18 ޖަނަވަރީ 2024 - 20:17 0
މިނިސްޓަރު ޒަމީރު އަދި ޖަޔަޝަންކަރު: ދެ ބޭފުޅުން ބައްދަލު ކުރެއްވީ ޔުގެންޑާގައި -- ފޮޓޯ: ފޮރިން މިނިސްޓްރީ
18 ޖަނަވަރީ 2024 - 20:17 0
ދިވެހިރާއްޖެ އާއި އަވައްޓެރި އިންޑިއާއާ ގުޅުން ގޯސްވެފައި އޮއްވައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާންޔަމް ޖަޔަޝަންކަރާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ބައްދަލު ކުރެއްވީ މިވަގުތު ޔުގެންޑާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް ފޯރަމުގެ ހަވާސާގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރު ކުރިއަށްދާ ރަސްމީ ވާހަކަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޖަޔަޝަންކަރު އެ ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ސާދާކޮށް ވާހަކަ ދެކެވުނު ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އަންގަވައި، އެ ގައުމާއެކު ހަދާފައި ހުރި އެއްބަސްވުންތައް ރިވިއު ކުރަން ފެށުމުންނެވެ.
އޭގެ ފަހުން، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ކުރި ކަމަށް ބުނާ މައްސަލައިގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުރި ސަފީރު އިބްރާހިމް ޝަހީބު ވަނީ އެގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.
އޭގެ ބަދަލުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރު ރާއްޖެއިން ވެސް ހަމަ އެ ދުވަހު ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރި އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އިންޑިއާއަށް ވަރަށް ގިނަ ބަހުގެ ހަމަލާތަކެއް ވަނީ ދެއްވައިފަ އެވެ. އަދި އިންޑިއާއާ ވާދަވެރި ޗައިނާއާއެކު ގުޅުން ބަދަހިކޮށް އެ ގައުމުގެ ސަރުކާރާއެކު މިހާތަނަށް 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
"އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ،" ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރެއް ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ޖެނުއަރީ 13، ގައި ރައީސް ވިދާޅުވި އެވެ.
Comment