Advertisement

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި އާ އިދާރާއެއް އުފައްދައިފި

18 ޖަނަވަރީ 2024 - 21:22 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި އާ އިދާރާއެއް އުފައްދައިފި

18 ޖަނަވަރީ 2024 - 21:22 2

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާ އިދާރާއެއް މިއަދު އުފައްދަވައިފި އެވެ.

ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މިއަދު އުފެއްދެވި އެ އިދާރާ ހިންގާނީ މިނިސްޓަރީ އޮގް ދިވެހި ލޭންގުއޭޖު، ކަލްޗާ އެންޑު ހެރިޓޭޖުގެ ދަށުންނެވެ.

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އާ އިދާރާއެއް އުފެއްދުމުގެ ބޭނުމަކީ ދިވެހި ގައުމިއްޔަތު އާލާ ކުރުމުގެ ގައުމީ ނިޒަމުގެ ތެރެއިން ދިވެހި ބަހާއި ތާރީހާއި ސަގާފަތުގެ އިތުރުން ތަރިކަ އާއި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާ ކުރުމަށާއި ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހީންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތް ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.

އެ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިން މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ހިދުމަތް ކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާ ކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.

އޭގެ އިތުރުން ދިވެހރާއްޖެއާއި ދިވެހި ގައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެފައިވާ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހިރާއްޖެ އާއި ދިވެހީންނާ ގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަސް ގެނައުން ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.

ދިވެހި ގައުމިއްޔަތު ދިރުވުމާއި އާލާ ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަންތަކެވެ. އެގޮތުން ދަރިވަރުންގެ ހިތްތަކުގައި ގައުމިއްޔަތަށް އޮންނަ ލޯބި އިތުރު ކުރުމަށްޓަކައި ދިވެހި ގައުމިއްޔަތުގެ ނަމުގައި އާ މާއްދާއެއް ތައާރަފުކޮށް އަންނަ ދިރާސީ އައު އަހަރުގައި ކިޔަވައިދޭން ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މި ސަރުކާރު އެކުލަވާލިއިރު، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތް ހެރިޓޭޖު މިނިސްޓަރީގެ ދަށަށް ގެނެސް ސަރުކާރުން ވަނީ ސަގާފަތާއި ތަރިކައިގެ ދާއިރާއިން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވައިފަ އެވެ.