Advertisement

ވައި ނުސާފު ދުވަސްކޮޅެއް: މިކަންކަމަށް ސަމާލުވުން މުހިންމު

17 ޖަނަވަރީ 2024 - 14:04 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ވައި ނުސާފު ދުވަސްކޮޅެއް: މިކަންކަމަށް ސަމާލުވުން މުހިންމު

17 ޖަނަވަރީ 2024 - 14:04 0

ވައި ބަދަލުވުމުގެ ސަބަބުން މި ދުވަސްކޮޅު މާލެ އާއި ބައެއް ސަރަހައްދުތަށް ވައި ނުސާފެވެ. މި ހަފްތާގެ ތެރޭގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ފަސް ކިލޯމީޓަރަށްވުރެ ވެސް ދަށްވި އެވެ.

ވައި ނުސާފު ވަނީ ހިރަފުހާއި، ކަނޑުގެ ލޮނު ވަޔާ އެއްވުމުންނެވެ. މި ދުވަސްވަރަކީ ރާއްޖެއާއި، އަވައްޓެރި ބައެއް ގައުމުތަކަށް ވެސް ވައި ނުސާފު ދުވަސްވަރެކެވެ. ވައިގެ ސާފްމިން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށް ބޭނުންކުރާ "އައިކިއުއެއާ"އިން ދައްކާ ގޮތުން އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފެވެ.

އައިކިއުއެއާ އިން ވައިގެ ސާފްމިން ބަލަނީ ރޭންޖުތަކަކަށް ބަހާލައިގެންނެވެ. ވައި ނުސާފްވާ މިންވަރާ އެކު، ސިއްހީ ގޮތުން ކުރިމަތިވާނެ ނުރައްކަލާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ބަޔާންކޮށްދީފައި ހުރެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވައިގެ ސާފްމިން ބެލޭނެ ވަސީލަތްތައް ގާއިމްކޮށްފައި ހުރެ އެވެ. އުތުރުން ށ. ފުނާދޫ އާއި، މާލެ އާއި، ލ. ގަން އަދި ދެކުނުން ފުވައްމުލަކާއި އައްޑޫ ސިޓީގެ ވައިގެ ސާފްމިން ބެލޭނެ އިންތިޒާމް އެންވަޔަރަމެންޓު މިނިސްޓްރީން ވަނީ ގާއިމްކޮށްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ ސާފްމިން މިއަދު ހުރި މިންވަރު:

  • މާލެ ސިޓީ - 152
  • ށ. ފުނަދޫ - 165
  • ލ. ގަން - 153
  • ފުވައްމުލައް ސިޓީ - 151
  • އައްޑޫ - 156

ވައިގެ ސާފްމިން ރޭންކުކުރާ މިންގަނޑުތަކާއި، ނުރައްކާވާ މިންވަރު:

0-50: ވައިގެ ކޮލެޓީ ރަނގަޅު މިންގަނޑެއްގައި، ނުރައްކަލެއް ނެތް

51-100: ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެން ވާތީ ނާޒުކު ހާލަތުގައި ތިބޭ މީހުން ސަމާލުވާން ޖެހޭ

101-150: އާންމުކޮށް ހުރިހާ އެންމެންނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައި ތިބޭ މީހުންނަށް އުނދަގޫތައް ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮވޭ

151-200: އާންމުކޮށް އެންމެންގެ ފުއްޕާމެއާއި ހިތަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު

201-300: އާންމުކޮށް އެންމެންނަށް އެކަމުގެ އަސަރު ފާހަގަކުރެވޭނެ، ނާޒުކު ފަރާތްތަކުން ބޭރުގައި ހަރަކާތްތެރިވުން ހުއްޓާލެވޭނެ

+300: އާންމުކޮށް އެންމެންނަށް ވަރަށް ބޮޑަށް އުނދަގޫވުމާއި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ބޮޑު. ބޭރުގައި ހަރަކާތްތެރިވުމުން ދުރުހެލިވާން ޖެހޭ

ނޯޓް: މީގައި ނާޒުކު ފަރާތްތައް މާނަކުރަނީ، ތުއްތުކުދިންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ފުއްޕާމެއާއި ހިތުގެ ބަލި މީހުންނެވެ.

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

ވައި ނުސާފު ދުވަސްވަރުގައި ބޭރަށް ނިކުމެ ކަސްރަތުކުރުން ފަދަ ކަންކަން ކުރުން ރައްކާތެރި އެއް ނޫނެވެ. އަދި އާންމުކޮށް ގޭގެ ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމާއި، ބޭރަށް ނިކުތުމުގެ ކުރިން އަނގަޔާއި ނޭފަތް ނިވާކުރެވޭ ވަރުގެ މާސްކެއް އެޅުން ބުއްދިވެރި އެވެ.

މީގެ އިތުރުން ގޭތެރޭގެ ވައި ސާފްކުރުމަށްޓަކާ އެއާ ޕިއުރިފަޔާ ބޭނުންކުރުން ރަނގަޅެވެ.

މިފަދަ ދުވަސްވަރެއްގައި އެންމެ ބޮޑަށް ރައްކާތެރިވެ ތިބުން މުހިންމީ ނާޒުކު ހާލަތުގައި ތިބޭ މީހުންނެނެވެ. އެފަދަ މީހުން ބޭރަށް ނިކުތުމުގެ ކުރިން ވައިސާފްމިން ބަލައި ރައްކާތެރިވާން ޖެހެއެވެ.