ވަރަށް އުފާވި ގައުމީ ޓީމުގައި ހިމެނުމުން." އަހުނާ ބުންޏެވެ.

ގައުމީ ސްކޮޑުގައި ހިމެނުމާއެކު ހަމްނާ އިތުރު ޓާގެޓެއް ކަނޑައެޅި އެވެ. އެއީ ގައުމީ ޓީމާ އެކު, ގައުމީ ރެކޯޑެއް ހެދުމެވެ. އެކަން އަހުނާ ހާސިލްކުރީ ވެސް ކާމިޔާބުކަމާއެކުގައި އަހުނާގެ ފުރަތަމަ މުބާރާތުން ޖޫނިއާ ރެކޯޑް ހެދި އެވެ.

ތައިލެންޑުގައި މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުގައި ވާދަކޮށް އަހުނާ ރެކޯޑް ހެދީ 25.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ ފަހުން އަހުނާ ވަނީ އޭނާގެ އަމިއްލަ ރެކޯޑް އައު ވެސް ކޮށްފަ އެވެ.

ބޭނުން ވަނީ ގިނަ ގައުމީ ރެކޯޑްތަކެއް ހަދަން. އެއަށްފަހު ގައުމު ފަހުރުވެރިވާފަދަ ކާމިޔާބީތައް ހޯދައިދޭން

އަހުނާގެ މިހާރުގެ އަމާޒަކީ އިތުރު ގައުމީ ރެކޯޑްތައް ހެދުމެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން އިތުރު ކާމިޔާބީތައް ހޯދައިދީ ގައުމު ފަހުރުވެރިވާ ފަދަ އެތުލީޓަކަށް ވުމަށެވެ.

މިދިޔަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިވެންޓެއްގައި އަހްނާ ދުވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އެންމެ ބޮޑު ޝުކުރު ހައްގުވަނީ އާއިލާ އާއި ކޯޗަށް

ޒުވާން އުމުރެއްގައި އަހުނާ ހޯދަމުން މި އަންނަ ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އޭނާގެ އާއިލާ އަށެވެ. މަންމަ, ބައްޕަ އަދި ދައްތަ އަށެވެ. ހަމަ ޔަގީނުން ވެސް އާއިލާއިން އެއްބާރުލުން ނުދިންނަމަ އަހުނާއަށް މިއަދު އެހުރި ހިސާބައް ނާދެވުނީސް އެވެ.

އާއިލާ އަށް ފަހު އަހުނާގެ ޝުކުރުގެ ލިސްޓުން ޖާގަ ހޯދަނީ އޭނާގެ ކޯޗު އަލީ ޝަރީފް އެވެ. ގިނަ އެތުލީޓުންތަކެއް އެތުލެޓިކްސް އަށް ނެރިދިން ކޯޗަކީ އަހުނާ ވެސް މި ކުޅިވަރަށް ނެރެދިން ކޯޗު ޝަރީފް އެވެ. މީގެ އިތުރުން ގާތް ރަހުމަތްތެރިންނާއި ސްކޫލުގެ ޓީޗަރުންގެ ފަރާތުން ލިބުނު އެހީތެރިކަން އަހުނާ ފާހަގަކުރެ އެވެ.