Advertisement

ގަތަރު މުބާރާތުން ވެސް ނަޑާލް ނަން ނަގައިފި

16 ފެބުރުވަރީ 2024 - 09:50 0


ގަތަރު މުބާރާތުން ވެސް ނަޑާލް ނަން ނަގައިފި

16 ފެބުރުވަރީ 2024 - 09:50 0

މެޑްރިޑް (ފެބްރުއަރީ 16) - ގަތަރު އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން ނިންމި ނަމަވެސް އަނިޔާއިން ރަނގަޅުނުވާތީވެ، ސްޕެއިނުގެ ލެޖެންޑަރީ ކުޅުންތެރިޔާ، ރަފައެލް ނަޑާލް އެ މުބާރާުތުން ވެސް ނަން ނަގައިފި އެވެ.

އުނަގަނޑަށް ލިބުނު އަނިޔާއަކާ ހެދި، އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ނަޑާލް، 37، ވަނީ ޖެނުއަރީގައި ކުރިއަށްދިޔަ، ބްރިސްބޭން އިންޓަނޭޝަނަލް މުބާރާތުގައި ކުޅެފަ އެވެ. އެ މުބާރާތުގައި ކުޅެނިކޮށް އަނެއްކާ ވެސް އުނަގަނޑަށް އަނިޔާވެ، ނަޑާލަށް ޖެހުނީ، ޖެނުއަރީ މަހު ބޭއްވި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް، އޮސްޓްރޭލިއަން އޯޕަން އިން ވަކިވާށެވެ.

އެ އަނިޔާއާ ހެދި، އަންނަ ހޯމަ ދުވަހު، ދޯހާގައި ފަށާ ގަތަރު އޯޕަން އިން ވެސް ނަޑާލް މި ވަނީ ނަން ނަގައިފަ އެވެ.

"އަަހަރެން އަބަދުވެސް ވަރަށް ގަޔާވޭ ދޯހާގައި ކުޅެން. އެކަމަކު، އަހަރެންގެ ހަށިގަނޑު އަދި ރެޑީއެއް ނޫން، މި ލެވަލްގެ ވާދަވެރި މެޗުތަކަށް ނުކުންނަން،" 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި ހޯދާފައިވާ ނަޑާލް ބުންޏެވެ.

ނަޑާލް، ދެން އެންމެ އަވަހަށް ފެނުމުގެ ފުރުސަތު އޮތީ، އެމެރިކާގެ އިންޑިއަން ވެލްސް އާއި ލަސް ވޭގަސްގައި އޮތް މުބާރާތްތަކުގަ އެވެ. އެ ގޮތުން، އިންޑިއަން ވެލްސް ފެށުމުގެ ކުރިން، ނަޑާލް، ވޭގަސްގައި އެކްސިބިޝަން މެޗެއްގައި ސްޕެއިނުގެ، ކާލޯސް އަލްކަރާޒާ ބައްދަލުކުރާނެ އެވެ.

މި އަހަރުގައި ބާކީ ތިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތާއި އޮލިމްޕިކްސް ވެސް އޮތުމުން، ޓާގެޓްތަކަކީ ކޮބައިތޯ އެހުމުން ނަޑާލްގެ ޖަވާބަކީ، ފިޓްކޮށް ހުރެފިނަމަ ވާދަކުރާނެ ކަމަށެވެ.