Advertisement

ފަތާ ޓްރެކް ކައިރި ހުންނަ ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން އެހެން ތަނަކަށް ބަދަލު ކުރަނީ

17 ޖަނަވަރީ 2024 - 12:52 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ފަތާ ޓްރެކް ކައިރި ހުންނަ ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން އެހެން ތަނަކަށް ބަދަލު ކުރަނީ

17 ޖަނަވަރީ 2024 - 12:52 0

މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަމްޕު ސްޓޭޝަން އެތަނުން ނަގައި އެހެން ތަނަކަށް ގެންދިއުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ފަތާ ޓްރެކް ކައިރީ ހުންނަ ސްޓެލްކޯގެ އެ ޕަމްޕު ސްޓޭޝަނަކީ މާލޭގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ އަޅާ ޕަމްޕު ސްޓޭޝަނެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ތަރައްގީކުރި އިރު އެ ޕަމްޕު ސްޓޭޝަންގެ ބޮޑު ބައެއް ހުންނަނީ ވެހިކަލްތަކަށް ދަތިވާ ގޮތަށް ވަރަށް ބޮޑަށް މަގަށް އަރާފަ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕަމްޕު ސްޓޭޝަން އެތަނުން ނަގައި ބޮޑުތަކުރުފާނު މަގު އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ފަހުމީ ވިދާޅުވީ އެ ޕަމްޕް ސްޓޭޝަން ބޮޑުތަކުރުފާނު މަގުން ނަގައި އަލުން ބަހައްޓާނީ އެދިމާލުން މޫދު ހިއްކައިގެން ކަމަށެވެ. އަދި އީއައިއޭ ރިޕޯޓު އެޕްރޫވްވާތާ 60 ދުވަސްތެރޭގައި އެ ޕަމްޕު ސްޓޭޝަން ނެގުމުގެ މަަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވި ގޮތުގައި އެ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތަށް ސްޓެލްކޯ އިން 7.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

"މި ޕަމްޕު ސްޓޭޝަނަކީ މާލޭގެ އިންޖީނުގެތަކަށް ތެޔޮ އަޅާ، ޑީސަލް އަޅާ ޕަމްޕު ސްޓޭޝަން. އެހެންވީމަ މިކަމުގަ އަޅުގަނޑުމެން އެއްވެސް ރިސްކެއް ނުނަގާނަން. މި ދެމުންދާ ހިދުމަތައް އެއްވެސް ބުރޫއެއް ނާރާ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި މަސައްކަތް ކުރާނީ،" ފަހުމީ ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ، ޒިޔާދު ވިދާޅުވި ގޮތުގައި ޕަމްޕު ސްޓޭޝަން ބަދަލުކުރުމަށް މޫދުން 968 އަކަ ފޫޓުގެ ސަރަހައްދެއް ހިއްކާނެ އެވެ. އަދި ހިއްކާ ބިންކޮޅަށް ޕަމްޕު ސްޓޭޝަން ބަދަލު ކުރުމަށްފަހު މިހާރު ހުރި ސްޓޭޝަން ތަޅާލައި އެ ސަރަހައްދުގެ ޕޭވްމަންޓާއި މަގު ވެސް ބޭނުންކުރެވޭ ގޮތަށް ހަދާނެ ކަމަށް ވިދާޅުވި އެވެ.

"މިއަށް ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުރި. ސާވޭ ހެދުމަށްފަހު ޝީޓް ޕައިލްކޮށް ޕްލެޓްފޯމް ހަދާލަންޖެހޭ ފެނުގަ. ދެން އެތަނަށް ހަދަންޖެހޭ ސްޓްރަކްޗާގެ މަސައްކަތް ނިމުމަށްފަހު މެޝިނަރީސް އެތަނަށް ބަދަލުކޮށްފަ ދެން އެތަން ޑިމޮލިޝް ކުރާނީ،" ޒިޔާދު ވިދާޅުވި އެވެ.

ސްޓެލްކޯ އިން އަންނަނީ މާލޭގެ މަގުތައް ބޭނުންކުރުމުގައި ދަތިވާ ގޮތަށް ހުރި އެކުންފުނީގެ ސްޓޭޝަންތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާވެޔޮ މިސްކިތް ކައިރީ މަގަށްވާ ގޮތަށް ހުރި ޓްރާންސްފޯމަރު ވެސް އެކުންފުނިން ވަނީ މިހާރު އެތަނުން ނަގައިފަ އެވެ. އަދި ސްޓެލްކޯ އޮފީހާ އިންވެގެން އޮންނަ ދޮން އަނދަރާދަ މަގު ހުސްކޮށް އަލުން ހުޅުވާލުމުގެ މަސައްކަތް ވެސް އެކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.