Advertisement

ވައިރަލް ހުމެއް ފެތުރޭ ކަމަށް ބުނެ، ހުޅުމާލެ ހޮސްޕިޓަލުގަ ބިދޭސީންނަށް ވަކި އޯޕީޑީއެއް

6 މާރިޗު 2024 - 14:36 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހުޅުމާލޭ މަސައްކަތު ސައިޓުތަކުގައި އުޅޭ ބިދޭސީންތަކެއް: -- ފޮޓޯ: އަދަދު


ވައިރަލް ހުމެއް ފެތުރޭ ކަމަށް ބުނެ، ހުޅުމާލެ ހޮސްޕިޓަލުގަ ބިދޭސީންނަށް ވަކި އޯޕީޑީއެއް

6 މާރިޗު 2024 - 14:36 1

ބިދޭސީންގެ މެދުގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް ބުނެ، ހުޅުމާލެ ހޮސްޕިޓަލުގައި ބިދޭސީން ބެލުމަށް ވަކި ޑޮކްޓަރު ކޮޓަރިއެއް ހަމަޖައްސައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ "އެކްސްޕެޓް އޯޕީޑީ" ގެ ވެއިޓިން ލިސްޓުގެ މެސެޖެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި މިކަމާއި ގުޅިގެން އާންމުންގެ ތެރެއިން ގިނަބަޔަކު އަންނަނީ ނަސްލީ ތަފާތުކުރުމުގެ ކަންބޮޑުވުމާ އެކު އެ ހޮސްޕިޓަލަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ބުނީ، ބިދޭސީންގެ މެދުގައި ވައިރަލް ހުމެއް ފެތުރެމުންދިޔުމާ ގުޅުގެން، އެމީހުންގެ ބަސް ދަންނަ ޑޮކްޓަރުން ތިބޭ ވަކި ޑޮކްޓަރު ކޮޓަރިއެއް ހަމަޖައްސައިފައިވާ ކަމަށެވެ.

އެއީ ނަސްލީ ތަފާތު ކުރުމުގެ މަގުސަދުގައި ކުރި ކަމެއް ނޫންކަމަށާއި، އެގޮތަށް ހަމަޖެއްސުމުން ބިދޭސީންނަށް ވެސް ހިދުމަތް ލިބިގަތުމުގައި ފަސޭހަވާނެކަން މީޑިއާ އޮފިޝަލު ފާހަގަކުރި އެވެ.

"ވަކި ރޫމްއެއް އަޅުގަނޑުމެއް އެލޮކޭޓް ކޮށްދިނީ. އެބޭފުޅުންނަށް ވަރަށް ފަސޭހަވާނެ އެބޭފުޅުންގެ ބަސް ދަންނަ ޑޮކްޓަރެއް އެލޮކޭޓް ކޮށްދިނީމަ. އަޅުގަނޑުމެން ހަމަ ޓެކްނިކަލީ ދޭންޖެހޭ އެއްވެސް ކަމެއް މިސްނުކޮށް ދިވެހިންނަށް ވެސް ބިދޭސީންނަށް ވެސް މި ދެނީ،" ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މީގެ އިތުރުން ބިދޭސީންގެ ތެރޭގައި ފެތުރެމުންދާ ވައިރަލް ހުމާއި ގުޅޭގޮތުން ހުޅުމާލެ ހޮސްޕިޓަލުން އެޗްޕީއޭއަށް ވެސް އަންގާފައިވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި އަމާޒަކީ ތަފާތުކުރުން ނޫންކަމަށާއި އަވަސް ހިދުމަތެއް ދިނުން ކަމުގައި ވިދާޅުވި އެވެ.

"މި ދުވަސްކޮޅު އެމީހުންގެ ތެރޭގަ އެބައުޅޭ ވައިރަލް އައުޓްބްރޭކެއް. ވަރަށް ގިނަ ބަޔަކު ބަލިވެގެން އެކީގަ އެއްފަހަރާ މި އަންނަނީ. ސައިޓްތަކުން އެބަ އާދޭ 20 އިން 30 އިނގޭތޯ. މި ބަލަނީ ޕްރަޔޯރަޓައިޒް ކޮށްގެން ވިޔަސް އެގޮތަށް އަންނަ މީހުންނަށް އަވަސް ހިދުމަތެއް ދެވޭތޯ،" މީޑިއާ އޮފިޝަލު ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބިދޭސީންނަށް ވަކި އޯޕީޑީއެއް ހަމަޖެއްސުމާއި ގުޅިގެން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) ގެ އެގްޒެކެޓިވް ބޯޑް މެމްބަރު، އަބްދުﷲ ނާހިދް 'އަދަދ' އަށް ވިދާޅުވީ، ސިއްހީ ހިދުމަތް ފަދަ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެމީހަކު ނިސްބަތްވާ ގައުމު، އަދި އެހެން ހާލަތްތަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

"ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގަ ބިދޭސީ ފަރާތްތަކަށް، އަޅުގަނޑުމެނާ އެކު މަސައްކަތްކުރާ، ގައުމުގެ ތަރައްގީގަ ފުރިހަމައަށް ބައިވެރިވާ އަދި ބޮޑު ހިއްސާއެއް އަދާ ކުރާ ބައެއްގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގަ ތަފާތުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" ނާހިދް ވިދާޅުވި އެވެ.

އެގޮތުން ދިވެހިންނޭ އެއްގޮތަށް އެއް ކިއުޔެއްގައި އެއް އުސޫލަކުން ބިދޭސީންނަށް ވެސް ސިއްހީ ހިދުމަތްތައް ލިބެން ޖެހޭނެކަމަށާއި، ގާނޫނުގައި ވެސް އެކަން ބަޔާންކޮށްފައިވާނެ ކަން ނާހިދް ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބިދޭސީންނަށް ވަކި އޯޕީޑީއެއް ކަނޑައެޅުމާއި ގުޅިގެން އާއްމުންގެ ގިނަބަޔަކު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މީގެ ސަބަބުން އެމީހުން ވަރަށް ގިނަ އިރު ކިޔުގަ މަޑުކުރަންޖެހޭ. ގާތްގަނޑަކަށް 60 މީހުން އެބަތިބޭ ކިޔުގަ،" އެކްސްގައި ޒުވާނަކު ލިޔެފައިވެ އެވެ.

ރާއްޖޭގައި ދިރުއުޅޭ ބިދޭސީންނާއި މެދު ތަފާތުކުރުންތައް ގެންގުޅޭ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެގޮތުން ޖޫން 21، 2023 ގައި މާލެ ސިޓީ ކައުންސިލުން ވަނީ ޕާކުތަކަށް ވޯކް ޕާމިޓް އޮތް ބިދޭސީންނާއި ޓޫރިސްޓުންނަށް ފައިސާ ދައްކައިގެން ނޫނީ ނުވަދެވޭ ގޮތަށް ކަނޑައަޅައި، އެފަދަ މީހުންގެ އަތުން ނަގާނެ ފީތަކެއް ވެސް ކަނޑައަޅައިފަ އެވެ.