Advertisement

މަންހާ ބަލިކޮށް ނަބާ އައިޓީއެފް އޭޝިއާ ޖޫނިއާ މުބާރާތެއް ކާމިޔާބުކޮށްފި

17 ޖަނަވަރީ 2024 - 19:00 3


މަންހާ ބަލިކޮށް ނަބާ އައިޓީއެފް އޭޝިއާ ޖޫނިއާ މުބާރާތެއް ކާމިޔާބުކޮށްފި

17 ޖަނަވަރީ 2024 - 19:00 3

އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޓެނިސް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން އިވެންޓްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފި އެވެ.

ނަބާ ފައިނަލުގައި ބައްދަލުކޮށްފައިވަނީ ރާއްޖޭގެ މަންހާ މުހައްމަދުއާ އެވެ. ފައިނަލް މެޗުން މިއަދު ނަބާ މޮޅުވީ، 6-0، 6-1 އިންނެވެ.

މިއީ ފަސް ދުވަސް ތެރޭގައި ނަބާ ހޯދި ދެ ވަނަ ތަށްޓެވެ. އޭނާ ވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އޭޝިއާގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިން ވެސް ތަށި ހޯދައިފަ އެވެ. އެއީ، ފައިނަލުގައި، ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓްއާ ކުޅެގެން، 6-1، 6-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

އުމުރުން 12 އަހަރުގެ ނަބާ އަކީ، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި އެންމެ ޒުވާން އަންހެން ގައުމީ ޗެމްޕިއަނެވެ. އޭނާ ވަނީ 2021 އާއި 2022 ވަނަ އަހަރު އަންހެން ސިންގަލްސް އޯޕަން ބައިން ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރު ރަނަރަޕަށް ގޮސްފަ އެވެ. އެ ގޮތުން، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ގައުމީ މުބާރާތެއް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައިވަނީ ނަބާ އެވެ.

މި ފަހަރު އައިޓީއެފް މުބާރާތްތަކުން ނަބާ މި ހޯދި ކާމިޔާބީއާ އެކު، އިތުރު ކުރިއެރުން ހޯދަން މަގުފަހިވެގެންދާނެ އެވެ.

އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޓެނިސް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން އިވެންޓްގައި މިއަދު ރާއްޖޭގެ މިކާ މުހައްމަދު ހަލީމް ވަނީ ރޭންކިން މެޗަކުން ކެމްބޯޑިއާގެ ރަތަނަކް އަތުން 2-6، 6-3 އަދި 7-6 އިން ބަލިވެފަ އެވެ. ރޭންކިން މެޗުން ރާއްޖޭގެ އާދަމް އާލް ނިޔާޒް ވަނީ ފްރާންޓްޒް ލަ ޕްލަނޭޓާ އަތުން 6-0، 6-0 އިން މޮޅުވެފަ އެވެ.