Advertisement

މާޒިޔާ އިސްނަގައި، 10 ކްލަބްގެ ތާއީދާ އެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ހުށަހަޅައިފި

17 ޖަނަވަރީ 2024 - 09:22 0

މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު (ވ) އެ ކްލަބްގެ ކެޕްޓަން ސަމޫހުއާ އެކު، ޕްރެޒިޑެންޓްސް ކަޕް ތަށި ހިފައިގެން.... ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މާޒިޔާ އިސްނަގައި، 10 ކްލަބްގެ ތާއީދާ އެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ހުށަހަޅައިފި

17 ޖަނަވަރީ 2024 - 09:22 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިސްނަގައި، 10 ކްލަބްގެ ތާއީދާ އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ހުށަހަޅައިފި އެވެ.

މާޒިޔާ އަކީ އެފްއޭއެމް އިން މި މަހު 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި، އަހުމަދު ތޯރިގު (ޓޮމް) އަށް ތާއީދުކުރަން ނިންމާފައިވާ ކްލަބް އެކެވެ. މާޒިޔާ އިސްވެ، އެފްއޭއެމްގެ މެމްބަރު 18 ކްލަބްގެ ތެރެއިން 10 ކްލަބްގެ ތާއީދާ އެކު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ގޮވާލާފައިވާއިރު، އިންތިހާބުގައި ތޯރިގުގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް، އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ތޯރިގު އެ ނިންމުން އިސްތިއުނާފް ކުރި ނަމަވެސް، މައްސަލަ ބަލާނެ، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އުސޫލުގެ ތެރެއިން އެކުލަވާލެވިފައި ނެތުމުން އެފްއޭއެމުން އެ ކަމުގައި އަމަލުކުރާނެ ގޮތެއް އަހާފައިވަނީ ފީފާ އާއި އޭއެފްސީގައި ކަމަށް ވަނީ ބުނެފަ އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ގޮވާލައި މާޒިޔާ އިން ފާހަގަކޮށްފައިވާ ކަންކަމަކީ، އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަން އަސާސީ ގަވާއިދު ލާޒިމް ކުރާ ކޮމިޓީތައް ނެތުމާއި، އުސޫލާޚިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލެވިފައިވާތީއާއި ،ބައެއް މީހުން އިސްތިއުފާދީފައިވާތީއާ އެކު، އެ އިދާރާ މުއައްސަސާއެއްގެ ގޮތުގައި ހިންގަން ހުންނަންޖެހޭ ކޮމިޓީތައް އެކުލަވާލުމަށްޓަކައި އެކަށީގެންވާ ތާއީދާ އެކު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދޭ ކަމަށެވެ.

މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ސޮއިކުރައްވާ އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ގޮވާލާފައިވާ މި މަސައްކަތަށް ތާއީދުކޮށްފައިވާ ކްލަބްތަކަކީ، މާޒިޔާގެ އިތުރުން، ކްލަބް ވެލެންސިއާ، ކުޑަހެންވޭރު ޔުނައިޓެޑް، ޓީސީ ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ޓެންޓް ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސީބީއެލް ސްޕޯޓްސް އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ބަލާއިރު، މާޒިޔާ އިން ހުށަހަޅާފައި މިވާ ގޮތަށް، 14 ދުވަސްތެރޭގައި މި އެކްސްޓްރާ ކޮންގްރެސް ބާއްވަން ޖެހޭނެ އެވެ. އެ ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ނުބާއްވައިފިނަމަ ތިން ދުވަސްތެރޭގައި ފީފާ އަދި އޭއެފްސީގެ އެހީއާ އެކު ޓީމުތައް އަމިއްލަ އަށް ކޮންގްރެސް ބޭއްވޭނެ އެވެ.