Advertisement

ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޖަލެއް އުވާލައި މައި އެއް ޖަލު އެޅުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

18 ޖަނަވަރީ 2024 - 18:20 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ހޯމް މިނިސްޓަރު އަލީ އިހުސާން: އިހުސާން ވިދާޅުވީ ސެންޓްރަލް ޖަލާއެކު ރިހެބިލިޓޭޝަން ދިނުމުގެ ނިޒާމު ހަރުދަނާވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޖަލެއް އުވާލައި މައި އެއް ޖަލު އެޅުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

18 ޖަނަވަރީ 2024 - 18:20 0

ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ސެންޓްރަލް އެއް ޖަލު ހިންގުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ރޭ ވިދާޅުވީ، ސެންޓްރަލް އެއް ޖަލު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ކަމަށާއި އެކަމަށް ބޭނުންވާ ދިރާސާތައް މިހާރު ކުރަމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެކުގައި އަޅުގަނޑުމެން މިހާރު މި ކުރަމުންދާ އެއް މަސައްކަތަކީ ރާއްޖޭގައި ސެންޓްރަލް އެއް ޖަލު ހެދޭނެ އިންތިޒާމް ހަމަޖެއްސުން. އެކަމާ ބެހޭ ސްޓަޑީއެއް އަޅުގަނޑުމެން އެބަ ހަދަން،" އިހުސާން ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި ތިން ޖަލެއް ހިިންގަ އެވެ. އެއީ ހުޅުމާލޭ ޖަލާއި ކ. މާފުށީގައި ހިންގާ މާފުށި ޖަލާއި ކ. ހިންމަފުށީގައި ހިންގާ އައްސޭރި ޖަލެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ޖަލުތައް ބެލެހެއްޓުމާއި ގައިދީންނަށް ދޭންޖެހޭ ހިދުމަތްތައް ދޭން މިހާރު ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އެގޮތުން ކޮންމެ މަހަކު ޖަލުގައި ތިބޭ ކޮންމެ މީހަކަށް 21،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދު އަދަދަކަށް ފައިސާ ހޭދަވާކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެންމެ ޖަލެއް ހުރުމުން އެ ހަރަދުތައް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޓްރަލް އެއް ޖަލު އެޅުމުން ޖަލު ބަލަހައްޓަން ވެސް ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސެންޓްރަލް ޖަލު އެޅުމަށް ވިސްނަނީ ހައި ސެކިއުރިޓީ ހިސާބުތަކާއި އަންހެން އަދި ފިރިހެން ގައިދީން ވަކިން ބަންދުކޮށްފައި ބައިތިއްބޭ ގޮތަށެވެ. އަދި ޖަލުތައް ގާއިމްކުރާނީ ކުށުގެ ބާވަތުން ގިންތިކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ސެންޓްރަލް އެއް ދިމާލަކަށް ފޯކަސް ކުރާއިރު މި ދެންނެވިހެން ވަކިވަކިން މީހުން ބެހެއްޓޭ ގޮތަށް، ބައިނަލްއަގުވާމީ އެންމެ ހައި ސްޓޭންޑެޑާ އެއްގޮތަށް އަޅުގަނޑުމެން މިތަން ފަރުމާކޮށް ކަންތައްތައް ކުރަން ވިސްނަނީ،" އިހުސާން ވިދާޅުވި އެވެ.

މިވަގުތު ކުރެވެމުން ދަނީ ޖަލު ގާއިމްކުރުމަށް ހަދަން ޖެހޭ އެކި އެސެސްމެންޓުތައް ހެދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަލު ހަދައި އެތަނުގައި މީހުން ބަންދުކުރަން ފެށުމުން ޖަލުން ލިބެން ޖެހޭ ފުރިހަމަ ރިހެބިލިޓޭޝަން ލިބޭނެކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ރަނގަޅު ރިހެބިލިޓޭޝަން ހިދުމަތެއް ދެވޭނީ ވެސް އެގޮތަށް ސްޓްރަކްޗާކުރެވިގެން، އެފަދަ މާހައުލެއް އޮވެގެން އަދި ބޭނުންވާ ވަރަށް މުވައްޒަފުން ތިބެގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސެންޓްރަލް ޖަލު ގާއިމުކޮށް، ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކުރަން ފެށުމުން ޖަލުގެ ސެކިއުރިޓީ ބަލަހައްޓަން ތިބެން ޖެހޭ މުވައްޒަފުން މަދުކޮށް، ޖަލުގައި ތިބޭ މީހުން ރިހެބިލިޓޭޓް ކުރަން އެމީހުން ބޭނުން ކުރެވޭނެ ކަމަށެވެ.

މިވަގުތު ޖަލުގެ ހާލަތު ހުރިގޮތުން ވަކިން ބަންދު ކުރަން ބައެއް ހާލަތްތަކުގައި ދަތި ކަމަށާއި އެކަމުގެ ސަބަބުން އެމީހުންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަން ދިނުން އުނދަގޫވާ ކަމަށް އިހުސާން ވިދާޅުވި އެވެ.