Advertisement

ހެންޑަސަން، އަޔަކްސްއާ ގުޅެނީ 75 ޕަސެންޓް ކުޑަ މުސާރަ އަކަށް!

18 ޖަނަވަރީ 2024 - 14:11 0


ހެންޑަސަން، އަޔަކްސްއާ ގުޅެނީ 75 ޕަސެންޓް ކުޑަ މުސާރަ އަކަށް!

18 ޖަނަވަރީ 2024 - 14:11 0

އަމްސްޓެޑަމް، ނެދަލެންޑްސް (ޖެނުއަރީ 18) - ސައުދީ ޕްރޯ ލީގުގެ ކްލަބް، އަލް އިއްތިފާގު ދޫކޮށް އިނގިރޭސި މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން، ނެދަލެންޑްސްގެ ގަދަބާރު އަޔަކްސް އަށް ސޮއިކުރަނީ ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ 75 ޕަސެންޓް ކުޑަކޮށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި، ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ހެންޑަސަން، ސައުދީ އަަރަބިއްޔާގެ އަލް އިއްތިފާގަށް ސޮއިކުރީ 15 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އަލް އިއްތިފާގަށް ހެންޑަސަން ބަދަލުވީ ހަފްތާ އަކު، 890،000 ޑޮލަރުގެ މުސާރައެއް ލިބޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ވަރުގެ މުސާރައެއްގައި ހުރުމަށް ފަހު، ހެންޑަސަން ވަނީ އަލް އިއްތިފާގުގެ ކޮންޓްރެކްޓް އުވާލައި، އަޔަކްސް އަށް ސޮއިކުރަން ނިންމައިފަ އެވެ.

އަޔަކްސްއާ ގުޅެން ހެންޑަސަން ނިންމީ ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ ބޮޑުތަން ކުޑަކޮށެވެ. އެ ގޮތުން، ރިޕޯޓްތައް ބުނާގޮތުގައި، ހެންޑަސަންގެ މުސާރަ އަށް 75 ޕަސެންޓްގެ ވެއްޓުމެއް އަންނާނެ އެވެ. އަޔަކްސް އިން ހެންޑަސަން އަށް ދިން ކޮންޓްރެކްޓްގައި ހަފްތާ އަކު ލިބެނީ، 223،000 ޑޮލަރެވެ.

އަލް އިއްތިފާގު ދޫކޮށްލަން، ހެންޑަސަން، 33، ނިންމި އެންމެ ބޮޑު ސަބަބަކީ ސައުދީގައި ދިރިއުޅެން އޭނާގެ އާއިލާ އަށް ވެސް އުނދަގޫތަކެއް ހުރުމުން ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޔުވެންޓަސް އިން ވެސް ހެންޑަސަންއާ މަޝްވަރާތަކެއް ކުރިއިރު، އޭނާ މިހާރު ނިންމާފައިވަނީ އަޔަކްސް އަށް ބަދަލުވުމަށް ކަމަށް ސްކައި ސްޕޯޓްސް އިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

އަޔަކްސްއާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ހެންޑަސަން ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސަންޑަލެންޑް ދޫކޮށް 24 މިލިއަން ޑޮލަރަށް، 2011 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ހެންޑަސަން، ލިވަޕޫލްގެ ކެޕްޓަންކަމާ ހަވާލުވީ 2015 ވަނަ އަހަރު، އެ ޓީމުގެ ލެޖެންޑަރީ ކެޕްޓަން، ސްޓީވެން ޖެރާޑް، އެ ކްލަބް ދޫކޮށްލުމުންނެވެ. ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ ކްލަބް ލެވަލްގައި ހޯދޭނެ ހުރިހާ ޓްރޮފީއެއް ހާސިލްކޮށްފަ އެވެ.