18 ޖަނަވަރީ 2024 - 09:51 2
މުހައްމަދު އުޝާމް
ދާހިލީ ހަނގުރާމައެއްގައި ބަޔަކު ގޮސް ތިބި ދައްކުވައިދޭ އާޓްވޯކެއް - އަދަދު ގްރެފިކްސް
18 ޖަނަވަރީ 2024 - 09:51 2
ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ އިސްލާމީ ބައެއް ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ގޮސް އެކަމުގައި ބައިވެރިވުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް، ރާއްޖޭގައި އިސްލާމީ ފަތުވާގެ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކައުންސިލް ފޯ ފަތުވާ އިން މިއަދު ނެރުނު ފަތުވާގައި ބުނީ ކީރިތި ރަސޫލާ ﷺ ގެ ސާފު ސަރީހަ ބަސްފުޅުތަކުން އެނގޭ ގޮތުގައި މުސްލިމުންނާއި މުސްލިމުން ހަނގުރާ ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ.
އެ ކަމާ ދެކޮޅަށް މުސްލިމުން ކުރަންވީ ކަމަކީ އެ ކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި ދުއާ ކުރުމާއި، އެ ކަމަށް ކެތްތެރިވުމާއި، ބައިބައިނުވުމާއި، އުންމަތުގެ ވަހުދަތަށް ޓަކައި މަސައްކަތް ކުރުން ކަމަށް ފަތުވާގައި ބުނެފައިވެ އެވެ.
"އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތާ ކުރިމަތިވެފައިވާ ފިތުނައެކެވެ. ފިތުނައެއް ކުރިމަތިވުމުން އަމަލު ކުރަންވީ ގޮތް ވެސް ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގެ އެވެ." ފަތުވާގައި ބަޔާންކޮށްފައިވެ އެވެ.
އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ، އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއްގެ ކަމެއް ގޮތަށް ފަތުވާގައި ސިފަކޮށްފައިވެ އެވެ.
"އިސްލާމީ ގައުމުތަކަށް ނިސްބަތްވާ ބަޔަކު ޖިހާދު ކުރުމުގެ ނަމުގައި ހަމަނުޖެހުން ހިނގަމުންދާ ގައުމުތަކަށް ދިޔުމަކީ މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމުތަކުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެންދާނެ ކަމަށެވެ." ފަތުވާގައި ބުނެފައިވެ އެވެ.
ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައިމިވަނީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހި އާއިލާތަކުގެ ތެރެއިން 21 މީހަކު މިދިޔަ އަންގާރަ ދުވަހު ހެނދުނު ދިވެހި ދައުލަތުގެ ހަރަދުގައި ޗާޓަރު ފްލައިޓެއްގައި ގެނެސްފައިވަނިކޮށެވެ.
އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ. އެ މީހުން ގެނައުމަށް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދިވެސް ރާއްޖޭގައި ސީރިއާއަށް ދާން ބޭނުންވާ ދިވެހިން ތިބި ކަމަށް ފާހަގަވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.
Comment