Advertisement

މޮރޮކޯ އިން އެފްރިކަން ކަޕް ފެށީ ފޭވަރިޓެއްގެ ޕްރެޝަރުގައި

18 ޖަނަވަރީ 2024 - 11:21 0

މޮރޮކޯ ކުޅުންތެރިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


މޮރޮކޯ އިން އެފްރިކަން ކަޕް ފެށީ ފޭވަރިޓެއްގެ ޕްރެޝަރުގައި

18 ޖަނަވަރީ 2024 - 11:21 0

ސެން ޕެޑްރޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 18) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މި ފަހަރުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ މޮރޮކޯ އިން ކުޅުނު ފުރަތަމަ މެޗުގައި, ޕްރެޝަރުގައި ކުޅެން ޖެހުނަސް ޓެންޒާނިއާ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ވަލީދު ރެގްރާގީ ކޯޗުކޮށްދޭ މޮރޮކޯ ޓީމަކީ މި ފަަަހަރުގެ އެފްރިކަން ކަޕް ކާމިޔާބުކުރާނެ ޓީމު ކަމަށް އެފްރިކާގެ ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކެއް އަންނަނީ ބުނަމުންނެވެ.

އެ ގޮތުން، ރޭގެ މެޗުގައި ޓެންޒާނިއާއާ ދެކޮޅަށް މޮރޮކޯ އިން ޕްރެޝަރުގައި ކުޅެން ޖެހުނުއިރު، ޓީމުގެ ކޮލިޓީ އެކަށީގެންވާ ވަރަށް ފެނުނު ކަމަށް އެކި ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެއީ، މި ފަހަރުގެ އެފްރިކަން ކަޕްގައި ބޮޑެތި ޓީމުތަކަށް ނަތީޖާ ނުނެރެވިދާތީ މޮރޮކޯ އަށް ވެސް ފުރަތަމަ މެޗުގައި ޕްރެޝަރުގައި ކުޅެން ޖެހުނުއިރު، އެ ޓީމުން ފެނުނު ތަފާތެވެ.

މޮރޮކޯ އިން ރޭގެ މެޗުގައި ލީޑުނެގީ، 30 ވަަނަ މިނިޓްގައި ރޮމައިން ސައީސް ޖެހި ގޯލުންނެވެ. މިއީ މޮރޮކޯގެ ހަކީމް ޒިޔެޗް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ޓެންޒާނިއާގެ ކީޕަރު، އައިޝީ މަނޫލާ އަތުގައި ޖެހިފައި ނުކުތް ވަގުތު ސައީސް ރީބައުންސަކުން ޖެހި ގޯލެކެވެ.

މެޗުގެ ފަހު ވިހި މިނިޓް ޓެންޒާނިއާ ކުޅެންޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެހާ ހިސާބަށް ޓެންޒާނިއާ އިން ދިޔައީ މެޗުގައި ދެމި އޮންނަން ކުރެވުނު މަސައްކަތެއް ކުރަމުންނެވެ. އެކަމަކު، 70 ވަނަ މިނިޓްގައި، ޓެންޒާނިއާގެ ނޮވާޓާސް މިރޯޝީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން، މައްސަލަތައް ދިމާވި އެވެ. އޭގެ ހަތް މިނިޓް ފަހުން، މޮރޮކޯ އިން ލީޑުފުޅާކުރީ، އައްޒެދީން އޫނާހީ ޖެހި ގޯލުންނެވެ. އަދި މި ލަނޑު ޖެހިތާ ތިން މިނިޓް ތެރޭ، ޔޫސެފް އެން-ނެސީރީ ވަނީ މޮޮރޮކޯގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މޮރޮކޯ އިން އެފްރިކަން ކަޕް ކާމިޔާބުކުރީ، 1976 ވަނަ އަހަރު އެވެ.

މި ފަހަރުގެ މުބާރާތުގައި މޮޮޮރޮކޯ ހިމެނޭ ގްރޫޕްގެ އަނެއް މެޗުން ރޭ ކޮންގޯ އާއި ޒެމްބިއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.