Advertisement

އޭސީސީ މެންސް ޗެލެންޖާސް ކަޕަށް ގައުމީ ކްރިކެޓް ޓީމުން ފަރިތަކުރުންތައް ކުރިއަށް

19 ޖަނަވަރީ 2024 - 09:15 0

އަތޫފް އާތިފް

އަތޫފް އާތިފް

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓް ޓީމު ކުޅުނު މެޗެއްގެ ތެެރެއިން.--- ފޮޓޯ: ނައުޝަމް ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އޭސީސީ މެންސް ޗެލެންޖާސް ކަޕަށް ގައުމީ ކްރިކެޓް ޓީމުން ފަރިތަކުރުންތައް ކުރިއަށް

19 ޖަނަވަރީ 2024 - 09:15 0

ތައިލެންޑުގައި މި މަހު ފަހުކޮޅު ފަށާ އޭސީސީ މެންސް ޗެލެންޖާސް ކަޕަށް ގައުމީ ކްރިކެޓް ޓީމުން ފަރިތަކުރުންތައް ފަށައިފި އެވެ.

މި މަހު ފަހުކޮޅު ފަށާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން އަށް ގައުމަކުން ބައިވެރިވާނެ އެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމު މި އަހަރުގެ ޑިސެމްބަރު މަހު ކުރިއަށްދާ އެސީސީ މެންސް ޕްރިމިއާ ކަޕަށް ކޮލިފައިވާނެ އެވެ.

މި މުބާރާތައް ރާއްޖެއިން 14 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައިވާއިރު, ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ހަތަރު ރިސާވް ކުޅުންތެރިންނާ އެކުގަ އެވެ.

ތައިލެންޑް މުބާރާތައް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ނުކުންނާނީ ލަންކާގެ ކޯޗު ޕަޝިންދު ލިޔަނަރާޗީގެ ކޯޗުކަމުގެ ދަށުންނެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން އޮތީ ޖަޕާން, ސިންގަޕޫރް އަދި މުބާރާތް ބާއްވާ ގައުމު ތައިލެންޑެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން އަންނަ މަހުގެ ދެ ވަނަ ދުވަހު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ތައިލެންޑާ ދެކޮޅަށެވެ.

ގައުމީ ކްރިކެޓް ޓީމުން އަންނަނީ އަހަރަކަށް ވުރެ އަހަރެއް އެ ޓީމު ބައިވެރިވާ މުބާރާތްތަކުން ނަތީޖާ ރަނގަޅު ކުރަމުންނެވެ. އެގޮތުން ގައުމީ ޓީމުން ވަނީ 2019 ވަނަ އަހަރު މެލޭޝިއާގެ މުބާރާތަކުން ރަން ވަނަ ހޯދައިފަ އެވެ.

ގައުމީ ކްރިކެޓް ޓީމުން ތަމްރީންތައް ކުރިއަށްގެންދަން، ދާދި ފަހުން ވަނީ އިންޑޯ ކްރިކެޓް ފެސިލިޓީގެ މަރާމާތުގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ކުޅިވަރު އެކުވެނީގައި ގާއިމްކޮށްފައިވާ އިންޑޯ ކްރިކެޓް ފެސިލިޓީ އެޅީ 1980 ގެ ތެރޭގަ އެވެ. އޭގެ ފަހުން، ކްރިކެޓް ބޯޑުން ވަނީ އެތައް ފަހަރު މަތިން މި ފެސިލިޓީ މަރާމާތުކޮށް، ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެސްފަ އެވެ.