Advertisement

ބޭހަށް ތައިލެންޑަށާއި ޔޫއޭއީއަށް މީހުން ފޮނުވަން އާސަންދައިން މަސައްކަތް ފަށައިފި

17 ޖަނަވަރީ 2024 - 21:07 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އާސަންދަ ބޭސްފިހާރައެއް؛ އާސަންދައިން ބުނީ ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލޭންޑަށް މީހުން ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާކަމަށް -- ފޮޓޯ: އަދަދު


ބޭހަށް ތައިލެންޑަށާއި ޔޫއޭއީއަށް މީހުން ފޮނުވަން އާސަންދައިން މަސައްކަތް ފަށައިފި

17 ޖަނަވަރީ 2024 - 21:07 0

އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާއަށް މީހުން ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އާސަންދައިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، ތައިލެންޑާއި ޔޫއޭއީއަށް މީހުން ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާތީ، އާސަންދަ ކުންފުނިން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއިއެކު ކުރަމުން އަންނަ ކަމަށެވެ.

އެހެން ގައުމުތަކަށް ބޭސްފަރުވާއަށް މީހުން ފޮނުވުމުގެ ވިސްނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކުރިން ބުނެފައި ވާނީ، އޭރު އެފަދަ ވިސްނުމެއް ނެތުމުން ކަމަށާއި، އޭރު ހިދުމަތް ފުޅާކުރަން ނިންމައި އިއުލާނު ނުކުރާކަމަށް ވެސް އެ ބަޔާނުގައި އާސަންދައިން ބުންޏެވެ.

"މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިއުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިއާޔަތްކޮށް މިއީ މި ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި އާއްމުންނަށް ސިފަވާހެން ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް" އާސަންދައިގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ ޑިސެމްބަރު 17ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ އެފަދަ ވިސްނުމެއް ނެތް ކަަމަށާއި، އެހެން ގައުމުތަކަށް މީހުން ފޮނުވުން ވާނީ މާލީ ބުރައަކަށް ކަމަށެވެ.

"އަގުގެ ތަފާތު ހަމަ ވަރަށް ބޮޑު. މިހާރު ވެސް އަދި އިންޑިއާ، ސްރީލަންކާއަށް އެކަނި ފޮނުވާއިރު ވެސް މި ދައްކަނީ ހަމަ ސްކީމްގެ ކޮސްޓު ބޮޑުވެގެންދާ ވާހަ ކަ ދެއްތޯ. އެކަމަކު މި ބެންކޮކް ތަންތަނަށް އަދި ހަމަ އަގުގެ ތަފާތު ހުރޭ ވަރަށް ބޮޑަށް. ޓިކެޓް އެކަނި ބަލާލިޔަސް ހަމަ ކޮސްޓުގެ ޑިފަރެންސެއް އާދޭ." ޒީނިޔާ އޭރު ވިދާޅުވި އެވެ.

ޔޫއޭއީ އާއި ތައިލޭންޑަށް އާސަންދައިން ބޭސްފަރުވާއަށް ފޮނުވުމުގެ މަސައްކަތްކުރާކަން ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެއާޕޯޓުގައި ހުންނަވައިގެން ރައީސް މުއިއްޒު އެވެ.

"އާސަންދައަކީ ވަކި ގައުމަކުން ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ލިބޭ ގޮތަށް ނަހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީއާއި ތައިލެންޑްއަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން،" ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.