ރޭ ޓީރެކްސް ކުޅުނު މެޗުގެ ތެރެއިން ޒަބީ ބޯޅަ ވައްޓާލަނީ.--- ފޮޓޯ: ސިޑިބަރި
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ކިންގްސް ބާސްކެޓްބޯލް ކްލަބް ކުޅުނު ފުރަތަމަ މެޗުން ފަރަގު ބޮޑު މޮޅަކާ އެކު ފެށުން ވަރުގަދަކޮށްފި އެވެ.
މުބާރާތުގައި ރޭ ފުރަތަމަ ކުޅުނު މެޗުން ޓީރެކްސް އިން ވަނީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އަތުން 137-46 ޕޮއިންޓުން މޮޅުވެފަ އެވެ. ރޭ ފަހުން ކުޅުނު މެޗުގައި ކިންގްސް އިން ރޯޔަލް ބާސްކެޓްބޯލް ކްލަބް ބަލިކުރީ 125-42 ޕޮއިންޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗު ފަށައިގެން ޓީރެކްސް އިން ކޮންޓްރޯލް ނެގި އެވެ. އެ ގޮތުން، ފުރަތަމަ ކުއާޓަރު ނިންމާލިއިރު، ވެސް އެ ޓީމު އޮތީ 40-07 އިން ކުރީގަ އެވެ. މުޅި މެޗަށް ބަލާއިރު، ވެސް ސްޓިންގާސް އިން ރަނގަޅަށް ކުޅެފައިވަނީ ދެ ވަނަ ކުއާޓަރުގަ އެވެ. މި ކުއާޓަރުގައި އެ ޓީމުން 20 ޕޮއިންޓް ސްކޯކުރި އެވެ.
އެވްރެޖްކޮށް ބަލާއިރު، ޓީރެކްސް އިން ކޮންމެ ކުއާޓަރެއްގައި ވެސް މަދުވެގެން، 30 ޕޮއިންޓް ސްކޯކުރި މި މެޗުގައި އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 33 ޕޮއިންޓް އެއްކުރި އިސްމާއިލް ވިލްދާން އެވެ. ސްޓިންގާސް އަށް އެންމެ ރަނގަޅު ސްކޯ އެއް ކޮށްދިނީ 10 ޕޮއިންޓް އެއްކުރި، އިބްރާހިމް ނައުހާން ނާއިޒް އެވެ.
ލީގުގައި ރޭ ކިންގްސް އިން ކުޅުނު މެޗުގައި، ފުރަތަމަ ކުއާޓަރުގައި ވެސް އެ ޓީމުން ވަނީ 26 ޕޮއިންޓުގެ ފަރަގެއް ބާއްވައިފަ އެވެ. ކޮންމެ ކުއާޓަރެއްގައި ކިންގްސް އިން މަދުވެގެން 20 ޕޮއިންޓް ސްކޯކުރިއިރު، އެ ޓީމުން އެންމެ ރަނގަޅު ސްކޯއެއް ކުރީ، ފަހު ކުއާޓަރުގަ އެވެ. މި ކުއާޓަރުގައި އެކަނި ވެސް 42 ޕޮއިންޓް އެއްކުރި އެެއްކުރި އެވެ.
ރޭގެ މެޗުގެ ތެރެއިން ކިންގްސްގެ އަމްޒަރު (ވ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: ސިޑިބަރި
މި މެޗުގައި ކިންގްސްގެ ތަފާތަކީ، 27 ޕޮއިންޓް އެއްކުރި އަބްދުﷲ އަމްޒަރު މުހައްމަދު އާއި 20 ޕޮއިންޓް ސްކޯކުރި އަހުމަދު އަލީ މުސްތަފާ އެވެ. ކިންގްސްގެ އިބްރާހިމް ނަސީމް ވެސް ވަނީ މި މެޗުގައި 17 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ކިންގްސްއާ ދެކޮލަށް ރޯޔަލްސް އަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ކުއާޓަރަކަށް ފަހު ކުއާޓަރެއްގައި އެ ޓީމުން ކުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، ފަހު ކުއާޓަރުގައި ރޯޔަލްސް އިން ނިންމާލީ ސްކޯ އަށް ބަލާއިރު، އެހެން ކުއާޓަރުތަކާ އަޅާކިޔާނަމަ ރަނގަޅު ރޭޓެއްގައި ޕޮއިންޓް ހޯދައިގެންނެވެ. އެ ގޮތުން، ރޯޔަލްސް އިން ވަނީ ފަހު ކުއާޓަރުގައި 16 ޕޮއިންޓް ހޯދައިފަ އެވެ. މި މެޗުގައި ރޯޔަލްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ، 11 ޕޮއިންޓް ހޯދި މުހައްމަދު އައިދިން އަހުމަދު އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިރޭ ވެސް ދެ މެޗެއް ކުޅެވޭނެ އެވެ. އެ ގޮތުން, 19:30 ގައި ފަށާ ފިރިހެން ޑިވިޝަން މެޗުގައި ކުޅޭނީ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް އާއި ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އެވެ. އަދި 21:30 ގައި ފަށާ އަންހެން ޑިވިޝަން މެޗުގައި ކުޅޭނީ، ކުއީންސް ބާސްކެޓްބޯލް ކްލަބް އާއި އެލީޓް ބާސްކެޓްބޯލް ކްލަބް އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment