Advertisement

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ކުރު މުއްދަތަކަށް ފޮސްޓާ ކުރެވޭ ގޮތް ހަދައިފި

18 ޖަނަވަރީ 2024 - 12:25 0

ނިމާ ހަސަން

ނިމާ ހަސަން

ކުޑަކުދިންތަކެއް މޫދު ކައިރީގައި ކުޅެނީ; މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީގޮތުން ފޮސްޓާ ކުރެވޭނެ -- ފޮޓޯ: އަދަދު


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ކުރު މުއްދަތަކަށް ފޮސްޓާ ކުރެވޭ ގޮތް ހަދައިފި

18 ޖަނަވަރީ 2024 - 12:25 0

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން, ވަގުތީ ގޮތުން ކުރު މުއްދަތަކަށް ފޮސްޓާ ކުރެވޭ ގޮތް ހަދައިފި އެވެ.

ފޮސްޓާ ކުރުމަކީ އެހެން މަންމައަކާއި ބައްޕައަކަށް އުފަން, ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ބެލުމެވެ. ރާއްޖޭގައި ކުރިން ވެސް ދާއިމީކޮށް ކުދިން ފޮސްޓާ ކުރެވެ އެވެ. ނަމަވެސް މިހާރު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ, މަދުވެގެން ދެ އަހަރުގެ މުއްދަތަކަށް ކުދިން ފޮސްޓާ ކުރެވޭ ގޮތަށް ހަދައިފަ އެވެ.

މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި އުމުރުން 18 އަހަރު ނުފުރޭ 169 ކުދިން މަރުކަޒު ކުރެވިފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނާ ގޮތުގައި ކުރު މުއްދަތަކަށް ފޮސްޓާ ކުރެވޭ ގޮތް ހެދީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާއަށް ފޮނުވުމަށް ނުވަތަ އާއިލީ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.

"މުއްދަތެއް ކަނޑައަޅައި ވަގުތީ ގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅުކުރުމަށް ބާރުއަޅައި، ކުއްޖާ އަނބުރާ އާއިލާ އާއި ހަވާލުކުރެވެން ދެން ވެސް، އާއިލީ ލޯތްބާއި އަޅާލުން ލިބި، އާއިލީ ވެއްޓެއްހައި ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން،" މިނިސްޓްރީން ބުންޏެވެ.

ސޯޝަލް މިނިސްޓްރީން ބުނީ ވަގުތީ ގޮތުން ފޮސްޓާ ކުރާ މުއްދަތު ހަމަވާއިރު, ކުއްޖާ އަނބުރާ އާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓާކުރުމުގެ މުއްދަތު އިތުރުކޮށް ފޮސްޓާ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ނިޒާމުގެ ތެރެއިން ހަމަޖެއްސޭނެ ކަމަށެވެ.

ހަމައެއާއެކު ކުރު މުއްދަތަކަށް ފޮސްޓާ ކުރާ ކުދިންގެ ދާއިމީ ގާނޫނީ ބެލެނިވެރިކަމަށް އެދުމުގެ ފުރުސަތު ފޮސްޓާ ކުރާ އާއިލާއަށް އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

“ކޮންމެ ކުއްޖަކަށް އާއިލާއެއް” ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14 ގެ މަގުޗާޓުގައި ހިމަނާފައިވާ ވައުދެކެވެ. ވަގުތީ ފޮސްޓަރިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ ނަންބަރު 1433 އާ ގުޅުމަށް ސޯޝަލް މިނިސްޓްރީން އެދެ އެވެެ.