Advertisement

އޭސީސީ މުބާރާތުގެ ކުރިން ގައުމީ ކްރިކެޓް ޓީމަށް ރަނގަޅު ފުރުސަތެއް

30 ޖަނަވަރީ 2024 - 14:40 0

ިއިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.


އޭސީސީ މުބާރާތުގެ ކުރިން ގައުމީ ކްރިކެޓް ޓީމަށް ރަނގަޅު ފުރުސަތެއް

30 ޖަނަވަރީ 2024 - 14:40 0

ތައިލެންޑުގައި ކުރިއަށްދާ އޭސީސީ މެންސް ޗެލެންޖާސް ކަޕަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް ލިބުނު ޕްރެކްޓިސް މެޗު ސީރީސްގައި އިންޑޮނޭޝިއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފި އެވެ.

އިންޑޮނީޝިއާއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުން ރާއްޖެ ވަނީ 10 ލަނޑުން މޮޅުވެފަ އެވެ. އެކަމަކު، މިއަދު ކުުޅުނު މެޗުން އިންޑޮނޭޝިއާ މޮޅުވީ، 12 ލަނޑުންނެވެ.

ސްރީ ލަންކާގެ ކޯޗު ޕަޝިންދު ލިޔަނަރާޗީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައުމީ ކްރިކެޓް ޓީމުން އިއްޔެ އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ރާއްޖޭން ވަނީ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން، 128 ލަނޑު ހަދައިފަ އެވެ.

ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 46 ލަނޑު ހެދި، ޔޫސުފް އަޒްޔާން ފަރުހަތު އެވެ. ރާއްޖެ ޓީމުގެ، މުހައްމަދު އައްޒާމް 18 ލަނޑު ހެދިއިރު، އިސްމާއިލް އަލީ ވަނީ 14 ލަނޑު ހަދައިފަ އެވެ.

މި މެޗުގައި އިންޑޮނޭޝިއާ އިން ޖަވާބުގައި ކުޅެން އަރައި، 19.4 އޯވަރުގެ ތެރޭގައި 10 ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދައިފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 43 ލަނޑު ހެދި ކަދެކް ގަމަންތިކާ އެވެ.

ސީރީސްގައި މިއަދު ކުޅުނު މެޗުން، ޓޮސް ދިމާވީ އިންޑޮނޭޝިއާ އަށެވެ. އެ ޓީމުން ނިންމީ ކުޅެން އަރާށެވެ. އިންޑޮނޭޝިއާ އިން ވަނީ 20 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވެގެން، 146 ލަނޑު ހަދައިފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 44 ލަނޑު ހެދި ގެގޭ އަގުސް އަރިއަންދަނާ އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން ނުކުމެ، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން، ހެދުނީ 134 ލަނޑެވެ. ރާއްޖެ އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 33 ލަނޑު ހެދި ކައުޝަލް ރޮޑްރީގޯ އެވެ.

ރާއްޖެ އަށް އިންޑޮނޭޝިއާ ސީރީސް އިން ރަނގަޅު ކަންތައްތަކެއް ދަސްވެ، މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަން ވަނީ ހިތްވަރު ލިބިފަ އެވެ.

އޭސީސީ ޗެލެންޖާސް މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން އޮތީ ޖަޕާން, ސިންގަޕޫރް އަދި މުބާރާތް ބާއްވާ ގައުމު ތައިލެންޑެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން އަންނަ މަހުގެ ދެ ވަނަ ދުވަހު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ތައިލެންޑާ ދެކޮޅަށެވެ.