Advertisement

ލަކްޝަދީބާ ރާއްޖޭގެ ރީތިކަން އަޅައެއް ނުކިޔޭނެ: ޖޯޖް ކޯބިން

17 ޖަނަވަރީ 2024 - 17:02 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ލަކްޝަދީބްގައި އެންމެ ފުރަތަމަ ރިސޯޓެއް ހުޅުވި ބަންގަރަމް: ލްކްޝަދީބް އަށް ޓޫރިޒަމް ތައާރަފުކުރީ ވެސް ކޯބިން -- ފޮޓޯ/ ޓްރިޕް އެޑްވައިޒާ


ލަކްޝަދީބާ ރާއްޖޭގެ ރީތިކަން އަޅައެއް ނުކިޔޭނެ: ޖޯޖް ކޯބިން

17 ޖަނަވަރީ 2024 - 17:02 0

އިންޑިއާގެ ލަކްޝަދީބާ ރާއްޖެގެ ގުދުރަތީ ރީތިކަމާއި އަޅާނުކިޔޭނެ ކަމަށް ރާއްޖެ އާއި ލަކްޝަދީބަށް ޓޫރިޒަމް ތައާރަފު ކޮށްދެއްވި ޖޯޖް ކޯބިން ވިދާޅުވެއްޖެ އެވެ.

މީގެ 52 އަހަރު ކުރިން 1972 ގައި ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކޮށްދެއްވި ކޯބިން ވިދާޅުވީ، ރާއްޖެ ރަށްތަކާއި އެގޮތް 36 ރަށުގެ މައްޗައް އެކުލެވޭ، ލަބްޝަދީބަކީ ވެސް ރީތި ތަނެއް ކަމާއި ނަމަވެސް ރާއްޖޭގެ ރީތިކަން މާ ފުރިހަމަ ކަމަށެވެ.

"ލަކްޝަދީބް ވެސް ރީތި، އެކަމަކު ރާއްޖެ އަށް ލިބިފައި އެބަހުރި ހުރިހާ ފުރިހަމަ ކަމެއް، ހިތްގައިމު ރަށްތަކާއި އަތޮޅު ތަކާއި ޑައިވިން އާއި މީހުންގެ ހިތްހެޔޮ ކަމަށް ބަލާއިރު،" އިޓަލީ އަށް އުފަން ކޯބިން ވިދާޅުވި އެވެ.

ޑައިވް ކުރުމަށް ލޯބި ކުރައްވާ ކޯބިން ވިދާޅުވީ ކަނޑުއަޑީގެ ރީތިކަމަށް ބަލާއިރު، ރާއްޖޭގެ ރީތިކަމާ ގާތްކުރާވަރުގެ ރިތިކަމެއް ލަކްޝަދީބްގައި ނެތް ކަމަށެވެ.

"ޑައިވިން އަށް ބަލާއިރު، ލަކްޝަދީބް އޮތް ޖޯގްރޮފިކަލް ލޮކޭޝަން ގެ ގޮތުން ރާއްޖެ މާ ރީތި، ލަކްޝަދީބް އަކީ އިންޑިއާ އަށް ދާ ޓޫރިސްޓުން ރިޔާރަތްކުރަން ރަނގަޅު ތަނެއް،" ލަކްޝަދީބްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާނެ ކަމަކަށް ކޯބިން ދެކެވަޑައެއް ނުގަނެ އެވެ.

މަސްވެރި ގައުމެއްގެ ގޮތުގައި އޮތް ރާއްްޖެ، ޓޫރިޒަމްގެ މަންޒިލަކަށް ބަދަލުކޮށްލުމުގެ ފެށުމަކަށްވީ، ފެބްރުއަރީ 16، 1972 ވަނަ ދުވަހު ކޯބިން ރާއްޖެ ގެނައި އިޓަލީ ވިލާތުގެ ޓޫރިސްޓު ގްރޫޕެވެ. އޭނާ ގެންނެވި ނޫސްވެރިން އެނބުރި ގައުމަށް ގޮސް، "އާ ސުވަރުގެ އެއް ފެނިއްޖެ" ކަމަށް ނޫސް ތަކުގައި ޖެހި އެވެ. ވިހަމަނާފުށީގައި (ކުރުނބާ) ރިސޯޓު ހެދުމުގެ ހިޔާލު ދެއްވާ، ރިސޯޓް ހުންނަންވީ ގޮތް ކިޔާ ދެއްވީ ވެސް ކޯބިން އެވެ.

ލަކްޝަދީބްގަ ފުރަތަމަ ޓޫރިސްޓް ރިސޯޓެއް ހުޅުވީ ބަންގަރާމް ގައި 1974 ވަނަ އަހަރު އެވެ. އެ ރިސޯޓް ތަރައްގީ ކުރުމަށް ހިޔާލުދީ ޓޫރިސްޓުން ގެންދިއުމަށް ވެސް، ކޯބިން ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.

"ޓާޓާ އާއިލާ އިން ދައުވަތުދިނީ ރިސޯޓް ތަރައްގީ ކުރަން އެހީވާން، ދަތުރުފަތުރުގެ ކަންތައް ހުރިގޮތުން (ލަކްޝަދީބް އަށް) ޓޫރިސްޓުން ގެންދިއުމަކީ ދަތިކަމަކަށްވި، އޭރު ޓޫރިސްޓުން ގެންދިއައީ ކޮޗިން އިން ކަނޑުމަގުން،" ކޯބިން ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ ހިއްސާވާ އިންޑިއާ ހޮޓެލް ކޯޕްރޭޝަން ލިމިޓެޑުން ހުޅުވި ބަންގަރާމް ރިސޯޓް 1982 ވަނަ އަހަަރު، ހިންގުން ހުއްޓާލީ ވިޔާފާރި ދަށްވެގެންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި އަަހަރުގެ ފުރަތަމަ ހަފުތާގައި ލަކްޝަދީބަށް ވަޑައިގެން، ދުނިޔޭގެ ސަމާލުކަމަށް ލަކްޝަދީބް ގެންނެވުމުގެ މާކުރިން، އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީ ވަނީ 1969 ވަނަ އަަހަރު ލަކްޝަދީބަށް ވަޑައިގެން، ޓޫރިޒަމް މަންޒިލަކަށް ލަކްޝަދީބް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.